
ތަރައްގީވެފައިވާ ގައުމެއްގެ ދަރަޖައަށް ރާއްޖެ ގެންދިއުމަށް ކޮމަންވެލްތުގެ އެއްބާރުލުން މުހިންމު: ރައީސް

އައިޝަތު އިނާޝާ - 18 ޖުލައި 2025 - 15:10
2040 ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖައަށް ދިވެހިރާއްޖެ ގެންދިއުމުގެ ޤައުމީ ތަޞައްވުރު ކުރިއަށް ގެންދިއުމުގައި، ކޮމަންވެލްތުން ދެއްވާ އެއްބާރުލުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އޮނަރަބަލް ޝާލީ އަޔޯކޯ ބޮޗްވޭއާ މިއަދު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މިއަދުގެ މި ބައްދަލުވުމުގައި، މުހިންމު ދާއިރާތަކުން ދިވެހިރާއްޖެއަށް ކޮމަންވެލްތުން ދެއްވާ އެހީތެރިކަން ވެދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ސެކްރެޓަރީ ޖެނެރަލް ވަނީ ތަކުރާރުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ބައިނަލްއަޤްވާމީ މަސްރަޙުގައި، ތަރައްޤީވަމުންއަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި އިސްކަންދޭ ކަންކަމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން އަދާކުރަމުންދާ ލީޑަރޝިޕްގެ ދައުރު ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި 2040 ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖައަށް ދިވެހިރާއްޖެ ގެންދިއުމުގެ ޤައުމީ ތަޞައްވުރު ކުރިއަށް ގެންދިއުމުގައި، ކޮމަންވެލްތުން ދެއްވާ އެއްބާރުލުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާއާއި ސެކްރެޓަރީ ޖެނެރަލް ވަނީ ދެފަރާތުގެ މަސްލަހަތު ހިމެނޭ ގިނަ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެތެރޭގައި ޑިމޮކްރަސީއާއި ހެޔޮ ވެރިކަން، ވިޔަފާރިއާއި ވުނަކުރުން، އަދި މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދެމެހެއްޓެނިވި ތަރައްޤީއާއި ގުޅުންހުރި ދާއިރާތައް ހިމެނެއެވެ.
މި ބައްދަލުކުރެއްވުމަކީ، ދިވެހިރާއްޖެއާއި ކޮމަންވެލްތާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ހަރުދަނާކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން