
ނަޝީދަށް ހަމަލާދިން މައްސަލައިގެ ތަހުގީގު ފުޅާކުރަން އަންގައިފި

މުޙައްމަދު ފަޟްލޫން - 19 އޭޕްރީލު 2026 - 14:49
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅޭ ތަހުގީގު އިތުރަށް ފުޅާކޮށް، ވީ އެންމެ އަވަހަކަށް އެ މަސައްކަތް ނިންމުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ދިވެހި ފުލުހުންގެ ހިދުމަތަށް އަންގައިފިއެވެ.
މެއި 6، 2021 ގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން މި ނުރައްކާތެރި ހަމަލާއަށް މިއަހަރު ފަސް އަހަރު ފުރޭއިރު، ޕީޖީ އައްބާސް ޝަރީފް ވަނީ މި މައްސަލައިގެ ތަހުގީގު އަވަސްކޮށްދެއްވުމަށް އެދިވަޑައިގެން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއަށް ސިޓީއެއް ފޮނުއްވާފައެވެ.
މި ސިޓީގައި ޕީޖީވަނީ ހަމަލާ ރޭވުމާއި އެކަމަށް ފަންޑުކުރުމުގައި އިތުރު ބަޔަކު ބައިވެރިވެފައިވޭތޯ ތަފްސީލީ ގޮތެއްގައި ބަލައި، އެކަމުގެ މައުލޫމާތު ޕީޖީ އޮފީހާ ހިއްސާކުރުމަށް އެދިވަޑައިގެންފައެވެ.
މި މައްސަލައިގައި ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި އަހުމަދު އަދުހަމް ކުށަށް އިއުތިރާފުވުމާ ގުޅިގެން، އޭނާގެ މައްޗަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މީގެ އިތުރުން މުޖާޒް އަހުމަދު، ތަހުމީން އަހުމަދު، އަލީ ހައިޝަމް، ފަހުމީ އަލީ، އިސްހާގު އަދި މުހައްމަދު ނާޒިމްގެ މައްޗަށް ދައުވާ އުފުލައި، އެ މައްސަލަތައް މިހާރު ދަނީ ޝަރީއަތުން ބަލަމުންނެވެ.
ހަމަލާގެ އަޑީގައި ތިބި މީހުން މިހާތަނަށް ދެނެގަނެވިފައި ނުވާތީ، ރައީސް ނަޝީދުގެ އާއިލާއާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން މީގެ ކުރިން ވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ރައީސް ނަޝީދު ދިރިއުޅުއްވި ގ. ކެނެރީގެ ކައިރީގައި އެމަނިކުފާނަށް އަމާޒުކޮށް، ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެން ދިން ނުރައްކާތެރި ހަމަލާގައި ރައީސް ނަޝީދުގެ އިތުރުން އެހެން ބަޔަކަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
މި ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމްގެ އިތުރުން، ބޮން ތައްޔާރުކުރުމާއި، ބޮން ހަރުކުރި ސައިކަލު އެ ސަރަހައްދަށް ގެނައުމުގައި ބައިވެރިވި މީހުންނާއި، އަދި ކުށްވެރިން ފިލުވުމުގައި އެހީތެރިވި ފަރާތްތަކުގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިހާރު ވަނީ ދައުވާ އުފުލައިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ޕްރައިމަރީގައި ޕީއެންސީ އިން ވާދަކުރަނީ ސައީދު އާއި ސިނާން
8 ގަޑިއިރު ކުރިން

އަސާސީ ބާވަތްތައް ދަތިކަމެއްނެތި ރާއްޖެއިން ލިބެންހުންނާނެކަން ދަނީ ކަށަވަރުކުރަމުން: ސަރުކާރު
8 ގަޑިއިރު ކުރިން

ސުޕްރީމް ކޯޓުންވެސް ގޮނޑިގެއްލޭ އިސްލާހު ބާތިލެއް ނުކުރެވުނު
8 ގަޑިއިރު ކުރިން

އިރާނާއެކު މަޝްވަރާތަކުގައި އެމެރިކާއިން ބައިވެރިވާނެ: ޓްރަމްޕް
11 ގަޑިއިރު ކުރިން


.gif&w=3840&q=75)