
މާދަމާ އިން ފެށިގެން 5 ރުފިޔާގެ އައު ސްޓޮކް ދައުރުކުރަން އެމްއެމްއޭ އިން ނިންމައިފި

މުޙައްމަދު ފަޟްލޫން - 14 އޮކްޓޯބަރު 2026 - 07:45
މާދަމާ 15 އޮކްޓޯބަރ އިން ފެށިގެން 5 ރުފިޔާގެ އައު ސްޓޮކް ދައުރުކުރަން އެމްއެމްއޭ އިން ނިންމައިފިއެވެ.
5 ރުފިޔާގެ އައު ސްޓޮކެއް ގެނެސް ދައުރުކުރުމަށް ނިންމުމާއި ގުޅިގެން އާއްމުކުރި އިއުލާނެއްގައި ބުނީ އިގްތިސާދުގައި ނަގުދު ފައިސާ އަށް އަލަށް އުފެދޭ ޑިމާންޑާއި އެއްވަރަށް ނޫޓު ފޯރުކޮށްދިނުމުގެ މަސައްކަތް އަބަދުވެސް ކުރަމުންދާ ކަމަށެވެ.
ފަސް ރުފިޔާގެ ނޫޓަކީ ޢާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ މެދުގައި ވަރަށް ގިނައިން ބޭނުންކުރެވޭ އަދި ގިނަ ޢަދަދަކަށް ދޫކުރެވޭ ނޫޓެކެވެ.
މިއީ ވިޔަފާރީގެ މުޢާމަލާތްތަކުގައި ޢާންމުކޮށް ބޭނުންކުރާ ނޫޓަކަށް ވެފައި، ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއަށް އަނބުރާ ޖަމާވާ މިންވަރު މަދުވުމަކީ މި ނޫޓުގެ ސްޓޮކް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބު ކަމުގައިވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
އަލަށް ޕްރިންޓް ކޮށްގެން ގެނެވުނު 5 ރުފިޔާގެ ސްޓޮކަކީ ރަންދިހަފަހެއް ނޫޓު ސީރީޒްގެ ފަސް ރުފިޔާގެ ނޫޓު 2017 ވަނަ އަހަރު ތަޢާރަފުކުރި ފަހުން، މި ނޫޓުގެ އާ ސްޓޮކެއް ރާއްޖެ ގެނައި ފުރަތަމަ ފަހަރު ކަމަށްވެސް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.
މި އާ ނޫޓުގައި ޖަހާފައިވާ ތާރީހަކީ 31 ޖުލައި 2025 (6 ސަފަރު 1447) އެވެ.
އަލަށް ޕްރިންޓް ކޮށްގެން ގެނެވުނު 5 ރުފިޔާގެ ނޫޓުގައި ސޮއިކުރައްވާފައި ވަނީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރެވެ.
15 އޮކްޓޯބަރ އިން ފެށިގެން ދައުރުކުރަން ހަމަޖެހިފައިވާ 5 ރުފިޔާގެ މި އާ ނޫޓުގައި ދިވެހި ރުފިޔާގެ ރަސްމީ ނިޝާން (ސިމްބަލް) ހިމަނާފައިވާނެ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.
މީގެއިތުރުން، މިހާރުވެސް ދައުރުވަމުންދާ ފަސް ރުފިޔާގެ ނޫޓުތައް ކުރިއެކޭ އެއްފަދައިން ބޭނުންކުރެވެމުންދާނެ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖޭން ބަންގްލަދޭޝްއަށް ދިޔަ ދެ މީހެއްގެ ހަށިގަނޑުން 5 މިލިއަނުގެ ރަން އަތުލައިގެންފި
ގަޑިއިރެއް ކުރިން

ކުދި ޖާގަ: ފުޅާކުރާ ސިއްރުތައް!
5 ގަޑިއިރު ކުރިން

ލ. ކައްދޫ އެކްސިޑެންޓް: މަރުގެ ދިޔަޔަށް އެއް މިލިއަން ރުފިޔާ ދައްކަން ނައުސާންގެ މައްޗަށް ހުކުމްކޮށްފި
19 ގަޑިއިރު ކުރިން

މަގުމަތީގެ އޯގާތެރިކަން: އެހީތެރިކަމުގެ އަތެއް ދިނުން
20 ގަޑިއިރު ކުރިން


