logo

ވީއައިއޭގެ އައު ޓާރމިނަލް ހުޅުވިގެންދާނީ ބައިނަލްއަގްވާމީ މިންގަޑުގައި: އެމްއޭސީއެލް

profile

މުޙައްމަދު ފަޟްލޫން - 26 ޖޫން 2025 - 16:08

ވީއައިއޭގެ އައު ޓާރމިނަލް ހުޅުވިގެންދާނީ ބައިނަލްއަގްވާމީ މިންގަޑުގައި ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (ޢެމްއޭސީއެލް) އިން ބުނެފިއެވެ.

https://wamco.com.mv/

އައު ޓާރިމިނަލްގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ހިއްސާކޮށް އެމްއޭސީއެލް އިން އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ މިފަދަ ބޮު މަސައްކަތެއް ހިނގަމުން ދާއިރު ގައުމީ އަދި ބައިނަލްއަޤްވާމީ ގޮތުން އެމްއޭސީޢެލް އިން އަމަލުކުރާ ހަމަތަކާއި އުސޫލް ތަކެއް ގާއިމްވެފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއ،ި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންއާއި އިންޓަނޭޝަނަލް އެއާޓްރާންސްޕޯޓް އެސޯސިއޭޝަންގެ މިންގަނޑު ތަކަށް ފުރިހަމައަށް އެމްއޭސީއެލުން އަމަލުކުރަންޖެހޭ ކަމަށް ބުނެފައިވެއެވެ. އެގޮތުން ބަޔާން ކުރެވުނު ތިން ފަރާތުގެ މިންގަނޑު ތަކަށް އެއާޕޯޓްގެ ފެސިލިޓީތައް އޮޕަރޭޓް ކުރުމުގެ ކުރިން ތަންފީޒް ކުރުމަށްޓަކައި އެކަށައަޅާފައިވާ ވެލިޑޭޝަން ބްރިޖަކީ "އޮރާޓް" ކަމަށް ބުނެފައިވެއެެވެ.

އޮރާޓަކީ އެއާޕޯޓެއް ނުވަތަ އާ ޓާމިނަލެއް ހުޅުވުމުގެ ކުރިން އެތަނުގެ ހިދުމަތްތަކާއި ޕްރޮސީޖަރުތައް ތައްޔާރުކުރުމާއި، އިކުއިޕްމަންޓު އަދި މެޝިނަރީސް ޓެސްޓު ކުރުމާއި، އެތަނުގައި މައިގަނޑު ހަރަކާތްތެރިންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތް ތަމްރީނުކުރުމާއި ހުޅުވުމުގެ ކުރިއާއި ފަހަތަށް މުޅި އެއާޕޯޓު ނުވަތަ ޓާމިނަލް ގައުމީ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ތައްޔާރުކޮށްފައިވޭތޯ ކަށަވަރުކުރުމެވެ. އެގޮތުން އެމްއެންޑީއެފް، އެމްއޭސީއެލް، އަދި ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓަރޭޝަން (ދާސާ)ގެ މިންގަނޑުތައް ކަށަވަރުކުރަން ޖެހެއެވެ.

އޮރާޓުގެ ސަބަބުން ލިބޭ ފައިދާތަކަށް ބަލާއިރު އާ ޓާމިނަލް ހުޅުވުމުގެ ކުރިން އޮޅުންބޮޅުންތަކާއި ހާލަތު ގޯސްވުންތަކުން ފަސިންޖަރުންނާއި މުވައްޒަފުން ސަލާމަތްކުރެއެވެ. އަދި ރައްކާތެރިކަމާއެކު ހިދުމަތުގެ ފެންވަރު ކަށަވަރުކޮށް ފަސިންޖަރުންގެ އިތުރުން ސްޓޭކް ހޯލްޑަރުންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ކަށަވަރުކޮށްދޭނެ ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ.

މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް އެއްގޮތްވާ ގޮތުގެ މަތިން އެއާޕޯޓެއް ހުޅުވުމަށް ކުރަންޖެހޭ މުހިންމު މަސައްކަތެކެވެ.

އޮރާޓުގެ މަސައްކަތްތައް މައިގަނޑު ހަ މަރުހަލާއަކަށް ބަހާލެވިފައިވެއެވެ.

1 އޮޕަރޭޝަނަށް ކަންކަން ރާވާލުމާއި ތައްޔާރުވުން:

މިއީ އޮރާޓުގެ ފުރަތަމަ މަރުހަލާއެވެ. މި މަރުހަލާގައި ވެލާނާ އެއާޕޯޓުގައި މަސައްކަތްކުރާ ފަރާތްތައް ކަމަށްވާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް، އެއާލައިންސް، އަދި އެހެނިހެން މަސައްކަތްތެރިން ދެނެގަނެ، ޓީމުތައް އެކުލަވާލައި އެމީހުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އެކަށައަޅައި ކުރިއަށް ގެންދެއެވެ. މީގެ އިތުރަށް، އެއާޕޯޓުގައި ބޭނުންކުރަން ގަސްތުކުރާ އަދި ބޭނުންކުރަމުން އަންނަ ސިސްޓަމްތަކާއި މެޝިނަރީޒް، މިސާލަކަށް ބެގޭޖް ހޭންޑްލިން ސިސްޓަމާއި ސެކިއުރިޓީ ސިސްޓަމާއި ޗެކިން ސިސްޓަމްތައް މި މަރުހަލާގައި ދެނެގަނެވޭނެއެވެ.

2 ހުރިހާ ކަމެއް އަޖުމަބެލުން ނުވަތަ ޓެސްޓު ކުރުން:

މި މަރުހަލާގައި އެއާޕޯޓުގެ އައު ޓާމިނަލްގައި ބޭނުންކުރާ އަދި ބޭނުންކުރަން ގަސްތުކުރާ އިކުއިޕްމަންޓާއި މެޝިނަރީޒްގެ އިތުރުން ބޭނުންކުރާ ހުރިހާ ޓެކްނޮލޮޖީއެއްގެ އަޖުމަބެލެއެވެ. މި އަޖުމަބެލުމުގެ ތެރެއިން މި އިކުއިޕްމަންޓާއި މެޝިނަރީޒްގެ އިތުރުން ބޭނުންކުރާ ހުރިހާ ޓެކްނޮލޮޖީއެއްގައި ހުރި މައްސަލަތައް ދެނެގަނެ ހުޅުވުމުގެ ކުރިން އެކަންކަން ހައްލުކުރެވޭނެއެވެ.

3 ހާލަތު ތަމްސީލު ކުރުން ނުވަތަ އޮޕަރޭޝަނަލް މޮކަޕެއް ކުރިއަށް ގެންދިއުން:

އޮރާޓުގެ ތިންވަނަ މަރުހަލާއަކީ ޓާމިނަލްގެ އޮޕަރޭޝަން ތަމްސީލީ ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ތަޖުރިބާ ކުރުމެވެ. މި މަރުހަލާގައި ދެހާހެއްހާ މީހުން ފަސިންޖަރުންގެ ގޮތުގައި ބޭނުންކޮށްގެން މުޅި ޓާމިނަލްގެ ފުރިހަމަ ޓްރައެލްއެއް ބޭއްވޭނެއެވެ. މި ޓްރައެލްގައި ފްލައިޓުތަކާއި ފަސިންޖަރުންނާއި ގުޅިފައިވާ ހާލަތްތަކުގައި ހަރަކާތްތެރިވާނެ ގޮތްތައް ދެނެގަނެ ތަމްސީލުކުރެވޭނެއެވެ. މީގެ އިތުރުން އާ ޓާމިނަލްގައި ހިދުމަތް ފޯރުކޮށްދިނުމަށް ޓަކައި މުވައްޒަފުން ތަމްރީނުކުރުމުގެ ތެރެއިން، މުވައްޒަފުން ޚިދުމަތްދިނުމުގައި ފާހަގަކުރެވޭ އުނދަގޫތައް ދެނެގަނެ އެކަންކަން ރަނގަޅުކުރެވޭނެއެވެ.

4 މުވައްޒަފުން ތަމްރީނު ކުރުން:

މި މަރުހަލާގައި އާ ޓާމިނަލްގައި ބޭނުންކުރާ ސިސްޓަމްތަކާއި އިކުއިޕްމަންޓު ބޭނުންކުރާނެ ގޮތްތަކާއި އުސޫލުތައް ބުނެދެވޭނެއެވެ. އަދި ނުރައްކަލުގެ މަރުހަލާގެ ކަންކަމަށް މުވައްޒަފުން އަހުލުވެރިކުރުވުމަށް ޓަކައި ޑްރިލްސްތައް ކުރިއަށް ގެންދެވޭނެއެވެ. މިސާލަކަށް އަލިފާނުގެ ހާދިސާތަކާއި ގުޅިގެން ޓާމިނަލްއިން މީހުން ހުސްކުރުން ފަދަ ޚާއްސަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ބުނެދެވޭނެއެވެ.

5 ޓާމިނަލް ބޭނުންކުރުމަށް ފެށުން:

މި މަރުހަލާގައި އާންމު ހާލަތުގައި އައު ޓާމިނަލް ފްލައިޓުތަކާއި ފަސިންޖަރުންނަށް ހުޅުވާލުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ. އެގޮތުން ރޭވުންތެރިކަމާއެކު ފަހަރަކު އެއާލައިނެއްގެ އިންޓަނޭޝަނަލް އޮޕަރޭޝަން އާ ޓާމިނަލަށް ބަދަލުކުރަމުން ގެންދާނެއެވެ. އެއަށްފަހު އެއާލައިންތައް އިތުރުކުރަމުން ގޮސް ބައިނަލްއަގުވާމީ ހުރިހާ އެއާލައިންތަކުގެ އޮޕަރޭޝަން އާ ޓާމިނަލަށް ބަދަލުކުރެވޭނެއެވެ.

6 މޮނިޓަރ ކުރުމާއި ކަންކަން ރަނގަޅު ކުރުން:

މި މަރުހަލާގައި ޓާމިނަލް ހުޅުވުމަށްފަހު ފާހަގަކުރެވޭ މައްސަލަތައް އަވަސްކަމާއެކު ދެނެގަނެ އެކަންކަން ހައްލުކުރެވޭނެއެވެ. އަދި ޓާމިނަލްގެ އޮޕަރޭޝަނަށް ބުރޫ ނާރާ ގޮތަށް ހުރިހާ ކަމެއް ކުރިއަށް ގެންދެވޭނެކަން ކަށަވަރުކުރާނެއެވެ. ހިދުމަތް ދިނުމަށް އެކުލަވާލެވިފައިވާ މެކޭނިޒަމްތައް އެންމެ އޮމާންކަމާއެކު ހިނގާކަން މި މަރުހަލާގައި ކަށަވަރުކުރެވި، އިތުރަށް ހަރުދަނާކުރެވޭނެއެވެ.

އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓާމިނަލް ހުޅުވިގެންދާއިރު މި ޓާމިނަލަކީ ޒަމާނީ ފެންވަރުގައި ތަރައްގީ ކޮށްފައިވާ ތަނެކެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay