logo

އަސާސީ ބާވަތްތައް ދަތިކަމެއްނެތި ރާއްޖެއިން ލިބެންހުންނާނެކަން ދަނީ ކަށަވަރުކުރަމުން: ސަރުކާރު

profile

މުޙައްމަދު ފަޟްލޫން - 19 އޭޕްރީލު 2026 - 17:35

އާންމު ދިރިއުޅުމަށް ބޭނުންވާ އަސާސީ ބާވަތްތަކާއި ސިނާޢީ މަސައްކަތްތަކަށް ބޭނުންވާ ބާވަތްތައް ދަތިކަމެއްނެތި ރާއްޖޭގެ ބާޒާރުން ލިބެންހުންނާނެކަން ކަށަވަރުކުރައްވާނެކަމަށް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ހާމަކުރައްވައިފިއެވެ.

https://wamco.com.mv/

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި މި ހަފުތާގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުންނެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކަމާގުޅޭ ތަފުސީލީ މައުލޫމާތު ހިއްސާ ކުރައްވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ވިދާޅުވީ، މެދުއިރުމަތީގައި ހަމަނުޖެހުންތައް އުފެދުމާއެކު ދިވެހިރާއްޖެއަށް މުދާ ގެނެވޭނެ އިތުރު ބާޒާރުތައް ދެނެގަތުމަށް ޚާރިޒީ ވުޒާރާއާއި ކަމާ ގުޅުންހުރި ފަރާތްތަކާއެކު ކުރެވުނު މަސައްކަތްތަކުން މިހާރުވެސް އިތުރު މަގުތަކެއް ހަމަޖެހި، ސަޕްލައި ކަށަވަރުކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޗައިނާ، އިންޑިއާ، ތުރުކީވިލާތް އަދި އާސިއާންގެ ޤައުމުތައް ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ހަމަމިއާއެކު، ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަމުންދާ ލޮޅުންތަކާއެކުވެސް ރާއްޖެއަށް ބޭނުންވާ ތެޔޮ ހުއްޓުމެއްނެތި ލިބޭނެކަން ސަރުކާރުން ވަނީ ދެއްވާފައެވެ. ހަނގުރާމައިގެ ހާލަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ވަޒީރުންގެ ޚާއްސަ ކޮމިޓީގެ ފަރާތުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް، އަދި ކޮމިޓީގެ ޗެއަރ، މޫސާ ޒަމީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހުއްޓުމެއްނެތި ރާއްޖެއަށް ބޭނުންވާ ތެޔޮ ލިބޭނެކަން ޔަގީންކުރުން ކަމަށާ، ރައްޔިތުންނަށް އަދި ރާއްޖޭގެ ވިޔަފާރިތަކަށްވެސް ދަތިނުވެ ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސަވާފައިވާނެ ކަމަށެވެ.

މީގެ އިތުރުންވެސް ހިރާސްތައް ކުޑަކުރުމުގައި ފަރުދުންނާއި ވިޔަފާރިތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި މަދަދު، ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ފޯރުކޮށްދެމުންދާކަމުގައި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން، މުދަލުގެ އަގުތައް ބޮޑުވިޔަނުދިނުމަށް ބޭންކު މެދުވެރިކޮށް ވިޔަފާރިތަކަށް ދޫކުރާ އެހީތެރިކަން އިތުރުކުރެވިފައިވާކަން ކޮމިޓީން ހާމަކުރެއްވިއެވެ.

އަދި އިގުތިސާދީ ހަރަކާތްތައް އިތުރުވާނެހެން ބޭންކިންގް ނިޒާމުގެތެރެއިން ރައުސުލްމާލު އަދި ވިޔަފާރި ނަގަހައްޓަން ބޭނުންވާ ފައިސާ ހޯދައިދިނުން ފަދަ ކަންކަން ސަރުކާރުން އިންތިޒާމުކުރަމުންދާކަން ކޮމިޓީން ވަނީ ފާހަގަކުރައްވާފައެވެ.

ކުރިމަތިވެފައިވާ މި ޚާއްޞަ ޙާލަތުގައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތަކީ ރާއްޖޭގެ އިޤްތިޞާދީ ސޯބުތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ގޮތަކަށް ކަންކަން ކުރިއަށް ގެންދެވުން ކަމުގައި ކޮމިޓީން ހާމަކުރެއްވިއެވެ.

ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން މަދުކުރުމަށް އަންގަވާފައި ވީ ނަމަވެސް، އެކަން ކުރިއަށްދާނީ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް ކަމުގެ ޔަޤީންކަންވެސް ކޮމިޓީން ވަނީ ދެއްވާފައެވެ.

ދިވެހި އިޤްތިޞާދުގެ އެންމެ ހިއްސާ ބޮޑު ދެ ސިނާޢަތް ކަމަށްވާ ފަތުރުވެރިކަމާއި، މަސްވެރިކަމުގެ ސިނާޢަތުގެ އިތުރުން ވައިގެ އުދުހުންތަކާއި، ދަނޑުވެރިކަމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައްވެސް ހިމެނޭހެން، އެއްވެސް ސިނާޢަތެއް ނުހުއްޓި ކުރިއަށްދާނެކަން ކަށަވަރުކުރުމުގެ ގޮތުން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި އެކަމުގެ ނަތީޖާތަކުގެ އަދާހަމަ ތަފާސް ހިސާބުތައްވެސް ކޮމިޓީން ވަނީ ހިއްސާކުރައްވާފައެވެ.

ހަމަމިއާއެކު ސަރުކާރުން ކުރިއަށްގެންދަވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތަށް، މި ޚާއްޞަ ހާލަތުގެ ސަބަބުން ނޭދެވޭ އަސަރެއް ފޯރާފާނެތޯ ނޫސްވެރިއަކު ދެންނެވި ސުވާލުގެ ޖަވާބުގައި ކޮމިޓީން ވަނީ، ޕޭ ހާމަނައިޒް ނުކުރެވި އޮތީ އެންމެ 7 ޕަސެންޓްކަމަށާއި، އެކަންވެސް ވީ އެންމެ އަވަހަކަށް ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާކަމުގައި ފާހަގަކުރައްވާފައެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޓީއެއް އުފެއްދެވީ މިއަހަރުގެ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk