
ބޭރުފައިސާ މާރުނުކުރާ ފަރާތްތަކުގެ ނަންތައް ހާމަކުރަން އެމްއެމްއޭ އިން ނިންމައިފި

މުޙައްމަދު ފަޟްލޫން - 26 އޮކްޓޯބަރު 2026 - 11:14
ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ބޭރު ފައިސާ މާރުކުރުމުގެ ގާނޫނީ ވާޖިބު އަދާނުކުރާ ފަރާތްތަކުގެ ނަންތައް އާންމުކުރާނެ ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.
ބޭރުފައިސާ އާއި ބެހޭ ގާނޫނަށް ގެނެވުނު އިސްލާހާއެކު، ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ރިސޯޓުތަކުން ކޮންމެ މަހަކު ލިބޭ އާމްދަނީގެ 40 އިންސައްތަ، ރާއްޖޭގައި ގާއިމުކޮށްފައިވާ ބޭންކަކަށް މާރުކުރުމަކީ މަޖުބޫރު ކަމެކެވެ.
އެމްއެމްއޭ އިން ވަނީ، ބޭރު ފައިސާއާބެހޭ ގާނޫނާ އެއްގޮތަށް، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން މާރުކުރުމުގެ ގާނޫނީ ވާޖިބު އަދާކުރުމަށް އަލުން ހަނދާންކޮށްދީފައެވެ.
އެމްއެމް އޭ އިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ކޮންމެ މީލާދީ މަހެއްގައި ލިބޭ ބޭރު ފައިސާގެ އާމްދަނީ، އެ މަހާ ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން މާރުކުރަން ޖެހެއެވެ.
ބޭރުފައިސާ އާއި ބެހޭ ގާނޫނަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް ހަނދާންކޮށް ދެމުން އެމްއެމްއޭ އިން ވަނީ، ސުންގަޑި ހަމަވާއިރު ވެސް ގާނޫނާ އެއްގޮތަށް މާރުކުރުމުގެ ވާޖިބު ފުރިހަމަ ނުކުރާ ފަރާތްތަކުގެ ނަންތައް، ކަނޑައެޅިފައިވާ އުސާލާ އެއްގޮތަށް ހާމަކުރާނެ ކަމަށް ބުނެފައެވެ.
ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން މީގެ ކުރިން ބޭރު ފައިސާ މާރުކުރުމުގެ ސުންގަޑިއަކީ މީލާދީ މަސް ނިމި، އެ މަހަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިއެވެ. ނަމަވެސް، މިހާރު ގެނެވުނު ބަދަލާއެކު، މީލާދީ މަހެއް ނިމުމުން، އެ މަހަށް ފަހު ހިނގާ ފުރަތަމަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ފައިސާ މާރުކުރަން ޖެހޭނެއެވެ.






