
ހަައްޤަކާނުލައި މީހުން މެރުން
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 25 އޯގަސްޓު 2025 - 04:19
ހައްގަކާނުލައި ގަސްދުގައި އިންސާނާ ގަތުލުކުރުމަކީ އެންމެ ބޮޑު ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެކެވެ. އެހެން ނަމަވެސް ދެރަކަމަކީ އެކަމަކީ ވަރަށް ކުޑަކުޑަކަމަކަށް މިއަދު ރާއްޖޭގައި ހަދާފައިވުމެވެ. ފަހަރުގައި މިކަމުގެ ބިރުވެރިކަމާއި، މިހެންވެއްޖެނަމަ މުޖުތަމައުއަށް އޮތް މާތްﷲގެ ކޯފާގެ ވާހަަކަ އެނގިފައި ނެތީއެވެ.
ހަނގުރާމައިގެ ހާލަތުގައިވެސް ކުރުން ހަރާމުކުރައްވާފައިވާ "މުޡްލާ" ގެ ނުބައި އަމަލު ވެސް މިހާރު މިރާއްޖޭގައި ކުރަމުންދެއެވެ.
ތަކުރާރުކޮށްލަންޖެހޭ ހަގީގަތެކެވެ. މިއަދު އަހަރެމެންގެ މުޖުތަމައިން މި ބޮޑު ފާފައަށް އަރައިގަތުން ދެކެނީ ވަރަށް އާދައިގެ ކުޑަކަމެއްގެ ގޮތުގައެވެ. އެއްވެސް ރަހުމެއް، ބިރުވެރިކަމެއްނެތި އިންސާނާ މަރާލުމަށްފަހު ދޫކޮށްލަނީއެއް ނޫނެވެ. ހަނގުރާމައިގެ ހާލަތުގައިވެސް ކުރުން ހަރާމުކުރައްވާފައިވާ އަމަލެއްކަމުގައިވާ މުޡްލާ ކުރުމުގެ އަމަލެއް ކަމުގައިވާ ގުނަވަންތައް ބުރިބުރިކޮށް ވަކިކުރަނީވެސް މެއެވެ.
ނުހައްގުން އެންމެ ނަފްސެއްވެސް މަރާލުމަކީ ހުރިހާ އިންސާނުން މެރުންފަދަ ނުބައި ފާފައެއް ކަން ކީރިތި ޤުރުއާނުގައި ވަނީ ބަޔާންކޮށްދެއްވާފައެވެ.
މާތްﷲ ވަހީކުރައްވާފައިވެއެވެ. "ނަފްސެއް މަރައިގެން ނުވަތަ ބިމުގައި ފަސާދައެއް އުފައްދައިގެން ނޫންގޮތަކަށް ނަފްސެއް މަރައިފި މީހަކު ހުރިހާ މީސްތަކުން މެރިފަދައެވެ. އަދި އެ ނަފްސު ދިރުވައިފި މީހާ(އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފި މީހާ) ހުރިހާ މީސްތަކުން ދިރުވިފަދައެވެ. "
ރާއްޖޭގައި ބޮޑު ފާފައެއް އެއީ ކުޑަކަމެއްކަމުގައި ދެކި އެއްވެސް ރަހުމެއްނެތި މީހުން މަރަމުން ދިޔަނަމަވެސް އަދި އެފަދަ ކަމެއް ކުރަމުންދާއިރު ފެންނައިރުވެސް މުޖުތަމައުގައި ތިބޭ މީހުން އެކަން ހުއްޓުވަން މަސައްކަތް ނުކުރިނަމަވެސް އަދި އިލާހީ ޝަރީއަތުގައިވާ ގިސާސް ހިފުމާއި މަރުގެ ހުކުމް ތަންފީޒު ނުކޮށް ތިބިނަމަވެސް، މާތްﷲގެ ހަޒްރަތުގައި އެއީ ކުޑަކަމެއް ނޫނެވެ.
ރަސޫލާ ހަދީސް ކުރައްވާފައިވެއެވެ. މާނައީ: "މީހަކު ގަތުލުކުރުމަށްވުރެ މުޅި ދުނިޔެ ހަލާކުވެ ނެތިދިއުން ވަނީ މާތްﷲގެ ހަޒްރަތުގައި ވަރަށް ކުޑަކަމެއްގެ ގޮތުގަ އެވެ. އުޑުތަކުގެ އަހުލުވެރިންނާއި، ބިމުގެ އަހުލުވެރިން އެންމެ މުއުމިނަކު ގަތުލުކުރުމުގައި ބައިވެރިވި ކަމުގައިވިޔަސް މާތްﷲ އެއެންމެން ނަރަކަށްއަށް ވައްދަވާ ހުއްޓެވެ."
ހުރުމަތްތެރި ކުރެވިގެންވާ ނަފްސެއް ހައްގަކާއި ނުލާ މަރާލުންފަދަ ބޮޑެތި ކުށްތައް މުޖުތަމައުއިން މަދުކުރުމަށް އިލާހީ ޝަރީއަތް ގާއިމުކުރުން ފިޔަވައި އިތުރު ހައްލެއް ނެތެވެ. އެއީ ގިސާސް ހިފުމެވެ.
މީހުން މަރާމީހާގެ މައްޗަށް އޮތީ ބޮޑުވެގެންވާ ކޯފާއާއި، ލައުނަތެވެ. އެފާފައިން ތައުބާވެ އަމަލު އިސްލާހު ނުކުރިނަމައެވެ. އަދި އަނިޔާ ލިބޭމީހާގެ އާއިލާއިން ގިސާސް ހިފަން ބޭނުންވާ ހިދު އެ ގިސާސް ހިފުން ވެރިންގެ މައްޗަށް އިސްލާމީ ޝަރީއަތުގައި ވަނީ ފަރުޟުކުރައްވާފައެވެ.
މާތްﷲ ވަހީކުރައްވާފައި ވެއެވެ.
" އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ގަތުލުކުރެވޭ މީހުންނާއިމެދު ގިސާސް ހިފުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟުކުރެވިއްޖެ އެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ އެމީހާގެ އަހާގެ ފަރާތުން ގިސާސްގެ ބައެއް މާފުކުރެވުނު މީހާ ދަންނާށެވެ. ފަހެ އެމީހާގެ ކިބައިން މަރުގެ ދިޔައަށް ވާރުތަވެރިޔާ އެދުން ހުއްޓެވެ. އަދި އިހުސާންތެރި ކަމާއިއެކު މާފުކުރި ފަރާތައް(މާފުކުރެވުނު މީހާ) އެދިޔަ އަދާކުރުން ހުއްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ހަޒްރަތުން ތިޔަބައިމީހުނަށް ދެއްވި ލުޔެކެވެ. އަދި ރަހުމަތެކެވެ. އެއަށްފަހު ދެކޮޅުވެރިވެ، އަދާވަތްތެރިވެއްޖެ މީހާ ދަންނާށެވެ. ފަހެ އެމީހާއަށް ވޭންދެނިވި އަޒާބު ހުއްޓެވެ."
އިސްލާމްދީނުގައި ޤަޠުއީކޮށް (ޤުރުއާނުގެ އާޔަތަކުން ނުވަތަ ޞައްޙަ ޙަދީޘަކުން ނުވަތަ އިޖުމާޢުން ޔަޤީން މިންވަރަށް) ބަޔާންވެފައިވާ އެއްވެސް ޙުކުމްފުޅަކަށް، (އެއީ ދީނުގައި އެ ޙުކުމްފުޅެއް އޮތްގޮތްކަން ޝައްކެއްނެތް މިންވަރަށް އެ މީހަކަށް އެނގުމަށްފަހު) އިންކާރު ކުރުމަކީ އެ މީހަކު މިއްލަތުން ބޭރުވެ ކާފަރުވާނެ ކަމެކެވެ.
މިއީ މިކަމާމެދު އެއްވެސް އިލްމުވެރިއަކު ދެބަސްވެވަޑައިނުގަންނަވާނެ އިޖުމާއުލް ޤަޠުއީ ކަމެކެވެ.
ގިސާސް ހައްދު ނުވަތަ މަރަށް މަރުހިފުމުގެ ހައްދަށް ބަލާއިރު، އެއީ ކީރިތި ގުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلمގެ ސަރީހަ ހަދީޘްފުޅުން ފެންނަން އޮތް ޤަޠުއީ ހުކުމެކެވެ. އެއާމެދު އިންކާރު ކުރުމަކީ އެއްވެސް މުސްލިމަކަށް ހުއްދަ ވެގެންވާނޭ ކަމެއް ނޫނެވެ. އަދި ކިއެއްތޯ އެވެ. އެއީ ކުރިން ދެންނެވުނު ފަދައިން އެ މީހަކު މިއްލަތުން ބޭރުވެ ކުފުރުގެ ދާއިރާއަށް ހިނގައިދާނެ ކަމެކެވެ.އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީނެވެ. ގިސާސްގެ ހުކުމުގައި ބައިވަރު ހިކުމަތްތައް ހިމެނެ އެވެ. އިސްލާމީ މުޖުތަމައެއްގައި، ރަނގަޅަށް ގިސާސްގެ ހުކުމް ތަންފީޒުކުރެވޭ ތަނެއްގައި، ފުރާނަ އަށް ހުރުމަތް ލިބިގެން ވާނެ އެވެ. އަމާންއޮމާންކަން ލިބިގެން ވާނެ އެވެ. ގިސާސް ހިފުމުގައި ދިރުމެއް ވެއެވެ. މިއީ ކީރިތި ގުރުއާނުގައިވާ އިލާހީ އިއުލާނެކެވެ. ސިއްރާއި ފާޅު މޮޅަށް ދެނެވޮޑިގަންނަވާ މަތިވެރި އިލާހުގެ އެންގެވުމެކެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
3 އަހަރު ކުރިން