logo

އަސްކަރިއްޔާއަށް ކުރާ ހޭދަ، އިސްރާފަކަށް ވާނެތަ!؟

profile

ޒިދާން މުޙައްމަދު - 22 އޭޕްރީލު 2025 - 12:10

ދިވެހިރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަކީ އަދުގެ ސަރުކާރުން އިސްކަންދޭ ކަމެކެވެ. މިގޮތުން، ދާދި ފަހުން ވެސް މި ވަނީ އަސްކަރީ އުޅަނދުތަކެއް ރާއްޖެ އެތެރެކޮށްފައެވެ. އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ސަރުކާރުގެ ޑިފެންސް ކުންފުންޏަކުން އުފައްދާފައިވާ ފަސް އަސްކަރީ އުޅަނދެއް ރާއްޖެ ގެނެސްފައިވާއިރު، މިކަމަށް 3.5 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، މިނިސްޓްރީ އޮފް ޑިފެންސުން މިކަމާ ގުޅޭ ގޮތުން ރަސްމީ ގޮތުން އަދި ވާހަކައެއް ނުދައްކައެވެ.

https://wamco.com.mv/

ދިވެހި އަސްކަރިއްޔާގެ ބޭނުމަށް އެންމެ ފަހުން ގެނައީ އަޖްބާން މަރުކާގެ "އަޖްބާން 442އޭ"ގެ ޓޭންކަރުތަކެކެވެ. ރާއްޖެ އެތެރެކުރި މިއުޅަނދުތަކަށް ބަދަލުތަކެއް ނުވަތަ މޮޑިފިކޭޝަންތަކެއް ގެނެސްފައިވެއެވެ. އޭގެ ތެރޭގައި ރިމޯޓު ވެޕަންސް ސްޓޭޝަނަކާއި އިތުރު އާމޯ ޕްލޭޓިންގެ އިތުރުން ރޫފް ހެޗަކާއި އިތުރު ހަތިޔާރު ސިސްޓަމްތައް ހަރުކޮށްފައިވެއެވެ.

މި އުޅަނދުތައް ރާއްޖެ އެތެރެކުރުމުގެ ކުރިންވެސް ސަރުކާރުން އައީ ދިވެހި އަސްކަރިއްޔާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ވަޞީލަތްތައް ހޯދަމުންނެވެ. މިގޮތުން އެމްއެންޑީއެފް އެއަރ ކޯރ އިފުތިތާހުކޮށްދެއްވައި، އަންމޭންޑް އޭރިޔަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތަށް ތަޢާރަފުކުރިއެވެ. ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރުގައި ބޭނުންކުރުމަށް ތަޢާރަފު ކުރެވުނު އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ގެ ޚިދުމަތަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެވަޑައިގެން ތުރުކީވިލާތަށް ފުރަތަމަ ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ފެއްޓެވި މަސައްކަތްޕުޅުގެ ދަށުން، އެމްއެންޑީއެފްގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ހޯއްދެވި ވަސީލަތެކެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ އިރުޝާދާއި ލަފާފުޅާއެކު ދިފާޢީ ވުޒާރާއިން، ދިވެހިރާއްޖޭގެ ތާރީޚުގައި މުޅިން އަލަށް ވައިގެ ބާރެއް އުފައްދަވައި، އެ ބާރުގައި ޔޫއޭވީ ބޭނުން ކުރަން ފެށުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިޤްލާލާއި ސިޔާދަތު ޙިމާޔަތްކޮށް ދިފާޢުކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ އަދި އެހާމެ މުހިންމު ފިޔަވަޅެކެވެ. އަދި ދިވެހި އަސްކަރިއްޔާއިން ޔޫއޭވީ ބޭނުންކޮށްގެން އަމިއްލައަށް ސައުވީސްގަޑިއިރު ރާއްޖޭގެ ސަރަޙައްދު މޮނިޓަރކޮށް ބެލެހެއްޓުމުގެ މި އަގުހުރި ޤައުމީ މަސައްކަތް ވެގެންދާނީ ޤައުމީ ސަލާމަތަށް ލިބިގެންދާނެ ވަރަށް ބޮޑު ކަށަވަރުކަމަކަށެވެ. މި ޚިދުމަތުގެ ސަބަބުން، ރާއްޖޭގެ މަސްކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ޤާނޫނާއި ޚިލާފު ކުށްތައް އަމަލުތައް ހުއްޓުމަށް ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

undefined

މިފަހުން ރާއްޖެ ގެނައި އައު ޓެންކަރުތަކާއެކު ބައެއް ފަރާތްތަކުން ވަނީ "ސިޔާސީ ފާޑުކިޔުންތައް" ކިޔާފައެވެ. "އަހަރެމެން ހަނގުރާމަ ކުރަން އޮތީ ކޮން ބަޔަކާ ހެއްޔެވެ؟ އަހަރެމެންނާ ހަނގުރާމަ ކުރަން އަންނަން އުޅެނީ ކޮން ބައެއް ހެއްޔެވެ؟" ސިފައިންގެއަށް އަލަށް ގެނައި އަސްކަރީ އުޅަނދުތަކާއެކު ބައެއް މީހުންގެ ފާޑުކިއުމަކަށް ކުރީ މި ސުވާލުތަކެވެ. އެކަމަކު ދަންނަވަންތޯއެވެ؟ އަސްކަރީ ގޮތުން ވަރުގަދަވާކަށް ކޮންމެހެން ހަނގުރާމައިގެ ހާލަތެއް އޮންނާކަށް ނުޖެހެއެވެ. ކޮންމެ ގައުމެއްގެ ކޮންމެ ސަރުކާރަކުން ވެސް އެގައުމެއްގެ ދިފާއީ ބާރު ވަރުގަދަކުރަން މަސައްކަތް ކުރާނެއެވެ. އެއީ މައްސަލައަކަށް ހަދައިގެން ނުވާނެތާއެވެ. އެއީ ކުރެވޭ އިސްރާފެއް ނޫން. ފަހަށް ކުރެވޭ ރަނގަޅު އިންވެސްޓްމަންޓަކަށް ވެދާނެއެވެ.

ޤައުމީ ދިފާޢީ ބާރުގެ އަސްކަރީ ޤާބިލުކަން އިތުރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކޮށްދެއްވާ ބުރަ މަސައްކަތްޕުޅަކީ ޝުކުރު ޙައްޤު މަސައްކަތްޕުޅެއްކަމަށް މިނިސްޓަރ އޮފް ޑިފެންސް ޣައްސާން މައުމޫން ވަނީ ވިދާޅުވެފައެވެ. އަދި ރިޔާސީ މިދައުރުގެ ތެރޭގައި އަސްކަރިއްޔާ އެތައް ގުނައަކަށް ތަރައްޤީވެ، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ ފުރިހަމަ ޤާބިލުކަން ދިވެހި އަސްކަރިއްޔާއަށް ލިބޭތަން ފެންނާނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވެސް ވަނީ ވިދާޅުވެފައެވެ. ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވީ ކޮންމެ ދުވަސްވަރެއްގައިވެސް، އެދުވަސްވަރެއްގައި ޤައުމަށް ދިމާވަމުންދިޔަ ކަންކަމަށް ކުރިމަތިލުމަށް އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެހެންނަމަވެސް ޒަމާނީ ބަދަލުތަކާއި ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު އަސްކަރިއްޔާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވޭތުވެދިޔަ އަހަރުތަކުގައި މާބޮޑެތި މަސައްކަތްތަކެއް ކުރެވިފައި ނުވާކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

ހިލްމީ ވިދާޅުވީ، އަހަރުތަކެއް ވަންދެން އެހެން އޮތްނަމަވެސް މިދައުރުގެ ތެރޭގައި، އަސްކަރިއްޔާ ހަރުދަނާކޮށް، ޤާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން މިހާރުވެސް ފެންނަމުންދާކަމަށެވެ. އެގޮތުން ސިފައިންގެ އިތުރު ބަހާއެއްގެ ގޮތުގައި "އެއަރ ކޯރ" އުފައްދަވާފައިވާއިރު އަސްކަރިއްޔާގެ އެއްގަމުގެ ބާރުތައް ވަރުގަދަކުރުމަށްވެސް މަސައްކަތް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން އިތުރު "އާމާޑް ވެހިކަލް"ތައް ޚިދުމަތަށް ނެރެފައިކަން ޗީފް ފާހަގަކުރެއްވިއެވެ. އަދި މިދައުރުގެ ތެރޭގައި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުކޮށް، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ ފުރިހަމަ ޤާބިލުކަން ދިވެހި އަސްކަރިއްޔާއަށް ކަށަވަރުވެގެންދާނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

މި ހުރިހާ ވާހަކަތަކަށް ރިއާޔަތްކުރާއިރު އެނގި ހާމަވާ ހަގީގަތަކީ އަސްކަރިއްޔާއަށް ކުރާ ކޮންމެ ހޭދައަކީ މާދަމާއަށްޓަކާ ކުރެވޭ އިންވެސްޓްމަންޓެއް ކަމެވެ. އިސްރާފަކަށް ޔަގީނުންވެސް ނުވާނެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay