.webp&w=3840&q=75)
ގައުމީ ހަރަކާތުގައި އިސްކޮށް އުޅުއްވާ މަލީހް---
ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމަކީ އުފެދުމުގައި ވެސް ބާތިލު، ގާނޫނާ ހިލާފު އެއްބަސްވުމެއް: މަލީހް

ޖިނާން ޙުސައިން ޖަބީން - 22 ނޮވެމްބަރު 2026 - 14:36
ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ތަރައްގީކުރުމަށް ނިންމާފައިވާ މެރީނާ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން ބޭރުގެ ބަޔަކަށް ދިނުމަކީ ގާނޫނުއަސާސީއާ ހިލާފަށް ސަރުކާރުން ހިންގާ އަމަލެއް ކަމަށް ވިދާޅުވެ، ޕީއެންއެފްގެ އެކްޓިވިސްޓް މުހައްމަދު މަލީހް ޖަމާލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ގައުމީ ހަރަކާތުގެ ފަރާތުން އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މަލީހް ވިދާޅުވީ، ރަސްމާލެ މަޝްރޫއާ މެދު ގިނަ ރައްޔިތުންތަކެއްގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މި މަޝްރޫއު ހިންގަމުންދަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ނެތި، ދައުލަތަށް އެކަށީގެންވާ ފައިދާއެއް ނުލިބޭ ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަލީހް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ޖުމްލަ ސަރަހައްދުގެ ތެރެއިން ހިކިފަސް ބިމުގެ ނިސްބަތަކީ އެންމެ 0.3 އިންސައްތައެވެ. މާލެ ސަރަހައްދުގެ ބިންތައް ފުރިފައިވާއިރު، ރަސްމާލެއަކީ ދިވެހި ޒުވާނުންނަށާއި އަންނަން އޮތް ޖީލުތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އޮތް އެންމެ މުހިންމު ވަސީލަތް ކަމަށްވުމުން، އެ ސަރަހައްދުން ބޭރުގެ ފަރާތްތަކަށް ބިން ދޫކުރުމާ ރައްޔިތުން ދެކޮޅުހަދަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، އެ ބިން ޔޫއޭއީގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލައްބާރާ ހަވާލުކުރަނީ މެދުއިރުމައްޗާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒަޔަނިސްޓުންނަށް ލަގްޒަރީ އެޕާޓްމަންޓްތައް ވިއްކުމުގެ މަގްސަދުގައި ކަމަށްވެސް މަލީހް ތުހުމަތުކުރެއްވިއެވެ.
މަލީހް އިތުރަށް ވިދާޅުވީ، މި އެއްބަސްވުމުގެ ކޮމާޝަލް ޓާމްސްތަކުގައި ސޮއިކޮށްފައިވަނީ ކެބިނެޓަށާއި ރައްޔިތުންގެ މަޖިލީހަށް އެކަށީގެންވާ މައުލޫމާތު ފޯރުކޮށްދިނުމެއް ނެތި ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް ފުރިހަމަ މައުލޫމާތު ނުދީ، އަދި ޝަރުއީ ދާއިރާގެ ބާރުތައް ކަނޑުވާލުމަށްފަހު ވެފައިވާ އެ އެއްބަސްވުމަކީ ގާނޫނުއަސާސީއާ ހިލާފަށް ވެފައިވާ، އުފެދުނުއިރުވެސް ބާތިލު އެއްބަސްވުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ރިއަލް އެސްޓޭޓް ބިލަށް ރައްޔިތުންގެ ހިޔާލު ހުށަހަޅަން އަލީ ހުސެއިން ގޮވާލައްވައިފި
8 ގަޑިއިރު ކުރިން

ގައުމީ ހަރަކާތުގެ އެއްވުން 3 ޑިސެމްބަރުގައި ބާއްވަނީ
8 ގަޑިއިރު ކުރިން

ރަސްމާލޭގެ މައްސަލައިގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އެމްޑީޕީން މުޒާހަރާ އަށް ނުކުންނަނީ
2 ދުވަސް ކުރިން

އަޅުގަނޑުވެސް ބޭނުމީ ރަސްމާލެ ބޭރުބަޔަކަށް ނުދީ ދިވެހިންނަށް ލިބެން: ރައީސް ނަޝީދު
2 ދުވަސް ކުރިން


