
އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ: ރާއްޖޭގެ ޢަރަބި އިސްލާމީ ތައުލީމުގެ ވަރުގަދަ ބިނާ!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 29 ޖޫން 2025 - 10:34
ދިވެހީން ގަބޫލުކުރާ ދިވެހީންގެ ދީނަކީ އިސްލާމްދީނެވެ. ޢަރަބިބަހަކީ އިސްލާމްދީނުގައި ވަރަށް ހާއްސަ މަގާމެއް ދެވިފައިވާ ބަހެކެވެ. ކީރިތި ޤުރްއާން ބާވާލެއްވުނީ ޢަރަބިބަހުންނެވެ. ވީއިރު އިސްލާމީ މުޖުތަމައެއްގައި ޢަރަބިބަސް އުނގެނި، ޢަރަބިބަހުގެ ޢިލްމު ފެތުރުން މުހިންމެވެ. ކީރިތި ޤުރްއާންގެ މަހުފޫމްތައް ދެނެގަތުން ފަދަ އެތަކެއް ފަސޭހައެއް އެކަމުން ލިބޭތީއެވެ.
ޝައްކެތް ވެސް ނެތް ގޮތުގައި، ރާއްޖޭގައި ޢަރަބިބަސް އާލާކޮށް ދިރުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ޢަރަބި ބަހުން ކިޔަވައިދޭ އެންމެ ބޮޑު މުއައްސަސާއަކަށް ރާއްޖޭގައި މި ވަގުތު ހުރީ އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއެވެ. އެހެންކަމުން، ޢަރަބިއްޔާ ސްކޫލް ހަރުދަނާ ކުރުމަކީ ވަރަށް މުހިންމު އަދި ބޭނުންތެރި ކަމެކެވެ. ޒަމާނަށް އަންނަ ބަދަލުތަކާއެކު ތަރައްޤީކޮށް އެ ސްކޫލު ކުރިއަށް އޮތް ޖީލުތަކަށް ވާޞިލް ކުރުމަކީ އަމާނާތެކެވެ.
އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތުގެ މުހިންމު ރަމްޒެކެވެ. ޢަރަބިއްޔާ ސްކޫލަކީ ރާއްޖޭގެ ޢަރަބި އިސްލާމީ ތަޢުލީމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި އަދި މިއަދު ވެސް އަދާކުރަމުންދާ ސްކޫލެކެވެ. އެ ސްކޫލުން ތަޢުލީމު ޙާޞިލްކޮށްފައިވާ ދަރިވަރުންނަކީ ދީނާއި ވަޠަނަށް ގިނަގުނަ ޚިދުމަތްތަކެއް އަދާކުރަމުންދާ ބައެކެވެ. އޭގެ ތެރޭގައި އިސްލާމީ ޢިލްމުވެރިންނާއި މެޑިކަލް ޑޮކްޓަރުންނާއި މަޖިލިސް މެމްބަރުންނާއި ވަކީލުންނާއި ފަނޑިޔާރުންނާއި ވިޔަފާރިވެރިންނާއި މި ނޫން ވެސް އެކި ދާއިރާތަކުގައި އެ މަދްރަސާއިން ތަޢުލީމު ޙާޞިލްކުރި ދަރިވަރުން އެބަތިއްބެވެ.
ފަހަކަށް އައިސް މި ސްކޫލަށް ދިމާވަމުންދާ ކަންކަމުގައި ކަންބޮޑުވުންތައް ފެންމަތިވެއެވެ. މި ސްކޫލުގެ މިހާރުގެ ޙާލަތާއި މުސްތަޤުބަލް ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. އެހެން ނޫން ނަމަ އެތަނުން ތަޢުލީމު ޙާޞިލް ކުރާ ދަރިވަރުންނަށް ގިނަ ގޮންޖެހުންތަކެއް މެދުވެރިވެދާނެއެވެ.
މިވަގުތު އެންމެ ބޮޑު މައްސަލައަކަށް އޮތީ ސްކޫލް ހިންގާނެ ދާއިމީ އިމާރާތެއް ނެތުމުގެ މައްސަލައެވެ. ވަގުތީ ގޮތުން ހިންގަމުންދާ އިމާރާތުގެ ފެންވަރު ދަށްކަމާއި ޖާގައިގެ ދަތިކަމެވެ. އެހެންކަމުން މިމައްސަލައަށް ހައްލު ހޯދުމަކީ މިހާރުގެ ސަރުކާރުން ވަރަށް އަހައްމިއްޔަތުކަން ދޭ ކަމެެއްކަން ފާހަގަކުރެވެއެވެ. އަރަބިއްޔާ ސުކޫލުގެ އައު އިމާރާތުގެ މަސައްކަތް 2025 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.
މިސަރުކާރުން ވަނީ ޢަރަބިއްޔާ ސްކޫލު އަޅަން ބިމެއްގެ ގޮތުގައި ކުރީގެ ކުނިކޮށި ހުރި 381 ނަންބަރު ކޮށި ހަމަޖައްސާފައެވެ. އަރަބިއްޔާ ސްކޫލު ޖާގަ ތަނަވަސް ބިމެއްގައި ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ވެރިކަމާ ހަވާލުވެވަޑައިގެން އަރަބިއްޔާ ސްކޫލުގެ މަސައްކަތް ފެއްޓެވުމަކީ ވެސް އެ މަނިކުފާނުގެ ވައުދުފުޅެކެވެ.
އަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތެއް ނެތުމުގެ ސަބަބުން އެ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ގިނަ ދަތިތަކެއް ތަހައްމަލުކުރަން ވަނީ ޖެހިފައެވެ. ނިމިދިޔަ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި ވެސް އެ ކަމަށް އެއްވެސް ޙައްލެއް ގެނެސްދެވިފައެއް ނުވެއެވެ. އެހެންވެ އެ ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ބެލެނިވެރިން ވަނީ އެތައް ފަހަރެއްގެ މަތިން ނުރުހުން ފާޅުކޮށް، ޝަކުވާތައް ކަމާބެހޭ އިދާރަތަަކަށް ހުށަހަޅައިފައެވެ.
މީގެ ކުރިން 2021ވަނަ އަހަރުގެ ފަހުކޮޅު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަރަބިއްޔާ ސްކޫލް އިމާރާތުގައި ރެނދުލައި، އެ ތަނުގައި ދަރިވަރުން ކިޔަވަން ތިބުމަށް ނުރައްކާތެރިވުމުން ސްކޫލުގެ ހިންގުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރަން ނިންމައިފައެވެ. ނަމަވެސް އެ ނިންމުން ވެގެންދިޔައީ އެ ސްކޫލުގެ ބެލެނިވެރިން ހިތްހަމަޖެހުނު ނިންމުމަކަށް ނޫނެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމަށް ބާ ޖަމާލުއްދީން ހަމަޖައްސަވައިދެއްވީ އެ މައްސަލައާ ގުޅިގެން، ބެލެނިވެރިންގެ ކަންބޮޑުވުންތައް އެ މަނިކުފާނާ ހިއްސާކުރުމުންނެވެ. އާ އިމާރާތް އެޅެންދެން، ވަގުތީ ހައްލެއްގެ ގޮތުން ކުރިން ފޮރިން މިނިސްޓްރީ ހިންގި ސޯމިލް އިމާރާތް ވެސް އަރަބިއްޔާ ސްކޫލު ހިންގަން ހަމަޖައްސައިފައިވެއެވެ. މިހާރު އަރަބިއްޔާގެ ދަރިވަރުން ކިޔަމުން އަންނަނީ ކުރިން ވަގުތީ ގޮތުން ދަރުމަވަންތަ ސްކޫލު ހިންގި ވެލާނާގެއާ އިންވެގެން ހުންނަ އިމާރާތުގައެވެ.
ޢަރަބިއްޔާ ސްކޫލަކީ ރާއްޖޭގައި ހުރި ހަމަ އެކަނި ޢަރަބި ބަހުން ތަޢުލީމު ދޭ ބޮޑު ސްކޫލަށް ވެފައި މިފަދަ މައްސަލަތަކަށް ހައްލު ލިބި ސްކޫލްގެ ފެންވަރު ރަނގަޅުވެގެން ދިއުމަކީ ޢަރަބި އިސްލާމީ ތައުލީމަށް ލޯބިކުރާ އެންމެންވެސް އެދޭނޭ ގޮތެވެ. މަދަރުސާގެ ޢުމުރުން 38 އަހަރު ފުރިފައިވާ އިރު، މި ދިވެހި މުޖްތަމަޢުގެ ވަރަށް ގިނަ ބައެއްގެ ހިތްތައް ވަނީ މި މަދަރުސާ އަށް އަމާޒުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
3 އަހަރު ކުރިން