
މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން ފިނޭންސް މިނިސްޓަރު، ހަސަން ޒަރީރު,, ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ބަޖެޓު ކުޑަވި ނަމަވެސް ޑެފިސިޓް ބޮޑުވާނެ ކަމަށް ލަފާކޮށް 59.7 ބިލިއަންގެ ބަޖެޓެއް މަޖިލީހަށް!

އާމިނަތު ޝަޒްލާ - 29 އޮކްޓޯބަރު 2026 - 10:38
އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު، ސަރުކާރުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބަޖެޓު ހުށަހަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. މިއަދު ހުށަހެޅި ބަޖެޓަކީ މި އަހަރުގެ ބަޖެޓު ކަމުގައިވާ 64.2 ބިލިއަން ރުފިޔާއަށް ވުރެ 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.
ޖުމުލަ ބަޖެޓު ދަށްވި ނަމަވެސް، އަންނަ އަހަރު ސަރުކާރުން ކުރާ ހަރަދުތައް 52.6 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިއީ މި އަހަރަށް ވުރެ 3.3 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މި ހަރަދުތަކުގެ ބޮޑު ބައެއް ހިއްސާކުރަނީ ތަރައްގީގެ މަޝްރޫއުތަކަށެވެ. އެގޮތުން މަޝްރޫއުތަކަށް ކުރާ ހަރަދު 6.8 ބިލިއަން ރުފިޔާއިން 9.9 ބިލިއަން ރުފިޔާއަށް އުފުލިގެންދާނެ އެވެ. ތަރައްގީގެ ހަރަދުތައް އިތުރުވި ނަމަވެސް، މުވައްޒަފުންގެ މުސާރަ އާއި ސަބްސިޑީ ފަދަ ސަރުކާރު ހިންގުމުގެ ރިކަރަންޓް ހަރަދުތައް 42.7 ބިލިއަން ރުފިޔާގައި ހިފެހެއްޓުމަށް ބަޖެޓުގައި ވަނީ ކަނޑައަޅައިފަ އެވެ.
އާމްދަނީގެ ގޮތުގައި އަންނަ އަހަރު ދައުލަތަށް 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، މިއީ މި އަހަރަށް ވުރެ 1.4 ބިލިއަން ރުފިޔާ އިތުރު ޢަދަދެކެވެ. ނަމަވެސް، އާމްދަނީއަށް ވުރެ ހަރަދު އިތުރުވުމުގެ ސަބަބުން އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް 9.4 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. މިއީ މި އަހަރު ނިމޭއިރު ހުންނާނެ ކަމަށް ބެލެވޭ 7.6 ބިލިއަން ރުފިޔާގެ ޑެފިސިޓާ އަޅާބަލާއިރު 25 ޕަސެންޓުގެ އިތުރުވުމެކެވެ. މިއާއެކު، ޖީޑީޕީގެ ނިސްބަތުން ބަޖެޓު ޑެފިސިޓް ހުންނާނީ 6.2 ޕަސެންޓުން 7.3 ޕަސެންޓަށް އުފުލިފަ އެވެ.
މި ޑެފިސިޓު ފޫބެއްދުމަށާއި ދަރަނި އަނބުރާ ދެއްކުމަށްޓަކައި، ފައިނޭންސިންގެ ގޮތުގައި އަންނަ އަހަރު ހޯދަން ރާވާފައިވަނީ 18.9 ބިލިއަން ރުފިޔާ އެވެ. މިއީ މި އަހަރު ފައިނޭންސް ކުރަން ޖެހުނު 24.7 ބިލިއަން ރުފިޔާއަށް ވުރެ ބޮޑުތަން ދަށް އަދަދެކެވެ. ފައިނޭންސިންގެ އަދަދާއި ޖުމްލަ ބަޖެޓު ކުޑަވި މައިގަނޑު ސަބަބަކީ، އަންނަ އަހަރު އަނބުރާ ދައްކަންޖެހޭ ދަރަނީގެ އަދަދު 4.5 ބިލިއަން ރުފިޔާއަށް މަދުވުމެވެ. މި އަހަރު ނިމޭއިރު ދަރަނި ދައްކަން 11.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެވޭއިރު، އަންނަ އަހަރު ދަރަނި ދެއްކުމަށް ހޭދަކުރަން ޖެހޭ އަދަދު 7.2 ބިލިއަން ރުފިޔާ މަދުވާނެ އެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު، ސަރުކާރުން މިހާރު ލަފާކުރަނީ މި އަހަރު ކަނޑައެޅި އަމާޒަށް ފަތުރުވެރިން ނާންނާނެ ކަމަށެވެ. އެހެން ނަމަވެސް، އަންދާޒާ ކުރި ވަރަށް މި އަހަރު އާމްދަނީ ލިބޭނެ ކަމަށާއި އަންނަ އަހަރު ފަތުރުވެރިކަން ކުރިއަރާނެ ކަމަށް ފިނޭންސުން ބުނެ އެވެ. އެގޮތުން އަންނަ އަހަރު 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭއިރު، "ވިޒިޓް މޯލްޑިވްސް އިޔާ" ގެ ހަރަކާތްތަކާއެކު މި އަދަދު 2.5 މިލިއަނަށް މަތިކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
މިނިސްޓަރު ޒަރީރު ފާހަގަކުރެއްވި ގޮތުގައި، މި އަހަރު ރާއްޖޭގެ އިގުތިސޯދަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ އެވެ. އެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިން އައުން މަދުވެ، މުޅި އިގުތިސޯދަށް އޭގެ ނޭދެވޭ އަސަރު ފޯރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން މި އަހަރު އިގުތިސޯދު ކުރިއަރާނީ 0.6 ޕަސެންޓާއި 1.8 ޕަސެންޓާ ދެމެދު ކަމަށް ބެލެވުނަސް، އަންނަ އަހަރު އިގުތިސޯދީ ދުވެލި ބާރުވެ، ކުރިއެރުން 3.9 ޕަސެންޓާއި 6.8 ޕަސެންޓާ ދެމެދުގެ މިންވަރަކަށް އުފުލޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
ރާއްޖޭގެ މާލީ ހާލަތު ފަހަކަށް އައިސް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު ދައުލަތުގެ ދަރަނި ވަރަށް ބޮޑަށް އުފުލިފައިވާއިރު، ބޭރުގެ ދަރަނި އަނބުރާ ދެއްކުމަކީ ރާއްޖެއަށް އޮތް އެންމެ ބޮޑު މާލީ ބުރައެވެ. މި ހިނގާ އަހަރަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނަ އަދަދަކަށް ބޭރުގެ ދަރަނި ދައްކަން ޖެހުނު އެއް އަހަރެވެ.
ދައުލަތުގެ ބަޖެޓު އަހަރުން އަހަރަށް ބޮޑުވަމުން ގޮސް ފާއިތުވި އަހަރުތަކުގައި ބަޖެޓު 50 ބިލިއަނުން މައްޗަށް އަރާފައިވާއިރު، ހަރަދުތައް ކުޑަކުރުމަށާއި، ސަބްސިޑީތައް ހައްގުވެރިންނަށް އެކަނި ލިބޭނެ ގޮތަށް ބަދަލުކުރުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން (އައިއެމްއެފް އަދި ވޯލްޑް ބޭންކް) އަންނަނީ ތަކުރާރުކޮށް ލަފާދެމުންނެވެ.
މީގެ އިތުރުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުޅި ދުނިޔޭގެ އިގުތިސޯދަށް ކުރިމަތިވި ލޮޅުންތަކުގެ އަސަރު ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގުތިސޯދަށް ވަރަށް ބޮޑަށް ކޮށްފައިވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ ފައިސާއިން 700 މިލިއަން ޑޮލަރު ޚަރަދުކޮށް ހިއްކާ ބިން އީގަލް ހިލްސްއަށް ދެނީ ހިލޭ: ރައީސް ޞާލިޙް
2 ގަޑިއިރު ކުރިން

ތަރައްޤީގެ ނަމުގައި ޒަޔަނިސްޓުންނަށް ދޫދިނުމެއް ނެތް: ދިވެހި ރައްޔިތުންގެ އަޑު ކަނޑުވައެއް ނުލެވޭނެ!
6 ގަޑިއިރު ކުރިން

ފިހާރައެއްގެ ބިލްބޯޑުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ބަލަންފަށައިފި
6 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
މަހުދީއަށް އިޓަލީގެ އެންމެ މަތީ ޝަރަފު ދިނުމާއެކު މަހުދީގެ އާއިލާ އަށް އިޓަލީން އެހީތެރިވަނީ
6 ގަޑިއިރު ކުރިން


