
ގެވެށި އަނިޔާ: ގަދަ ބާރާއި ވޭނުގައި ފޮރުވިފައިވާ ހާދިސާތަކެއް

އައިޝަތު އިނާޝާ - 18 މޭ 2025 - 11:36
ގެވެށިއަނިއާއޭ މިކިޔެނީ އެކަކު އަނެކާގެ ދިރިއުޅުމަށް ބާރާއި ނުފޫޒު ފޯރުވުމަށެވެ. ދަމަހަށްޓަން ބޭނުންނުވާ ގުޅުމެއް ގަދަކަމުން ދަމަހައްޓަން މަސައްކަތް ކުރުމަށެވެ. މިކަމުގެ ތެރެއިން ޖިސްމާނީ، ނަފްސާނީ، ޖިންސީ، އަދި މާލީ ގޮތުން ވެސް އަނެކާގެ ދިރިއުޅުމަށް ނުފޫޒު ފޯރުވައެވެ. އެއީ އިންސާނީ ކަރާމާތަށް އަރައިގަތުމެވެ. ގެވެށި އަނިޔާ އިން ރަމްޒުކޮށްދެނީ އެކަކު އަނެކާގެ ކޮންޓްރޯލް ނަހަމަ ގޮތުގައި ބޭނުންކުރުމެވެ. އެއީ ބަންދު ދޮރުތަކުގެ ފަހަތުގައި އަނިޔާކޮށް، ބިރުދައްކާ، އެކަހެރިކުރުމެވެ.
ޝައްކެއްނެތް، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ދިރިއުޅެނީ ނަފްސާނީ ވަޅުގަނޑެއްގެ ތެރޭގައެވެ. ކުރެވޭ ހަމައެކަނި ކަމަކީ އުއްމީދެވެ. އުއްމީދަކީ ހާލަތު ރަނގަޅުވެ، އަނިޔާކުރާ މީހާ މައާފަށް އެދުމެވެ. އެހެނީ ލޯތްބަކީ ޒަޚަމްތަކަށް ޝިފާ ލިބޭ ކަމަކަށްވީމައެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. އެއްވެސް އިންސާނަށް އަނެއް އިންސާނާގެ ދިއުޅުމަށް ބާރު ފޯރުވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.
ގާނޫނުގައި ހަރުކަށި ފިޔަވަޅުތަކެއް ކަނޑައެޅިފައިވާ މި މައްސަލަ ދުވަހެއް ދުވަހަކަށް އިތުރުވެގެންދަނީ ކީއްވެތޯ ސުވާލުއުފެދެއެވެ.
ވިސްނާލުން މުހިންމެވެ. ގެވެށި އަނިޔާގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެކަން ސިއްރުކުރުމެވެ. އަނިޔާ ލިބޭ މީހުންނަށް ބިރުވެރިކަމާއި ލަދުވެތިކަމާއި މާލީ ބަރޯސާވުން ނުވަތަ ދަރިންނާ މެދު ކަންބޮޑުވުމުގެ ސަބަބުން އެ ކުރިމަތިލާންޖެހޭ މަޖުބޫރީ ހާލަތެވެ. އެފަދަ މީހުން ކުރަމުންދަނީ ދިރިއުޅުމުގެ އެއްވެސް އުފަލެއް އަރާމެއް ނެތި ޖަލެއްގައި ބަންދުވެފައިވާ ކަމުގެ އިހުސާސެވެ. ނަތީޖާއެއްގެ ގޮތުން، ގިނަ މައްސަލަތަކެއް ރިޕޯޓް ނުކުރެވި، އަނިޔާ ލިބޭ މީހުން އެމީހުންގެ ހިތާމަތަކަށް ހިމޭންކަމާއެކު ކެތްކުރެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ ތިން އަންހެނަކުން އެކަކަށް ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާއާއި ކުރިމަތިލާން ޖެހިފައި ވަނީ އެމީހާގެ ބައިވެރިޔާގެ އަތްދަށުންނެވެ. ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އޭގެ ސަބަބުން ބޮޑެތި ޒަހަމްތައް ލިބި، އަމިއްލައަށް މަރުވުން ވެސް އެކަށީގެންވެއެވެ. ނަފްސާނީ ގޮތުން އެންޒައިޓީ، ޑިޕްރެޝަން، ޕޯސްޓް ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑާ (ޕީޓީއެސްޑީ) ގެ އިހުސާސްތައް ކުރެވި އަމިއްލަ ނަފްސުގެ ބާރު ކެނޑިގެންދެއެވެ.
އަދި ކޮބާ.. ގެވެށި އަނިޔާ ފެންނަ ކުދިންގެ އިހުސާސްތައް. އެކުދިންނަށް ނަފްސާނީ ގޮތުންނާއި އަހުލާގީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެެވެ. ނަތީޖާއެއްގެ ގޮތުން އެކުދިން ބަދަލުވެގެންދަނީ މުޖުތަމައުގައި ބޮޑެތި ކުށްވެރިންނަށެވެ. އެ ކުދިންނަށް ގުޅުން ތައް ބަދަހިކުރުމުގައި ދަތިތަކާއި، ހަރުކަށިކަމާއި، އަމިއްލަ ނަފްސަށް އިހުތިރާމް ކުރުމުގެ މައްސަލަތައް ކުރިމަތިވެއެވެ.
ގެވެށި އަނިޔާއަށް ޙައްލު ހޯދުމަށް މިއަދު މިވަނީ ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައެވެ. އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އަނިޔާ ލިބޭ ފަރާތްތައް ގާނޫނީ ރައްކާތެރިކަން މިހާރަށްވުރެ ފުޅާ ގޮތެއްގައި ކަށަވަރުކުރެވެންޖެހެއެވެ. މިއަދު މިވަނީ ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއި ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އިޖުތިމާއީ ހިދުމަތްތަކާއި އަދުލު އިންސާފުގެ ނިޒާމު ގުޅިގެން މަސައްކަތް ކުރަންޖެހިފައެވެ. މީގެ އިތުރުން، ޢާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތަކާއި، ތަޢުލީމީ މަސައްކަތްތަކަކީ، މުޖުތަމަޢުގެ ވިސްނުމަށް ބަދަލުގެނައުމުގައި ވަރަށް މުހިންމު ކަންތައްތަކެކެވެ.
ފާހަގަކޮށްލަންޖެހޭ ކަމަކީ ފާއިތުވި އަހަރުތަކުގައި ގިނަ ގައުމުތަކަކުން ވަނީ ގެވެށިއަނިޔާއިން ރައްކާތެރިކުރުމަށް ގާނޫނީ ނިޒާމުތައް ވަރުގަދަކޮށްފަ އެވެ. އެހެންނަމަވެސް، އަދިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ. ގެވެށިއަނިޔާގެ މައްސަލަ ހުއްޓުވުމަށް އިސްކަންދޭންވާނީ ދގެވެށި އަނިޔާ ހުއްޓުވުމަށް ގުޅުންތަކަށް ހިތްވަރުދިނުމާއި، ޖިންސުގެ ހަމަހަމަކަމާއި، ހަމަނުޖެހުންތައް ހައްލުކުރުމުގެ ޤާބިލުކަން، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ފުޅާ ކުރެވެންއެބަޖެއެވެ.
ގެވެށި އަނިޔާއަކީ އިންސާނީ ޙައްޤުތަކަށް އަރައިގަތުމާއި، ވަކިވަކި ފަރުދުންނާއި މުޖުތަމަޢުތަކުގެ ޞިއްޙަތާއި ރައްކާތެރިކަމާއި ދުޅަހެޔޮކަމަށް ނުރައްކާވާ ކަމެކެވެ. މިކަން ނައްތާލުމަށްޓަކައި، އަނިޔާ ލިބޭ ފަރާތްތަކަށް ހިޔާވަހިކަން ހޯދައިދޭނެޖެހެއެވެ.. އިޙްތިރާމާއި ހަމަހަމަކަމާއި ހަމްދަރުދީގެ މައްޗަށް ބިނާވެފައިވާ ގުޅުންތައް އާރާސްތުކުރަން ޖެހެއެވެ. އެމީހުންނަށް ބޭނުންވަނީ ހަމައެކަނި ހިމާޔަތެއް ނޫނެވެ. އެމީހުންނަށް ބޭނުންވަނީ ބިރުވެރިކަމެއް ނުވަތަ ލަދުވެތިކަމެއް ނެތި ދިރިއުޅުން އާރާސްތުކުރުމުގެ ފުރުސަތެވެ. އަނިޔާކުރާ މީހުންވެސް ޖަވާބުދާރީ ވާންޖެހެނީ ހަމައެކަނި އަދަބު ދީގެން ނޫނެވެ.، ރިހެބިލިޓޭޓް ވެސް ކުރެވިދާނެ ކަމެކެެެވެ.
ގެވެށިއަނިޔާގެ ޝިކާރަޔަށްވާ މީހުންނަށް ބުނެލަން އޮތީ "ފާރުތަކުގެ އެތެރޭގައި ފޮރުވިފައިވާ އަނދިރިކަން ހާމަކޮށް އިހުތިޔާރުކުރަންވީ އަމިއްލަ މިނިވަންކަމެވެ"
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން