logo

ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުންދިޔަ ބަޔަކު ޑީޕޯޓުކޮށްފި

profile

ޒިދާން މުޙައްމަދު - 03 އޮކްޓޯބަރު 2024 - 12:00

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ މައްސަލައެއްގައި ހައްޔަރުކުރި ބިދޭސީންތަކެއް ރާއްޖެ ނާދެވޭ ގޮތަށް ގައުމަށް ފޮނުވާލައިފިއެވެ.

އެ މީހުން ހައްޔަރު ކޮށްފައި ވަނީ ހަށިވިއްކުމުގެ ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން އޮގަސްޓްމަހާއި ސެޕްޓެމްބަރުމަހު ހިންގި އޮޕަރޭޝަންގައެވެ.

އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ފަސް އަންހެނަކާއި ފިރިހެނެކެވެ.

އެއީ ކޮން ގައުމަކަށް ނިސްބަތްވާ މީހުން ކަމެއް އިމިގްރޭޝަނުން ހާމަނުކުރި ނަމަވެސް އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އޭގެ ތެރެއިން ތިން ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށާއި ބާކީ ތިން ބިދޭސީން ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. ޑީޕޯޓްކުރީ ތިން އަންހެނުންނެވެ. ޑީޕޯޓްކުރުމުގެ މަރުހަލާގައި ތިބީ ދެ އަންހެނުންނާއި ފިރިހެނެެކެވެ.

މީގެ ތެރޭގައި ހިމެނޭ ފިރިހެން މީހާއަކީ ބަންގްލަދޭޝްގެ ރައްޔިތަކަށް ވާއިރު އޭނާއަކީ އެޖެންޓެއް ކަމަށް ވެއެވެ.

މާލޭގައި މެޑިކަލް މަސާޖުކުރާ ކަމަށް ބުނެ ގިނަ އަދަދަކަށް ސްޕާތަކެއް ހިންގި ނަމަވެސް އެއީ ފުޅާ ދާއިރާއެއްގައި ހަށިވިއްކާ ތަންތަންކަމުގެ ތުހުމަތު ބައެއް މީހުން ކުރެއެވެ. އަދި އެކަންކުރާ ބިދޭސީ ލައްވައިއެ މީހުންގެ ފޮޓޯ އާއި ނަމްބަރު ވެސް ޖަހައިގެން ސޯޝަލް މީޑިއާގައި ވިޔަފާރި އިޝްތިހާރު ކުރެއެވެ.

އެ ގޮތަށް ހިންގާ ސްޕާތައް ހުއްޓުވުމަށް ދޭތެރެ ދޭތެރެއިން އޮޕަރޭޝަންތައް ހިންގައެވެ. ނަމަވެސް މިމީހުން ހައްޔަރުކުރީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައެވެ.

ބިދޭސީން ދިރިއުޅޭ ތަންތަން ފާސް ކުރުމާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ހާއްސަ އޮޕަރޭޝަންތައް މިހާރު ކުރިއަށް އެބަދެއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، އެ މީހުން ރާއްޖެއިން ފޮނުވާލަން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހާތަނަށް 3،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައި ވެއެވެ. މިހާރު ވެސް އެ އޮޕަރޭޝަން ކުރިއަށް ގެންދާއިރު، ބައެއް ބިދޭސީން ވަނީ ފިލަން ބައެއް ރަށްރަށަށް ވެސް ދަތުރުކޮށްފައެވެ.

https://int.etukuri.mv/
tel:+9607331319