logo

ރާއްޖެ ދަރަނިވެރި ކުރުވީ ކޮންބައެއްކަން އެނގެންޖެހޭ: އާދަމް ޝަރީފް

profile

މުޙައްމަދު ފަޟްލޫން - 18 ޖޫން 2026 - 10:37

ދިވެހިރާއްޖެ މިހާރު އޮތް ދަރަނީގެ ހާލަތަށް ވައްޓާލީ ކޮން ބައެއްކަން ރައްޔިތުންނަށް ސާފުވާންޖެހޭ ކަމަށް، ގަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އާދަމް ޝަރީފް މިފަދައިން ވިދާޅުވީ، ރާއްޖޭގެ ދަރަނި އިތުރުވުމަށް މެދުވެރިވި ސަބަބުތަކާއި އެކަމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް ހޯދުމަށްވުރެ، މިވަގުތު އެންމެ އިސްކަންދޭންވީ އެ މައްސަލައަށް ހައްލެއް ހޯދުމަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން، އެކަމަށް ރައްދު ދެއްވައި ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

ޑޮލަރުގެ ރޭޓު 21 ރުފިޔާއަށް މަތިވެފައިވުމާއި، ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ނުރައްކާތެރި ދަރަޖައެއްގައި ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

މި ދަނޑިވަޅުގައި ކުށްވެރިން ހޯދުމުގެ ބަދަލުގައި، އެމްޑީޕީއާ ގުޅިގެން މަސައްކަތް ކޮށްފިނަމަ މި އިގްތިސާދީ ތާށިކަމުން އަރައިގަނެވޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ރާއްޖޭގެ ޖުމްލަ ދަރަނި 126 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މީގެ ތެރެއިން ބޮޑު ބައެއް އިތުރުވެފައިވަނީ ނިމިދިޔަ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައެވެ.

އެހެންނަމަވެސް، ރައީސް ނަޝީދު ގަބޫލުފުޅުކުރައްވާ ގޮތުގައި އިގްތިސާދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި، ސަރުކާރުން އެމަނިކުފާނުމެންގެ މަޝްވަރާއާއި އެހީތެރިކަން ހޯދުން މިހާރު ވަނީ ކޮންމެހެން ބޭނުންތެރި ކަމަކަށް ވެފައެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުތަކާ ގުޅިގެން އާދަމް ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެ މިހާރު ތަހައްމަލު ކުރަމުންދާ ދަރަނީގެ ހަގީގީ މުސައްބިބުންނަކީ ކޮބައިކަން ރައްޔިތުންނަށް އެނގުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ރާއްޖެ ދަރަނިވެރިވީ ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކުރަން ހުރި ފައިސާ، ކުރީގެ ސަރުކާރުތަކުން އުފައްދާފައިވާ ދަރަނިތައް އަދާކުރުމަށް ހޭދަކުރަން ޖެހުމުގެ ސަބަބުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވި ގޮތުގައި، ދައުލަތުގެ މާލީ ހާލަތު ދެފުށް ފެންނަ ގޮތަކަށް ރައްޔިތުންނަށް ހާމަކުރުމަކީ ޒިންމާދާރު ވެރިކަމެއްގެ އެންމެ މުހިންމު ސިފައެވެ.

ގައުމީ ތަރައްގީއަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ، މީގެ ކުރިން ޒިންމާދާރުކަން ކުޑަ ގޮތެއްގައި އުފައްދާފައިވާ ދަރަނިތައް ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk