logo

ﷲގެ މަގުގައި ހޭދަކުރުން

profile

ޒިދާން މުޙައްމަދު - 28 އޯގަސްޓު 2025 - 04:59

ޒަކާތާ ޚިލާފަށް ޞަދަޤާތަކީ ވާޖިބުކަމެއް ނެތް އިޚްތިޔާރީ އަޅުކަމެކެވެ. ﷲ سبحاته وتعالىއާ ތިބާއާ ދެމެދު އޮންނަ ސިއްރެކެވެ. ޞަދަޤާތުން ވަރަށް ގިނަ ގޮތްގޮތަށް ފައިދާ ކުރެއެވެ. ޞަދަޤާތް ލިބޭ މީހާގެ އިތުރުން ޞަދަޤާތްކުރާ މީހާއަށް ވެސް އޭގެ މަންފާ އާއި ލާބަ ލިބެއެވެ.

https://wamco.com.mv/

ސުވަރުގެ ވަދެވޭ ސަބަބުތަކުގެ ތެރޭގައި ﷲގެ މަގުގައި ހޭދަކުރުން ހިމެނެއެވެ.

ﷲގެ މަގުގައި ހޭދަކުރާއިރު ނިޔަތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އިޚްލާޞްތެރިކުރަންޖެހެއެވެ. އެކުރާ ޞަދަޤާތަކީ ހަމައެކަނީ ﷲއަށްޓަކައި ކުރާ ޞަދަޤާތެއްކަމުގައި ދެކެންޖެހެއެވެ. ނިޔަތް އިޚްލާޞްތެރިނުވެއްޖެނަމަ އެކަމުގެ ތެރެއަށް ދެއްކުންތެރިކަން ވަންނާނެއެވެ. މިއީ އަޅުކަންތައް ﷲ ޙަޟްރަތުގައި ޤަބޫލުނުވެވި އެކަމެއް ބާޠިލުކޮށްލާނެކަމެކެވެ.

ކީރިތިރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. ((إِنَّمَا الْأَعْمَالُ بِالنِّيَّةِ وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى)) (البخاري) ‏މާނައީ “ހަމަކަށަވަރުން ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށް ވެސް ވަނީ އެމީހަކު ނިޔަތް ގަތް ކަމެކެވެ.”

ޞަހީޙް މުސްލިމްގައި އައިސްފައިވާ ޙަދީޘެއްގައިވެއެވެ. ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނޭ ތިން މީހަކުވެއެވެ. އެއިގެ ތެރެއިން އެކަކީ ﷲ ތަޢާލާ ތަނަވަސްކަން ދެއްވާ ތަފާތު ބާވަތްބާވަތުގެ މުދާ ދެއްވި މީހެކެވެ. އޭނާ ގެނެވޭނެއެވެ. ދެންއޭނާއަށް ދެއްވުނު ނިޢުމަތްތައް ހަނދާންކޮށްދެވޭނެއެވެ. އަދި އެކަން ހަނދާންވާނެއެވެ. އަދި އޭނާއަށް ބުނެވޭނެ އެވެ. އެ ނިޢުމަތްތަކާމެދު ކަލޭ ކަންތައްކުރި ގޮތަކީ ކޮބާހެއްޔެވެ؟ އެނާ ޖަވާބުދޭނެއެވެ. އިބަ އިލާހު އެމަގަކުން ހޭދަކުރައްވަން ރުހިވޮޑިގެންނެވި އެއްވެސް މަގެއް ތިމަންނަ އިބައިލާހަށްޓަކައި ހޭދަނުކޮށް ދޫނުކުރަމެވެ. ދެން އޭނައަށް ބުނެވޭނެއެވެ. ކަލޭ ތިހެދީ ދޮގެވެ. އެހެނެއްކަމަކު ކަލޭ ތިކަންކުރީ މީސްތަކުން ކަލެއަށް ނިސްބަތްކޮށް އެއީ ދީލަތި މީހެކޭބުނުމަށްޓަކައެވެ. ދުނިޔެމަތީގާ މީސްތަކުން ކަލޭތީ ދީލަތި މީހެކޭ ކިޔާ އުޅުނެވެ. ދެން އޭނާ މޫނުވަތަށް ދަމާފައި ގެނައުމަށް އަމުރުކުރެވޭނެއެވެ. އެގޮތުގައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެއެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا أَنفِقُوا مِن طَيِّبَاتِ مَا كَسَبْتُمْ وَمِمَّا أَخْرَ‌جْنَا لَكُم مِّنَ الْأَرْ‌ضِ ۖ وَلَا تَيَمَّمُوا الْخَبِيثَ مِنْهُ تُنفِقُونَ وَلَسْتُم بِآخِذِيهِ إِلَّا أَن تُغْمِضُوا فِيهِ)) البقرة: 267 މާނައީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހޯދިތަކެތީގެ ތެރެއިން ރަނގަޅު ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! އަދި، ތިޔަބައިމީހުންނަށްޓަކައި ބިމުން ތިމަންރަސްކަލާނގެ ނެރެދެއްވި ތަކެތިންވެސް މެއެވެ. އަދި، އެއިން ހޭދަކުރުމަށްޓަކައި، ދެރަ ތަކެތި ޤަޞްދު ނުކުރާށެވެ! ތިޔަބައިމީހުން (އެފަދަ ތަކެތީގައި ހިފާންޖެހޭ މީހުން ކަމުގައިވާނަމަ) އެ ތަކެއްޗާމެދު ނުރުހުންވެ ލޯމަރައިގެން ނޫނީ އެ ތަކެތީގައި ތިޔަބައިމީހުންވެސް ނުހިފާނެއެވެ.” އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((أَيُّهَا النَّاسُ إِنَّ اللَّهَ طَيِّبٌ لاَ يَقْبَلُ إِلاَّ طَيِّبًا)) مسلم މާނައީ: “އެންމެހާ މީސްތަކުންނޭވެ! ހަމަކަށަވަރުން ﷲ އީ ހެޔޮ ރަނގަޅު އިލާހެކެވެ. ހެޔޮ ރަނގަޅުތަކެތި މެނުވީ އެކަލާނގެ ޤަބޫލުނުކުރައްވައެވެ.”

ހޭދަކުރާއިރު ދީންވެރި ރަނގަޅުމީހުންނަށް ހޭދަކުރުމަކީ މުހިއްމުކަމެކެވެ. އެފަދަ މީހަކު އެ ހޭދަކުރާނީ ﷲއަށް ކިޔަމަންތެރިވުމަށާއި، ﷲ ރުއްސަވާ މަގުގައެވެ. އެއާޚިލާފަށް ނުބައި ފާޖިރުމީހުންނަށް ހޭދަކުރުމަކީ އެ ހޭދަކުރާ އެއްޗެއް ﷲ ޙަރާމްކުރެއްވި މަގުގައި ހޭދަކޮށްފާނެ ބައެކެވެ. އަދި އެބައިމީހުންގެ ކުރާ ނުބައިކަމަށް ވެވޭ އެހީތެރިކަމެކެވެ.

ޞަދަޤާތް ސިއްރުކުރުމަކީ ދެއްކުންތެރިކަމުން ސަލާމަތްވާނެކަމެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((إِن تُبْدُوا الصَّدَقَاتِ فَنِعِمَّا هِيَ ۖ وَإِن تُخْفُوهَا وَتُؤْتُوهَا الْفُقَرَ‌اءَ فَهُوَ خَيْرٌ‌ لَّكُمْ ۚ)) البقرة: 271 މާނައީ: “(ވާޖިބު ނޫން) ޞަދަޤާތްތައް، ތިޔަބައިމީހުން ފާޅުގައި ދެނީނަމަ، ފަހެ، އެއީ ނުހަނު މޮޅު ކަމެކެވެ. އަދި، ތިޔަބައިމީހުން ވަންހަނާކޮށް، އެ ޞަދަޤާތްތައް ފަޤީރުންނަށް ދެނީނަމަ، ތިޔަބައިމީހުންނަށް އެކަމުގެ ހެޔޮކަން މާބޮޑެވެ.”

ޤިޔާމަތްދުވަހު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަރުޝީގެ ހިޔާވަހިކަން ފިޔަވައި އެހެން ހިޔާވަހިކަމެއް ނުވާދުވަހު އެއިލާހު ހިޔާވަހިކަން ދެއްވާ ހަތްބައެއްގެ ތެރެއިން އެއްބަޔަކީ ((وَرَجُلٌ تَصَدَّقَ أَخْفَى حَتَّى لَا تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ)) މާނައީ: “ޞަދަޤާތްކުރާއިރު އެމީހާގެ ކާނަތުން ހޭދަކުރާ އެތި ވައަތަށްވެސް ނޭނގޭހާ ސިއްރުން ހޭދަކުރިމީހާއެވެ.”

ޞަދަޤާތްކުރެވިދާނެ މަގުތައް:

ﷲ ގެ މަގުގައި ހޭދަކުރެވޭނެ ވަރަށް ގިނަގޮތްތައްވެއެވެ.

1. ފަޤީރުންނަށާއި ޙާޖަތައްޖެހިފައިވާ މީހުންނަށް ހޭދަކުރުން. އޭގެ ތެރޭގައި ދަރަނިވެރިވެފައިވާ މީހުންގެ ދަރަނިތައް ފުއްދައިދިނުން ހިމެނެއެވެ.

2. މިސްކިތްތައް ބިނާކުރުމާއި، މިސްކިތްތަކަށް ހޭދަކުރުމާއި، މިސްކިތްތަކުގެ އިމާމުންނާއި، މުދިމުންނާއި، ބަލަހައްޓާމީހުންނަށް އުޖޫރަދިނުން.

3. ފެން ނުލިބޭ މީހުންނަށް ފެންފޯރުކޮށްދިނުމަށް ވަޅު ނުވަތަ އެނޫންފަދަ ފެން ލިބޭނެ ވަސީލަތްތައް ބިނާކުރުން.

4. ދަތިޙާލުގައިވާމީހުންނަށް ކާބޯތަކެއްޗާއި، އަންނައުނު ފަދަ ތަކެތި ފޯރުކޮށްދިނުން.

5. އިސްލާމްދީނަށް ފައިދާކުރާ ޢިލްމު އުގެނޭކުދިންނަށް ހޭދަކުރުން. ޚާއްޞަކޮށް ދީނީ ޢިލްމު އުގެނޭކުދިންނަށް ހޭދަކުރުން.

6. ދީނީ ފޮތްތައް ޗާޕުކުރުމާއި، ދީނީ ދަރުސްތަކާއި ފޮތްތައް ބެހުން.

7. ޤުރުއާނުގެ މުސްޙަފުތައް މިސްކިތްތަކަށާއި، ޤުރުއާން ކިޔަވާ މީހުންނަށް ފޯރުކޮށްދިނުން.

8. ޤުރުއާން ކްލާސްތަކަށާއި، ޤުރުއާން ކިޔަވާ ހިތުދަސްކުރާކުދިންނަށާއި، މުދައްރިސުންނަށް އުޖޫރަދިނުން.

9. ހުވަފަތްވެފައިވާ އަންހެނުންނަށާއި، ޔަތީމުންނަށާއި، އުމުރުން ދުވަސްވެފައިވާ މީހުންނަށް ހޭދަކުރުން.

10. ﷲގެ މަގުގައި ޖިހާދުކުރާމީހުންނަށް ހޭދަކުރުމާއި، އެކިކަންކޮޅުތަކުގައި ޙާލުގައިޖެހިފައިވާ މުސްލިމުންނަށް ހޭދަކުރުން.

11. އިސްލާމްދީނަށް ދަޢުވަތުދޭމީހުންނަށާއި، އިސްލާމީ ދަޢުވަތު ދިނުމަށް ހޭދަކުރުން.

12. ތަފާތު ކާރިސާތަކާއި ޙާދިސާތަކުގެ ސަބަބުން ޙާލުގައި ޖެހޭމީހުންނަށް ހޭދަކުރުން.

13. މަރުވާމީހުން ހިނަވާތަންތަން ހެދުމަށާއި، ކަފުނަށާއި، އެނޫންވެސް މައްޔިތުން ވަޅުލުމާ ގުޅޭ ކަންކަމުގައި ހޭދަކުރުން.

މިފަދަ އެތައް ގޮތަކަށް ﷲ މަގުގައި ހޭދަކުރެވިދާނެއެވެ.

https://wamco.com.mv/
https://www.aslu.com.mv