logo
މަރުކަޒީ ބޭންކް އެމްއެމްއޭ ހިންގާ އިމާރާތް---

މަރުކަޒީ ބޭންކް އެމްއެމްއޭ ހިންގާ އިމާރާތް---

ގަވާއިދާ ހިލާފުވި 3 ކުންފުންޏެއް ޖޫރިމަނާކޮށް، ލައިސަންސް ބާތިލްކޮށްފި

profile

ޖިނާން ޙުސައިން ޖަބީން - 18 ނޮވެމްބަރު 2026 - 15:51

ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދާ ހިލާފުވި ތިން ކުންފުންޏެއް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް، އެ ކުންފުނިތަކަށް ދޫކޮށްފައިވާ ބޭރު ފައިސާގެ ވިޔަފާރިކުރުމުގެ ހުއްދަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބާތިލްކޮށްފިއެވެ.

https://wamco.com.mv/

މި މައްސަލައާ ގުޅިގެން އެމްއެމްއޭއިން ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ގަވާއިދާ ހިލާފުވުމުގެ ސަބަބުން ފިޔަވަޅު އަޅާފައިވަނީ އެލްވީއާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑަށެވެ. މި ތިން ކުންފުނީގެ ލައިސަންސް ބާތިލުކުރުމުގެ އިތުރުން، އެލްވީއާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް، މިއިން ކޮންމެ ކުންފުންޏެއް 250،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފައިވަނީ 500،000 ރުފިޔާއިންނެވެ.

މިއީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ހިންގާ ބޭރު ފައިސާގެ ކަޅު ބާޒާރު ހުއްޓުވުމަށާއި، ބޭރު ފައިސާގެ މުއާމަލާތްތައް ހަމަމަގަށް އެޅުވުމަށް އެމްއެމްއޭއިން ކުރަމުންދާ ހާއްސަ މަސައްކަތްތަކުގެ ދަށުން އެޅި ފިޔަވަޅުތަކެއް ކަމަށް އިދާރާއިން ބުނެއެވެ. މީގެ އިތުރުން ލައިސަންސް ލިބިގެން މަނީ ޗޭންޖިންގގެ ހިދުމަތް ދޭ ފަރާތްތަކުގެ މުއާމަލާތްތައް ވަރަށް ގާތުން މޮނީޓަރ ކުރަމުން އަންނަ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެއެވެ.

ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގުމުގައި ބައެއް ފަރާތްތަކުން ގާނޫނާއި ގަވާއިދުތަކަށް ބޯނުލަނބާކަން ފާހަގަކުރެވެމުންދާ ކަމަށް ބަޔާންކޮށް، އެމްއެމްއޭއިން ވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް މިފަދަ ވިޔަފާރިތަކަށް ހަނދާންކޮށްދީފައެވެ. އަދި ގަވާއިދާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް، ކަމާބެހޭ ތަންފީޒީ އިދާރާތަކާ ގުޅިގެން ކުރިއަށް އޮތް ތަނުގައިވެސް ފަސްޖެހުމެއް ނެތި ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގެ އިންޒާރު އެމްއެމްއޭއިން ވަނީ ދީފައެވެ.

https://wamco.com.mv/
tel:+9607331319