logo
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)

އިންސްޓޯލްމެންޓް ޕޮލިސީގެ ދަށުން 97.74 މިލިއަން ރުފިޔާ މީރާއަށް ލިބިއްޖެ

profile

އާމިނަތު ޝަޒްލާ - 15 ނޮވެމްބަރު 2026 - 09:24

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހި ނުދައްކައި ހުރި ފައިސާ ހޯދުމަށްޓަކައި އަޅަމުންދާ ތަންފީޒީ އެކި ފިޔަވަޅުތަކުގެ ތެރެއިން، ޚާއްޞަ އިންސްޓޯލްމެންޓް ޕޮލިސީގެ ދަށުން އެކަނިވެސް 97.74 މިލިއަން ރުފިޔާ މީރާއިން ހޯދައިފިއެވެ.

https://wamco.com.mv/

މީރާއިން ޢާންމުކޮށްފައިވާ އޮކްޓޫބަރު މަހުގެ އާމްދަނީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދައުލަތަށް ލިބެންޖެހޭ ފައިސާ ނުދައްކައި ހުރި ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން 2022 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އަންނަ އިންސްޓޯލްމެންޓް ޕޮލިސީގެ ދަށުން ބޮޑު ތަރުޙީބެއް ލިބެމުންދާކަން ވަނީ ހާމަވެފައެވެ. އަދި މި އަހަރުގެ މިހާތަނަށް ތަންފީޒީ އެކި ފިޔަވަޅުތައް އަޅައިގެން މީރާއިން ވަނީ ޖުމްލަ 448 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިދީފައެވެ.

މީރާއިން އެޅި ތަންފީޒީ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ބޮޑު ޢަދަދެއް ހޯދިފައިވަނީ ޑަނިން ނުވަތަ ނޯޓިސް ދިނުމާއި، ހަނދާންކޮށްދިނުމާއި އަދި ފައިސާ ދެއްކުމަށް ބާރުއެޅުމުގެ ގޮތުން އެޅި ފިޔަވަޅުތަކުންނެވެ. އެގޮތުން، އެ ފިޔަވަޅުތަކުގެ ޒަރީޢާއިން 171.07 މިލިއަން ރުފިޔާ މީރާއަށް ލިބިފައިވެއެވެ. މީގެއިތުރުން، ނުދައްކައި ހުރި ފައިސާ އެއްކޮށް ޚަލާޞްކުރުމަށް ދިން ފުރުޞަތުތަކުގެ ބޭނުން ހިފައިގެން އެކި ފަރާތްތަކުން ވަނީ 161.22 މިލިއަން ރުފިޔާ ދައްކާފައެވެ.

އަދި ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކާ ދެކޮޅަށް އެޅި އެހެނިހެން ތަންފީޒީ ފިޔަވަޅުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެކައުންޓުތައް ފްރީޒްކޮށްގެން 9.81 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ. ހަމައެއާއެކު، ފައިސާ ދެއްކުމަށް ހަނދާންކޮށްދީ ފޯނުކުރުމާއި އީމެއިލް ފޮނުވައިގެން 8.10 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޢަމަލީ އެހެނިހެން ސިޔާސަތުތައް މެދުވެރިކޮށް 0.39 މިލިއަން ރުފިޔާ މީރާއަށް ވަނީ ބަލައިގެންފައެވެ.

މީރާއިން ދަނީ ދައުލަތަށް ލިބެންޖެހޭ ޓެކުހާއި އެހެނިހެން ފައިސާ ނުދައްކައި ހުންނަ ފަރާތްތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމާއެކު، ޤާނޫނީ އިމުގެ ތެރެއިން އެ ފައިސާ ހޯދުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

https://wamco.com.mv/
tel:+9607331319