logo

އަތޮޅު ކައުންސިލްތައް އިތުރަށް ބާރުވެރި ކުރުމަށް މިނިސްޓަރު އާދަމް ޝަރީފް މަޖިލީހަށް

profile

އައިޝަތު އިނާޝާ - 19 އޯގަސްޓު 2024 - 21:35

ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު

ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތުގެ ތެރެއިން އަތޮޅު ކައުންސިލްތައް އިތުރަށް ބާރުވެރި ކުރުމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރުންމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް އުމަރު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ލާމަރުކަޒީ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި މަސައްކަތް ކުރުމަށް ރާވާފައިވާ ގޮތާއި މި މަސައްކަތް ކުރުމުގައި އެ މިނިސްޓްރީން މަސައްކަތްތައް ރާވާފައިވާގޮތްތަކާއި އެކަމުގައި ލާމަރުކަޒީ ކޮމިޓީގެ ޚިޔާލު ހޯދުމަށް މަޝްވަރާކޮށްފައިވެއެވެ.

ބައްދަލުވުމުގައި މިނިސްޓަރު ވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތަކާއި ރާއްވަވާފައިވާ ކަންކަން ހިއްސާ ކުރެއްވާފައެވެ. މިގޮތުން ޤައުމީ ޔުނިވަރސިޓީ މެދުވެރިކޮށް ހަދަމުންދާ ދިރާސާއާއި ކައުންސިލްތައް އުމްރާނީގޮތުން ތަރައްޤީ ކުރުމަށް ކުރައްވާ މަސައްކަތްތަކާއި ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކުރައްވާ މަސައްކަތްތައް ހިއްސާ ކުރެއްވިއެވެ.

ޤާނޫނުއަސާސީގެ 8 ވަނަ ބާބު ޚާއްޞަކޮށްފައިވަނީ ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމަށް ކަމަށްވެފައި، ރާއްޖެއަކީ ޤުދުރަތީގޮތުން އަތޮޅުތަކަށް ބެހިފައިވާ ޖަޒީރާ ޤައުމަކަށް ވާއިރު، ޤާނޫނުއަސާސީގެ ޖަދުވަލު 2 ގައި އިދާރީ ދާއިރާތައް ކަމުގައި ބުނެފައިވަނީ އަތޮޅުތައް ކަމަށް ވާތީވެ، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، އަތޮޅު ކައުންސިލްތައް އިތުރަށް ބާރުވެރި ކުރުމުގެ މުހިންމުކަން މިނިސްޓަރ މަޖިލީހުގައި ހިއްސާ ކުރެއްވިއެވެ. އަދި މާލެއިން މީހުން ގެންގޮސްގެން ރަށްރަށުގެ ކަންކަން ކުރުމުގެ ބަދަލުގައި އަތޮޅު ކައުންސިލް ބާރުވެރި ކުރުވަންޖެހޭކަން ފާހަގަކުރައްވައި، އަތޮޅު ކައުންސިލްތަކުގައި ޤާނޫނީ ވަކީލުން، އެލް.ޔޫ.ޕީ ހެދުމާއި އޮޑިޓް ކުރުން ފަދަ ޤާބިލްކަން އިތުރު ކުރުމުގެ މުހިންމުކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރގެ ހުށަހެޅުންތަކަށް ލާމަރުކަޒީ ކޮމިޓީގެ ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވަނީ ތާއީދުކުރައްވައި، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް މަރުޙަބާ ކިޔާފައެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އިން ވަނީ މަގުޗާޓެއް އެކުލަވާލާފައެވެ.

https://wamco.com.mv/
tel:+9607331319