
"ރޯދައަކީ ރައްކާތެރިކަމެއް"
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 07 މާރިޗު 2025 - 12:45
ﷲ سُبْحَانَهُ وَتَعَالَى އެކަލާނގެ ޛާތުފުޅަށް ނިސްބަތް ކުރައްވައިފައިވާ ސިފަފުޅުތަކުގެ ތެރެއިން، އެއް ސިފަފުޅަކީ، ޙިކުމަތްވަންތަކަމެވެ. އެކަލާނގެއީ اَلْـحَكِيْمُ އެވެ. اَلْـحَكِيْمُ މި އިސްމުފުޅު ނެގިފައިވަނީ، اَلْـحُكْمُ އަދި اَلْـحِكْمَة މި ދެ ލަފުޒުންނެވެ. އެހެނީ އެންމެހައި ޙުކުމްތަކެއް ވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެ އެންމެހައި ޙުކުމްފުޅުތަކެއް ކަނޑައަޅުއްވައިފައިވަނީ، މަތިވެރިވެގެންވާ ޙިކުމަތާ އެކު ނުހަނު ފުރިހަމަ ގޮތުގައެވެ. ﷲ تَعَالَى ޚަލްޤުކުރެއްވި ކޮންމެ އެއްޗަކުން ވެސް އަހަރެމެންނަށް ފެންނަނީ، ޙިކުމަތްވަންތަކަމުގެ އިންތިހާއެވެ.
ﷲ ޝަރުޢުކުރައްވައިފައިވާ ބައެއް އަޅުކަންތަކުގެ ޙިކުމަތް ޞަރީޙަކޮށް ބަޔާންކުރައްވައިފައި ވާއިރު، އަނެއްބައި އަޅުކަންތަކުގެ ޙިކުމަތް ބަޔާންނުކުރައްވައި، ދޫކޮށްލައްވައިފައި ވެއެވެ. ނަމަވެސް ﷲ تَعَالَى އެއްވެސް އަޅުކަމެއް، ބޮޑުވެގެންވާ ޙިކުމަތަކަށްޓަކައި މެނުވީ، ޝަރުޢުކުރައްވައިފައެއް ނުވެއެވެ. އެކަލާނގެ ރޯދަ ފަރުޟުކުރެއްވި ޙިކުމަތް ޞަރީޙަކޮށް ބަޔާން ކުރައްވައިފައި ވެއެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ.
"އޭ إِيـْمَان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟުކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށް ވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تَقْوَىވެރިވުމަށް ޓަކައެވެ."
ރޯދަ ފަރުޟު ކުރައްވައިފައިވަނީ، تَقْوَى ވެރިކަން ޙާޞިލު ކުރުމަށް ޓަކައިކަން، މި އާޔަތުން ވަރަށް ޞަރީޙަކޮށް އެނގެއެވެ. تَقْوَىވެރިކަމަކީ ކޮބައިކަން ސިފަކޮށްދެއްވައި، عَلِيُّ بْنُ أَبِيْ طَالِبٍ رَضِيَ اللهُ عَنْهُ ވިދާޅުވެފައި ވެއެވެ.
"އެއީ މަތިވެރިވަންތަ ﷲއަށް ބިރުވެތިވުމާއި، ﷲ ބާވައިލެއްވި ފޮތަށް ޢަމަލުކުރުމާއި، އެކަލާނގެ ދެއްވި މަދު މިންވަރަށް ރުހުމާއި، މަރަށް ތައްޔާރުވެ ހުރުމެވެ."
ޝައްކެއް ނެތެވެ. ރޯދައަކީ ﷲ تَعَالَىގެ އަމުރުފުޅުތައް ޤާއިމުކޮށް، އެކަލާނގެއަށް ކިޔަމަންތެރިވުމާއި، އެކަލާނގެ ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވުމަށް އެންމެ ބޮޑަށް އެހީވެދޭ އެއް އަޅުކަމެވެ.
ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، އެތައް ކަމެއް ޢިލްމުވެރީން ބަޔާންކުރައްވައިފައި ވެއެވެ. މި ހުރިހައި ކަންކަމަކީ ވެސް، تَقْوَىވެރިކަން ޙާޞިލުކޮށްދޭ ކަންކަމެވެ. ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުން ހިމެނެއެވެ. އަޅާ ރޯދައަށް ހުންނަ އިރު، ކެއިންބުއިމާއި، އެންމެހައި ޝަހުވާނީ އެދުންތަކުން، އޭނާގެ ނަފުސު، ހިފަހައްޓައެވެ. ﷲ تَعَالَى އޭނާއަށް ހުއްދަކުރައްވައިފައިވާ ބައެއް ނިޢުމަތްތަކާ ކުޑަ ވަގުތުކޮޅަކަށް ވިޔަސް ދުރުހެލިވުމުން، އެ ނިޢުމަތްތަކުގެ އަގު ވަޒަންކުރާން ދަސްވެއެވެ. ވަރަށް ގިނަ ފަހަރަށް ނިޢުމަތެއްގެ އަގު ވަޒަންކުރެވެނީ، އެ ނިޢުމަތެއް ބީވެ ދިޔުމުންނެވެ.
ރޯދައިގެ ސަބަބުން، ﷲ تَعَالَى އިންސާނާއަށް ދެއްވި ނިޢުމަތްތަކުގެ އަގު ވަޒަންކުރެވި، އެ ނިޢުމަތްތަކަށް ޝުކުރުވެރިވެ އުޅުމަށް މަގު ފަހިވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރޯދަވެރިޔާގެ ކިބައިގައި، އަވަށްޓެރީންނަށް ކަމޭހިތުމާއި، ނިކަމެތީންނަށް ހެޔޮފޯރުވުމާއި، ފަޤީރުންގެ ޙާލު ބަލައި އުޅުމުގެ މަތިވެރި އާދަ އަށަގަނެއެވެ.
ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ޙަރާމް ކަންތައްތަކާ ރޯދަވެރިޔާ ދުރުހެލިކުރުވުން ހިމެނެއެވެ. ﷲ تَعَالَىގެ ރުހިވޮޑިގަތުން ހޯދުމަށާއި، އެކަލާނގެ ޢަޛާބުން މިންޖުވުމަށް ޓަކައި، ޙަލާލު ކާބޯތަކެއްޗާއި، އޭނާއަށް ޙަލާލު ކުރައްވައިފައިވާ، އަނބިފިރިކަމުގެ ގުޅުމާ އެކަހެރިވެ ހުންނަ ހުރުމުން، ﷲ تَعَالَى ޙަރާމްކުރައްވައިފައިވާ ކަންކަމުން ދުރުހެލިވެ އުޅުމަށް، އޭނާއަށް ވަރުގަދަ ތަމްރީނެއް ލިބެއެވެ. އެހެންކަމުން ރޯދައަކީ، އިންސާނާގެ ނަފުސު، ހެޔޮ ކަންކަމަށް ހާނުވައިދޭ، ތަރުބަވީ އަޅުކަމެކެވެ. ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ނަފުސު އެދޭ އެދުންތަކުގެ މައްޗަށް ގަދަވެގަތުމުގެ ބާރު ލިބުން ހިމެނެއެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ.
"އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންކުރެ ކާވެނިކުރުމަށް ކެރިކުޅަދާނަވެގެންވާ މީހާ ކާވެނިކުރާހުށި ކަމެވެ! ފަހެ އެ ގޮތް ލޮލަށާއި، ލަދުވެތި ގުނަވަނަށް ރައްކާތެރިކަން މާ ބޮޑެވެ. އަދި ކާވެނިކުރުމަށް ކުޅަދާނަވެގެން ނުވާ މީހާ ރޯދަހިފާހުށި ކަމެވެ! ފަހެ ރޯދައަކީ ޝަހުވާނީ އެދުން ކުޑަކޮށް، އިންސާނާއަށް ވާ ރައްކާތެރިކަމެކެވެ."
މާތް ނަބިއްޔާ صلى الله عليه وسلمގެ މި ޙަދީޘް ބަސްފުޅަށް ވިސްނައިލުމުން، ރޯދަ ހިފުމަކީ، ހަވާ ނަފުސުގެ އެދުންތަކާ ދުރުހެލިވުމަށާއި، ކެތްތެރިވުމަށް މަގުފަހިކޮށްދޭ އަޅުކަމެއްކަން އެނގެއެވެ.
ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ރޯދަވެރިޔާގެ ކިބައިގައި ރަޙުމާއި، ކުލުނު އުފެދުން ހިމެނެއެވެ. ރޯދައަށް ހުންނަ ހިނދު އިޙްސާސްވާ ކަރުހިއްކުމާއި، ބަނޑުހައިހޫނުކަމުގެ ސަބަބުން، މުޅި އަހަރު ހައިހޫނުކަމުގައި އުޅޭ ނިކަމެތި ފަޤީރުންނާއި، މިސްކީނުންގެ އިޙްސާސްތައް ދެނެގަނެވޭނެއެވެ. އަދި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އޭނާގެ ނަފުސު އެދި ގޮވާނެއެވެ. އެ ރިވެތި އަޚްލާޤީ ސިފަތަކުގެ ސަބަބުން، ރޯދަވެރިޔާގެ ނަފުސު ޠާހިރުކޮށް ޒީނަތްތެރިކޮށްދެއެވެ. ހަމަ މި ފަދައިން ދޮގުހެދުމާއި، ޒުވާބުކުރުމާއި، ހަޑިހުތުރު ބަސްތަކުން މީހުންނާ މުޚާޠަބުކުރުމާ އޭނާ އެއްކިބާކުރުވައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ.
"ތިޔަބައިމީހުންގެ ތެރެއިން މީހަކު ރޯދައަށް ހުންނަ ދުވަހު، އެއްދާން ނުކުރާށެވެ! އަދި މީހުންނަށް އަޑުލައި ނޫޅޭށެވެ! ފަހެ، ރޯދައަށް ހުންނަ ދުވަހު، މީހަކު ތިބާއަށް ހަޑިހުތުރު ބަހުން މުޚާޠަބުކޮށް، އެއްޗެހިގޮވިކަމުގައި ވިޔަސް، ނުވަތަ މާރާމާރީ ހިންގައި ގޯނާކުރިކަމުގައި ވިޔަސް، ފަހެ، ހަމަކަށަވަރުން ތިމަންނާ މިހުރީ ރޯދައަށޭ ބުނާހުށިކަމެވެ!"
މި ފަދަ ގޮތަކަށް އަރައިރުންވެ، ޒުވާބުކޮށް އުޅޭ މީހުންގެ ރޯދައިން އެ މީހުންނަށް ލިބޭނެ މާގިނަ ޘަވާބެއް ނެތްކަން އަންގަވައި، ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ.
"ދޮގު ވާހަކަދެއްކުމާއި އެ ފަދަ ޢަމަލުތައް ކުރުމާއި، ޒުވާބުކޮށް ހުތުރު އެއްޗެހި ގޮވައި، ޖާހިލުކަން އިސްކޮށް އުޅޭ މީހަކު، ކެއުމާއި ބުއިމުން ދުރުހެލިވެ ހުރުމަކަށް، ﷲ تَعَالَى ބޭނުންވެވޮޑިއެއް ނުގަންނަވައެވެ."
މިއަދު މާބޮޑު ކަމެއްގެ ގޮތުގައި ނުދެކި އަހަރެމެންނަށް އަރައިގަނެވޭ އެންމެބޮޑު އެއް ފާފައަކީ ދެބައޮޑުވުމާއި ޣީބަބުނުމާއި ދޮގުވާހަކަތަކާއި ހަޑިހުތުރު ބަސްތަކުން މީސްތަކުންގެ އަބުރަށް އަރައިގަނެ އުނދަގޫ ކުރުމެވެ. ޚާއްސަކޮށް މީސްމީޑިޔާގެ މަންސަތަކުގައި އަހަރެމެން މިއަދު މި ކަންކަން ކުރަނީ ފާޅުކަން ބޮޑު ގޮތެއްގައި އެއްވެސް ޖެހިލުމެއްނެތިއެވެ. މިއީ މާތް ﷲ ޙަރާމްކުރައްވައިފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.
"އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް عيب ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް عيب ނުކިޔާށެވެ!) އަދި އެއް ބަޔަކު އަނެއް ބަޔަކަށް ނުރުހޭކަހަލަ لقبތަކުން ނުގޮވާށެވެ! إيمانވުމަށްފަހު فاسقވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ.
އަދި (އެކަންތަކުން) توبة ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރީންނެވެ."
މި ކަންކަމުން ތިމާ ދުރުހެލިކޮށްނުދޭ ނަމަ، މި ހިފާ ރޯދައިގެ ބޭނުމެއް ފަހެ ކޮބައިހެއްޔެވެ؟
ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ، ޝައިޠާނާ ނިކަމެތިކޮށް ބަލިކަށިކޮށްލުމެވެ. ނަތީޖާއެއްގެ ގޮތުން، ޝައިޠާނާގެ ވަސްވާސްތަކާ މީހާ ދުރުކޮށްދެއެވެ. ހެޔޮ ޢަމަލުތަކުގައި، މީހާ މަޝްޣޫލުކުރުވައެވެ. ނުބައި ޢަމަލުތަކާ އޭނާ ދުރުހެލިކުރުވައެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ.
"އިންސާނާގެ ހަށިގަނޑުގައި ލޭ ދައުރުވާ ފަދައިން، ޝައިޠާނާ، އޭނާގެ ހަށިގަނޑުގެ ތެރޭގައި ދައުރުކުރެއެވެ."
މި ބަސްފުޅުން ދޭހަވަނީ އިންސާނާގެ މައްޗަށް ޝައިޠާނާ ބާރުފޯރުވާލެއް ބޮޑުކަމެވެ.
ރޯދަ ފަރުޟުކުރެއްވުނު ޙިކުމަތާއި، އޭގެ ފައިދާ ޙާޞިލުކުރެވޭނީ، ﷲ سُبْحَانَهُ وَتَعَالَى އެންގެވިގޮތަށް، ރޯދަ ހިފައިގެންނެވެ. ރޯދަ ހިފުމުގައި ކީރިތި ރަސޫލާ صلى الله عليه وسلمގެ ސުންނަތަށް ތަބަޢަވެގެންނެވެ.
ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ކަމަކީ، ސިއްރާއި ފާޅުގައި، ތިމާ ކުރާ ޢަމަލުތައް ﷲ تَعَالَى ބައްލަވައިވޮޑިގެންވާކަން ދަނެ، ތިމާގެ ނަފުސު ތަހުޒީބުކުރުމެވެ. ރޯދައަކީ، ރޯދަވެރިޔާއާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ސިއްރެކެވެ. ރޯދަވެރިޔާ ރޯދަ ގެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުންނަނީ، މާތް ﷲގެ ރުހިވޮޑިގަތުން ލިބިގަތުމަށެވެ. އެހެނީ ރޯދައަށް ހުރެ ސިއްރިޔާތުގައި ކައިބޮއި އުޅުނަސް، މީހަކަށް އެ ކަމެއް ނޭނގޭނެއެވެ. ރޯދަވެރިޔާއަށް އޭގެ މިންވަރު ނޭނގޭ ގިނަގުނަ ދަރުމަ ދެއްވުމަށް މާތް ﷲ ވަޢުދުވެވޮޑިގެންފައިވަނީ، މި އަޅުކަމުގައި ހުރި އިޚްލާޞްތެރިކަމުގެ ބޮޑުކަމުންނެވެ.
ރޯދައިގެ ޙިކުމަތަކީ، މާތް ﷲއަށް ބިރުވެތިވެ، تَقْوَىވެރިވުމެވެ. ކުރާން އާދަވެފައިވާ ކަންތައްތަކުން ދުވަސްކޮޅަކަށް ނަމަވެސް އެއްކިބާވެ ހުރުމީ، ދުނިޔޭގެ އެދުންތަކުން ނަފުސު ސަލާމަތްކުރުމަށް ދެވޭ ތަރުބަވީ ފިލާވަޅެކެވެ. މުޅި ދުވާލު ކެއިން ބުއިމުން އެއްކިބާވެ ހުރުމުގެ ސަބަބުން، ޝަހުވަތްތެރިކަމާއި، ދުނިޔޭގެ ދަހިވެތިކަން ތިމާގެ ހިތުތެރެއިން ކުޑަވެ، ރޫޙާނީ ބާރު ގަދަވެއެވެ. ނަތީޖާއަކަށް ވަނީ، ނުބައި ކަންތައްތަކަށް އަރައިގަތުމާ ދުރުހެލިވުމެވެ. ދުލުން ހަޑިހުތުރު ބަސްތައް ބުނުމާއި، މީހުންނާ ޒުވާބުކުރުން ހުއްޓުމެވެ. ފަޤީރުންނާއި ނިކަމެތީންގެ ޙާލަތު އިޙްސާސްވުމެވެ. އަދި އެފަދަ މީހުންނަށް އެހީތެރިވުމަށް ހިތްވަރު ލިބުމެވެ. ރޯދައަކީ ހުރިހާ މާނައެއްގައި ވެސް ރައްކާތެރިކަމެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ.
"ރޯދައަކީ ރައްކާތެރިކަމެކެވެ."
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން