
ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ ވިޔަފާރިކުރިކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ 3 މީހަކު ހައްޔަރުކޮށްފި

ޖިނާން ޙުސައިން ޖަބީން - 13 އޮކްޓޯބަރު 2026 - 17:22
ގަވާއިދާ ހިލާފަށް ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބަންގްލަދޭޝްގެ 3 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އާމިރު ހުސައިން، އެމްޑީ މީޒާނުއްރަހްމާން އަދި ސިރާޒް ހާން އެވެ. މި 3 މީހުން އަތުލައިގަނެ ބަންދުކޮށްފައިވަނީ ހުސްވި އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހުއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މީހުން އަތުލައިގަނެވިފައިވަނީ ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ސަރުކާރުން ގާއިމުކޮށްފައިވާ ހާއްސަ ހޮޓްލައިނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މި މައްސަލައިގެ ތަހުގީގު ވަރަށް ފުޅާ ދާއިރާއެއްގައި މިހާރުވެސް ކުރިއަށް ގެންދާއިރު، މި ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށް ބެލެވެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ސައްހަ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރާ ފަރާތްތައް ހޯދައި، އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ފުލުހުންނާއި ކަމާގުޅޭ އިދާރާތަކުން އަންނަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ. މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯސްއަށް މައުލޫމާތު ހިއްސާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން، ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް އެސްއެމްއެސް، ވައިބަރ އަދި ވަޓްސްއެޕް މެދުވެރިކޮށް މައުލޫމާތު ފޮނުވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.
މީގެއިތުރުން، ގަވާއިދާ ހިލާފަށް ހިންގާ މިފަދަ ވިޔަފާރިތައް ހުއްޓުވުމަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފުޅާ ދާއިރާއެއްގައި ބަނގުރަރުގެ ވިޔަފާރިކުރި 2 މީހަކު ހައްޔަރުކޮށްފި
2 ދުވަސް ކުރިން

ގެއަކަށް ވަދެ ބިރުދެއްކުމަށްފަހު ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް މައްސަލައެއް!
4 ދުވަސް ކުރިން

މަސްތުވާތަކެއްޗާއެކު މަޝްހޫރު 3 ފިލްމު ސްޓާރުން ވިލިމާލެއިން ހައްޔަރުކޮށްފި
5 ދުވަސް ކުރިން

ބަނގުރަލުގެ ވިޔަފާރިކުރާ ތިން މީހަކު ހައްޔަރުކޮށްފި
އަހަރެއް ކުރިން


