logo

އޭއީސީ ވަށައިގެން މިވާ ގުދުރަތީ މާހައުލަކީ ތެރަޕީއެއް!

profile

ޒިދާން މުޙައްމަދު - 07 ޖޫން 2025 - 06:50

އައްޑޫ ސިޓީ - ވެރިރަށް ހިތަދޫއިން، ޒިދާން މުޙައްމަދު:

https://wamco.com.mv/

undefinedއައްޑޫ ހިތަދޫ ކުޅި ސަރަހައްދު --- އަސްލު ފޮޓޯ؛ ޒިދާން މުހައްމަދު

ހޮސްޕިޓަލްތަކުގެ ހަލަބޮލި މާހައުލަކީ ގިނަ ވޭންތަކާއި އުދާސްތަކާއި ދެރައާއި މޮޅިވެރިކަމުން ފުރިފައިވާ މާހައުލެކެވެ. އެ ތަންތަނުގެ އެތެރެއާއި ބޭރުންވެސް ބަލި މީހުންނާއި އެ މީހުންގެ އެހީތެރިން، ހިތްދަތިކަމާއި ވޭނާއި ދަތި އެތައް އުނދަގޫތަކެއް ތަހައްމަލުކުރެއެވެ. އެހެންކަމުން، ހޮސްޕިޓަލްތަކުގެ މާހައިލުތައް ވާންވާނީ އެފަދަ އުދާސްތަކާއި މޮޅިން މީހާ ދުރުކޮށްދޭން ބާރަކަށެވެ.

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އަކީ އެފަދަ މާހައުލެއްގެ މިސާލެކެވެ. ބަލި މީހުންނާއި ބަލި މީހުންގެ އެހީތެރީންނަށް އެ ހޮސްޕިޓަލްގެ ވަށައިގެންވާ މާހައުލުން ދެނީ ހިތްހަމަޖެހުމެވެ. ހިތްފަހިކަމެވެ. ޤުދުރަތުގެ މުއްސަނދިކަމުން ފުރިފައިވާ ސަރަހައްދެކެވެ. ދިރުންތަކުން ފުރިފައިވާ ކުޅިއެކެވެ. ވަށައިގެން އެ ވަނީ ފެހިކަމުން ފުރިފައެވެ. "މެދެއާރެކިޅި"އެވެ. ކުޅީގެ ފެންގަނޑު، ފޫޓުމަސް (ތެލާޕިޔާ) ފަދަ މަސްމަހާމެހިން ފުރިފައެވެ. ވަށައިގެން ވަނީ، ގަސްގަހާ ގެއްސާއި ވިނައިން ފެހި އާރޯކަން ފެތުރިފައެވެ.

މިއީ ކޮންމެ ދުވަހަކު އެތައް ފަތުރުވެރިޔަކު އަދި ދަތުރުވެރިޔަކު ޒިޔާރަތްކުރާ ސަރަހައްދެކެވެ. މިއީ އައްޑޫގެ އެތައް ރައްޔިތަކު ހިތްހަމަޖައްސާލަން ގޮސްއުޅޭ ހިތަދޫގެ ވަރުގަދަ މައިޒާނެކެވެ. މިއީ އެތައް ބަލި މީހަކާއި އެ މީހުންގެ އެހީތެރިންނަށް ތަސައްލީ ގެނެސްދޭ މާހައުލެކެވެ. ހިތްހަމަޖެހުމާއި އުފަލުގެ ގޮވެއްޗެކެވެ.

undefinedއައްޑޫ ހިތަދޫ ކުޅި ސަރަހައްދު --- އަސްލު ފޮޓޯ؛ ޒިދާން މުހައްމަދު

ރާއްޖެއަކީ ކުދި ޖަޒީރާ ގައުމަކަށް ވިޔަސް ރާއްޖޭގެ އުތުރާއި ދެކުނުގެ ރަށްތަކުގައި ބޮޑެތި ކުޅި، ފާ އަދި ޗަސްބިންތައް އެބަހުއްޓެވެ. އެގޮތުން ރާއްޖޭގެ 150 ރަށަކުން މިފަދަ ސަރަހައްދުތައް ރެކޯޑްކުރެވިފައިވެއެވެ. މިފަދަ ސަރަހައްދުތައް ބައެއް ރަށްރަށުގައި ހުންނަނީ މޫދާ ގުޅިފައެވެ. އަދި ބައެއް ރަށްރަށުގައި މީރުފެން އެކުލެވޭ ގޮތަށް ބެދި ފައިހުންނަ ފެންގަނޑުތައް ނުވަތަ ކުޅިއެއް ވަށައިގެން ޗަސްބިން އެކުލެވޭ ގޮތަށް ހުރެއެވެ. "މެދެއާރެކިޅި" އަކީ މިދެންނެވި ފަދަ ކުޅިިިއެކެވެ.

undefinedއައްޑޫ ހިތަދޫ ކުޅި ސަރަހައްދު --- އަސްލު ފޮޓޯ؛ ޒިދާން މުހައްމަދު

މާކިޅިއާއި ފެހެލެ ކިޅި ނުވަތަ މެދެއާރެކިޅި ވަކިވުން

މި ދެކުޅިއަކީ އައްޑޫ ހިތަދޫ އިރުދެކުނު ފަރާތުގައި އޮންނަ ޗަސް ބިމުގައި ހެދިފައިވާ ދެކުޅިއެވެ. މިސަރަހައްދަކީ އިހުގައި އެއްސަރަހައްދެއްގެ ގޮތުގައި އޮތް ތަނެކެވެ. ނަމަވެސް، އެސަރަހައްދުގެ މެދުން މަގެއް ހެދިފައިވުމުން، މިސަރަހައްދު ހިމާޔަތްކުރުމަށް ހުށައަޅާފައިވަނީ ވެސް މެދެއާރަކިޅި އަދި މާކިޅި ވަކިކޮށް ދެސަރަހައްދެއްގެ ގޮތުގައެވެ. މިސަރަހައްދަކީ ޗަސް ބިން ސަރަހައްދެކަމުން، ރަށަށް ވެހޭ ވާރޭ މިސަރަހައްދަ ފަސޭހަކަމާއެކު ހިދިގެން ދެއެވެ. މިކަމުން ރަށުގެ ތެރޭގައި ފެންބޮޑުވުމުގެ ފުރުސަތު ކުޑަވެގެން ދެއެވެ. މިސަރަހައްދުގެ ފަސްގަނޑަކީ ގަސް ހެއްދުމަށް ފަސޭހަ ފަސްގަނޑެއްކަމުން، ރަށުގެ ބައެއްފަރާތްތަކުން ދަނޑު ވެރިކަމަށް ވެސް ބޭނުން ކުރާ ސަރަހައްދެކެވެ.

މިސަރަހައްދުގެ ދިރުންތަކަށް ބަލާލާއިރު، ކުޅިފަލުގައި ގައި ހެދޭ ގަހުގެ ބާވަތެއްކަމުގައިވާ ބުރެވި ކޮންމެވެސް ވަރަަކަށް ފެނިފައިވެއެވެ. މީގެ އިތުރުން، ދިއްގާ ހިރުދު އަދި ބޯކަށިކެޔޮ މިސަރަހައްދުގައި ގިނައަދަދަކަށް ހެދިފައިވެއެވެ. މިތަނުގައިވާ ދެފެންގަނޑުގެ ތެރޭގައި ‘ކާފަރުބުރު’ ކިޔާ ފެނުގައި ހެދޭ ބާވަތުގެ ގަހެއް ހެދިފައިވެއެވެ. މިގަހަކީ ކުރީގައި މިސަރަހައްދުން ނުފެންނަ، ފަހުން އެސަރަހައްދަށް ތައާރަފުކުރެވިފައިވާ ބާވަތެއްގެ ގަހެއް ކަމުގައި އެނގިފައިވެއެވެ. މިގަސް ބޯވެ، މިސަރަހައްދުގައި ވާ ފެންގަނޑު މިހާރުދަނީ ހިނދެމުންކަން ފާހަގަކުރެވެއެވެ. މިކަމަކީ މިފެންގަނޑުގައި އުޅޭ މަހުގެ ދިރުމަށް ނުރައްކާވުން ކައިރިކަމެކެވެ. އަދި، އެކަމުގެ ސަބަބުން މިސަރަހައްދަށް އަންނަ ދޫނިތައް އައުން މަދުވުމަކީ ވެސް އެކަށީގެންވާކަމެކެވެ.

undefinedއައްޑޫ ހިތަދޫ ކުޅި ސަރަހައްދު --- އަސްލު ފޮޓޯ؛ ޒިދާން މުހައްމަދު

އެހެންކަމުން މިސަރަހައްދުގެ ދިރުން ރައްކާތެރިކުރުމަށް، މިސަރަހައްދު ސާފުކުރެވެންޖެހެއެވެ. އަދި، މިސަރަހައްދުގެ މާހައުލާއި ނުގުޅޭ ދިރުން މިސަރަހައްދަށް ތައާރަފުވެގެން ދިއުން ހުއްޓުވޭފަދަގޮތެއް ހޯދައި ބެލެހެއްޓުން އެއީމުހިއްމުކަމެކެވެ.

ހަގީގަތަކީ މިކުޅިތަކުގެ އުފާ ހާސިލުކުރަމުންދަނީ ދަތުރުވެރީންނާއި ފަތުރުވެރީން އެކަނި ނޫން ކަމެވެ. އައްޑޫ ރައްޔިތުންނާއި ހޮސްޕިޓަލަށްދާ ބަލިމީހުން ހިތްހަމަޖައްސާލުމަށް މިއީ ހަމަ ވަރަށް މަގުބޫލު ތަންތަނެވެ.

https://etukuri.mv/
https://www.aslu.com.mv