logo

ބާ ކައުންސިލުން އޭޖީ އުނިކުރާ ބިލު ކޮމިޓީން ފާސްކޮށްފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 21 އޯގަސްޓު 2024 - 16:21

ބަންޑާރަނައިބު އަހުމަދު އުޝާމް

ބަންޑާރަނައިބު އަހުމަދު އުޝާމް

ގާނޫނީ ވަކީލުންގެ ކަންކަން ބަލަހައްޓާ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ބަންޑާރަ ނައިބު އުނިކުރަން ހުށަހަޅާފައިވާ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރުމަށް އެ ބިލު ދިރާސާކުރި ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް އެ ބިލު ހުށަހެޅުއްވީ ގާނޫނީ ވަކީލުންގެ ފަންނުގެ ކަންކަން ހިންގަނީ އެ ވަކީލުންގެ ފަރާތުން ހޮވާ މަންދޫބުން ކަމަށް ކަނޑައަޅައި، ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަމާ އެކު ކަންކަން ހިންގުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގްސަދު ގަ އެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ބަންޑާރަ ނައިބު އުނިކުރުމުން ދެން އެ ކޮމިޓީ އެކުލެވޭނީ ހަމައެކަނި ގާނޫނީ ވަކީލުންގެ ފަރާތުން އިންތިހާބުކުރާ ރައީސަކާއި ނައިބު ރައީސެއްގެ އިތުރުން ފަސް މެމްބަރުން ނެވެ. މިހާރު ބަންޑާރަ ނައިބާ އެކު އެ ކޮމިޝަންގައި ތިއްބަވަނީ 6 މެމްބަރުން ނެވެ.

އިސްލާހާ އެކު ބާ ކައުންސިލްގައި 7 މެމްބަރުން ތިއްބަވާނެ އެވެ. މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި އެ ކޮމިޓީއަށް އިތުރުވާ މެމްބަރު އިންތިހާބުކުރަން ޖެހޭނެ އެވެ.

މި ބިލާއެކު ރަސްމީ އިދާރާތަކުންނާއި ރަޖިސްޓްރީކޮށްފައިވާ ކިޔަވާދޭ މަރުކަޒުތަކުން ދޫކުރާ ލިޔުންތަކުގައި އެތަންތަނުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާދިނުމާއި، ބޭރު ގައުމުތަކުގައި ބޭނުންކުރަން ބައެއް ބާވަތުގެ ލިޔެކިޔުންތަކުގައި ޑިޕްލޮމެޓިކް މިޝަންތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާދިނުން ހުއްދަ ވެސް ކުރެވޭނެ އެވެ.

މި ބިލު ފާސްކޮށްފައިވަނީ ކޮމިޓީ ބައްދަލުވުމަށް ވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ.

https://wamco.com.mv/
tel:+9607331319