
ޙަލާލް ޓޫރިޒަމް: ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުން ލިބޭނެ ދާއިރާއެއް

އައިޝަތު އިބްރާހިމް - 30 ޖޫން 2025 - 13:57
ފަތުރުވެރިކަން ނުވަތަ ޓޫރިޒަމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބެވެ. މި ދާއިރާ އިތުރަށް ތަރައްޤީކޮށް، އައު ދޮރުތަކެއް ހުޅުވުމަކީ ދިވެހިރާއްޖޭގެ މުސްތަޤުބަލަށްޓަކައި މުހިންމު ކަމެކެވެ. މިގޮތުން، ދުނިޔޭގައި ބާރަށް ކުރިއަރަމުން އަންނަ ޙަލާލް ފަތުރުވެރިކަމަކީ ރާއްޖެއަށް އިތުރު އާމްދަނީއެއް ގެނެސްދީ، އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވިދާނެ ދާއިރާއެއްކަން ފާހަގަކުރެވެއެވެ. މިކަމަކީ މީގެ 4 ވަރަކަށް އަހަރުކުރިއްސުރެ ދިވެހިރާއްޖެއަށް ތަޢާރަފްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ދާއިރާއެއްކަން ފާހަގަކުރެވެއެވެ.
ޙަލާލް ޓޫރިޒަމް ނުވަތަ ޙަލާލް ފަތުރުވެރިކަމަކީ އިސްލާމީ ޝަރީޢަތުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިނގާ ފަތުރުވެރިކަމުގެ ޚިދުމަތްތަކާއި ވަޞީލަތްތަކެވެ. މި ބާވަތުގެ ފަތުރުވެރިކަމުގައި، ފަތުރުވެރިންނަށް ކެއިންބުއިމާއި، ތިބޭނެ ތަންތަނާއި، ކުޅިވަރުތަކާއި، އަދި އެހެނިހެން ޚިދުމަތްތައް ހަމަޖައްސައިދިނުމުގައި އިސްލާމީ އުސޫލުތަކަށް ސަމާލުކަން ދެވެއެވެ. މިސާލަކަށް، ޙަލާލް ކާނާ، ނަމާދުކުރުމަށް ޚާއްޞަ ތަންތަން، މަޙުރަމުން ނޫޅޭނެ ގޮތަށް ވަކިކުރެވިފައިވާ ފަތާ ފެންގަނޑުތައް (swimming pools) އަދި އަންހެނުންނަށް ޚާއްޞަ ސްޕާ ޚިދުމަތްތައް ހިމެނެއެވެ.
ޙަލާލް ޓޫރިޒަމް އަކީ މައިގަނޑު ގޮތެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމް ފަތުރުވެރިންނަށް ޚާއްޞަ ކުރެވިފައިވާ ދާއިރާއެކެވެ. މުސްލިމް ފަތުރުވެރިން ދަތުރުކުރުމުގައި އެބައިމީހުންގެ ދީނީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޚިދުމަތްތައް ލިބިގަތުމަށް ބޭނުންވެއެވެ. ހަމައެހެންމެ، އިސްލާމީ އުސޫލުތަކަށް އިޙްތިރާމްކުރާ ނޮން-މުސްލިމް ފަތުރުވެރިންނަށް ވެސް މި ދާއިރާއިން ޚިދުމަތްތައް ލިބިގަނެވިދާނެއެވެ. މިއީ ޢާއިލާ އާއި އެކު ދަތުރުކުރުމަށް ބޭނުންވާ ފަރާތްތަކަށް ވެސް ވަރަށް ފަސޭހަ އަދި ޤަބޫލްކުރެވޭނެ އުފެއްދުމެކެވެ.
ދިވެހިރާއްޖޭގައި ފަތުރުވެރިކަން ފެށުނީއްސުރެ، ތަފާތު ބާވަތްތަކުގެ ފަތުރުވެރިކަން ތައާރަފްކޮށްފައިވެއެވެ. މައިގަނޑު ގޮތެއްގައި ރިސޯޓް ޓޫރިޒަމް އާއި ގެސްޓްހައުސް ޓޫރިޒަމްގެ އިތުރުން، ސަފާރީ ޓޫރިޒަމް (Liveaboard Tourism) ، ސަޤާފީ ފަތުރުވެރިކަން (Cultural Tourism) ، އެޑްވެންޗާރ ޓޫރިޒަމް (Adventure Tourism) އަދި ވޯޓަރ ސްޕޯޓްސް (Water Sports) ފަދަ ދާއިރާތައް ވަނީ ތައާރަފްކުރެވިފައެވެ. މިހާރު ވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ތަފާތު ގޮތްގޮތަށް ފުޅާކުރެވޭނެ މަގުތައް އަންނަނީ ހޯދަމުންނެވެ.
ޙަލާލް ޓޫރިޒަމްއަކީ ދުނިޔޭގައި ވަރަށް ބާރަށް ކުރިއަރަމުން އަންނަ ދާއިރާއެކެވެ.
ދުނިޔޭގައި 2 ބިލިއަނަށް ވުރެ ގިނަ މުސްލިމުން ދިރިއުޅޭއިރު، އެބައިމީހުންގެ ދަތުރުފަތުރުގެ ޚަރަދު ވަނީ މަތިވެފައި ކަމަށް ދިރާސާތަކުން ދައްކައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރު މުސްލިމް ފަތުރުވެރިންގެ ދަތުރުފަތުރުގެ ޚަރަދު 220 ބިލިއަން އެމެރިކާޑޮލަރަށްވުރެ މައްޗަށް އަރާނެކަމަށް އަންދާޒާކުރެވެއެވެ.
މިއީ ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގެ ވަރަށް ބޮޑު ބައެއް ކަމަށްވާއިރު، މި ދާއިރާގައި ދެމިތިބުމަކީ ދިވެހިރާއްޖެ ފަދަ އިޤްތިޞާދުތަކަށް ގިނަ ފައިދާތަކެއް ލިބިދާނެ ކަމެކެވެ.
މުސްލިމް ނޫން ޤައުމުތަކުން ވެސް މި ދާއިރާއަށް ޝައުޤުވެރިކަން ދައްކައި، ޙަލާލް ޓޫރިޒަމްގެ ޚިދުމަތްތައް ދިނުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ޤައުމުތަކުން ޙަލާލް ޓޫރިޒަމް ކުރިއަށް ގެންދެއެވެ. މި ޤައުމުތަކުގެ ތެރޭގައި މެލޭޝިޔާ، ތުރުކީ، ޔޫނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، އިންޑޮނޭޝިއާ، އަދި ސަޢޫދީ ޢަރަބިއްޔާ ހިމެނެއެވެ. މީގެ އިތުރުން ޖަޕާން، ދެކުނު ކޮރެއާ، ތައިލެންޑް އަދި ސްޕެއިން ފަދަ މުސްލިމް ނޫން ޤައުމުތަކުން ވެސް މުސްލިމް ފަތުރުވެރިންނަށް ޚާއްޞަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދެއެވެ.
މި ޤައުމުތަކުން މި ދާއިރާއަށް ދެމުންދާ ސަމާލުކަމަކީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ޙަލާލް ޓޫރިޒަމްގެ މުހިންމުކަން އިތުރުވެފައިވާ މިންވަރު ދައްކައިދޭ ކަމެކެވެ.
ރާއްޖޭގައި ޙަލާލު ޓޫރިޒަމް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، މަތީ ފަންތީގެ ފަތުރުވެރިކަން ހިމެނޭހެން ފަތުރުވެރިކަމުގެ އެކި ސެގްމެންޓުތައް އިސްތިހާރުކޮށް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން ރަށު ފަތުރުވެރިކަން ކުރިއަރުވައި، ކުޅިވަރާއި މުނިފޫހިފިލުވުމާއި އަދި މީނޫންވެސް އެކި ދާއިރާތައް ކުރިއަރުވަން ވަނީ މަސައްކަތް ކޮށްފައެވެ.
ރާއްޖޭގައި ޙަލާލު ޓޫރިޒަމް ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިހާރު ވަނީ ހާމަކުރައްވާފައެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަކީ ދުނިޔޭ މަޤްބޫލުކަން ހޯދާފައިވާ ސިނާޢަތެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގިނަ ކާމިޔާބީތައް ހާސިލްކޮށްފައިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ޙަލާލު ޓޫރިޒަމް ތަޢާރަފްކޮށް އެކަމުގައި އެންމެ ކުރިއަރާފައިވާ އެއް ޤައުމަށްވުމަށް މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން، ޙަލާލު ޓޫރިޒަމަށް ޚާއްސަ ރަށްތަކެއް މިހާރު މިވަނީ އެކަމަށް ވަކީ ޚާއްސަ ސަރަހައްދުތަކެއް ކަނޑައެޅި އިންވެސްޓުކުރަން ފުރުޞަތު ހުޅުވާލާފައެވެ.
މިކަން ކުރާނީ އިންވެސްޓަރުންނަށް ފަހި ފުރުސަތުތަކާއި ލުއިތަކެއް ލިބޭގޮތަށްކަމަށްވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މީގެސަބަބުން ސިނާޢަތް ސިންދަފާތުވެ ފަތުރުވެރިކަމުގެ އިތުރު އުފެއްދުންތައްވެސް ފޯރުކޮށްދެވޭނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ޙަލާލް ޓޫރިޒަމް ރާއްޖެއަށް ތައާރަފްކުރުމަކީ އިންވެސްޓަރުންނަށް ގިނަ ފުރުސަތުތަކެއް ހުޅުވައިލާނެ ކަމެކެވެ. މީގެ ތެރޭގައި ހަލާލް ސެޓްފިކޭޝަން ލިބިފައިވާ ރިސޯޓްތައް، ގެސްޓްހައުސްތައް އަދި ހޮޓެލްތައް ތަރައްޤީކުރުން ހިމެނެއެވެ. މީގެ އިތުރުން، ހަލާލް ކާނާގެ ޚިދުމަތް ދޭ ރެސްޓޯރެންޓްތައް، ވަކިވަކި ފެންގަނޑުތައް (pools) އަދި ސްޕާތައް ހުރި ރިސޯޓްތަކާއި، އާއިލީ ފަތުރުވެރިންނަށް ޚާއްޞަ ޕެކޭޖްތައް ތައްޔާރުކުރުމުގެ ފުރުސަތުތައް ވެސް އެބަހުއްޓެވެ. ހަމައެހެންމެ، ހަލާލް ފަތުރުވެރިކަމަށް ޚާއްޞަ މާކެޓިންގް އަދި ޕްރޮމޯޝަންގެ މަސައްކަތްތަކުގައި ވެސް އިންވެސްޓްކުރުމުގެ ފުރުސަތު އެބައޮތެވެ.
ޙަލާލް ޓޫރިޒަމްގައި ރަލާއި އޫރުމަހުގެ ބާވަތްތައް ނުހިމެނޭނެއެވެ. އޭގެ ބަދަލުގައި އިސްލާމް ދީނުގައި ޙަލާލު ކާބޯތަކެތި ރިސޯޓްތަކުން ފަތުރުވެރިންނަށް ލިބިގެންދާނެއެވެ.
ޙަލާލް ސެޓިފައިޑް ކާނާގެ ބާވަތްތައް ރިސޯޓްތަކުން ލިބެން ފެށުމާއި އެކު ފަތުރުވެރިން ބޭނުންކުރަނީ އިސްލާމް ދީން ހުއްދަކުރާ ކާބޯތަކެތިތަން ޔަޤީންވެގެންދާނެއެވެ.
މީގެ އިތުރުން، ގެސްޓް އޭރިއާ ނުވަތަ ރިސޯޓްގެ ތެރޭގައި ނަމާދުކުރާނެ މިސްކިތެއް ބިނާކޮށް އަންހެނުންނާއި ފިރިހެނުން ވުޟޫ ކުރާނެ އިންތިޒާމުތަކާއި ނަމާދުކުރެވޭނެ އިންތިޒާމް ޤާއިމްކުރެވިފައި ހުންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ ކުރިން މުސްލިމް ފަތުރުވެރިން ރަމަޟާން މަހުގައި، ހާރުކާންޖެހެނީ ރޫމް ސާވިސް އޯޑަރ ކޮށްގެން ރޫމަށް ކާބޯތަކެތި ގެނެސްގެންނެވެ. ނަމަވެސް ޙަލާލް ޓޫރިޒަމް ތަޢާރަފްކުރެވިފައިވާ ރިސޯޓްތަކުގައި ހާރުކެއުމާއި ރޯދަ ވީއްލުން ރެސްޓޯރެންޓްގައި ހަމަޖެހިފައިވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.
ގެސްޓް ރޫމްތަކުގައިވެސް ޤިބްލަ ފާހަގަކޮށް، ނަމާދުކުރާނެ ވަކި ތަނެއް ޚާއްސަކުރެވިގެންދާނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.
ޙަލާލް ޓޫރިޒަމް ރާއްޖޭގައި ތަޢާރަފްކުރަން 6 ސަރަޙައްދެއް ކަނޑައަޅާފައިވާއިރު، އެ ސަރަޙައްދުތަކަަކީ ރިސޯޓްތައް މަދު ސަރަޙައްދުތައް ނުވަތަ އަތޮޅުތައް ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ. އޭގެ ތެރޭގައި ހއ ، ހދ، ތ ، ލ އަދި އައްޑު އަތޮޅު ހިމެނެއެވެ. މި އަތޮޅުތަކުގައި ފަތުރުވެރިކަން ތަޢާރަފް ކުރެވިގެންދާނީ ޙަލާލް ކޮންސެޕްޓްގެ ދަށުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.
ދިވެހިރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި ޗައިނާ، ޔޫރަޕް އަދި އިންޑިޔާ ހިމެނުނަސް، އިސްލާމީ ޤައުމުތައް ހިމެނޭ ސަރަހައްދުތަކުން ވެސް ރާއްޖެއަށް ފަތުރުވެރިންގެ ޢަދަދު ހުރީ އިތުރުވަމުންނެވެ. އެގޮތުން ސައުތު އީސްޓް އޭޝިއާ ސަރަހައްދުން 28،815 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %12.5 އިތުރުވުމެކެވެ. ސައުތު އޭޝިއާ ސަރަހައްދުން %2.3 އިތުރުވުމަކާއިއެކު 78،157 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މެދުއިރުމަތިން 28،640 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. 2024 ވަނަ އަހަރުގެ މިހާތަނަށް ލިބިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ސަރަހައްދުތަކުން 250,000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މި ޢަދަދުތަކަކީ ހަލާލް ފަތުރުވެރިކަމަށް ރާއްޖޭގައި އޮތް ޕޮޓެންޝަލް ދައްކައިދޭ މުހިންމު ހިސާބުތަކެކެވެ.
ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމެއްގެ ހައިސިއްޔަތުން ޙަލާލް ޓޫރިޒަމަށް ވަރަށް ބޮޑު ޕޮޓެންޝަލް އެބައޮތެވެ. ދުނިޔޭގައި ޙަލާލް ޓޫރިޒަމަށް އޮތް މަޤްބޫލުކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، ރާއްޖޭގެ އިޤްތިޞާދަށް އިތުރު ކުރިއެރުން ގެނެސްދީ، ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ. އިންވެސްޓަރުންނާއި ސަރުކާރުން މި ދާއިރާއަށް ސަމާލުކަންދީ، ޚާއްޞަ ސިޔާސަތުތަކެއް ހަދައިފިނަމަ، ރާއްޖެއަކީ ޙަލާލް ޓޫރިޒަމްގެ މައި މަންޒިލަކަށް ވެވޭނެކަމަށް ޤަބޫލުކުރެވެއެވެ. މިއީ ދިވެހިރާއްޖޭގެ އިޤްތިޞާދު ތަފާތު ދާއިރާތަކަށް ފުޅާކުރުމަށް ލިބިގެންދާނެ ރަނގަޅު ފުރުޞަތެކެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން