logo

ކުރަނގި އޮޕަރޭޝަން: މާފުށީގައި އެކަނި 1076 ބިދޭސީން

profile

ޝުރުފާ މުހައްމަދު - 30 ޖޫން 2024 - 09:31

މާފުށީގައި ކުރިއަށް ގެންދިޔަ ކުރަނގި އޮޕަރޭޝަންގެ ތެރެއިން-- ފޮޓޯ: ހޯމް މިނިސްޓްރީ

މާފުށީގައި ކުރިއަށް ގެންދިޔަ ކުރަނގި އޮޕަރޭޝަންގެ ތެރެއިން-- ފޮޓޯ: ހޯމް މިނިސްޓްރީ

ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމަށް ހޯމް މިނިސްޓަރީން ފަށާފައިވާ ކުރަނގި އޮޕަރޭޝަންގައި ކ. މާފުށިން އެކަނި 1076 ބިދޭސީންގެ ޑޭޓާ އެއްކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ މެއި މަހު ފެށި ކުރަނގި އޮޕަރޭޝަން އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައި ވަނީ ކ. ހިންމަފުށީގަ އެވެ. ކ. މާފުށީގައި މި އޮޕަރޭޝަންގެ މަސައްކަތް ފެށީ މި މަހުގެ އަޟްހާ އީދު ބަންދަށް ފަހު، މި މަހު 13 ވަނަ ދުވަހު އެވެ. މާފުށީގައި މިހާރު އޮޕަރޭޝަން ނިންމާލާފައިވާއިރު، އެ މިނިސްޓްރީން ބުނީ މާފުށިން އެކަނި 1076 ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ.

އިމިގްރޭޝަނާއި ފުލުހާ ވެސް ގުޅިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަން ކުރިއަށް ގެންދާނީ ޓާސްކްފޯސްތަކަކަށް ބަހާލައިގެން. އެ ޓީމުތަކުން ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށަށް ވެސް ދިއުމަށް ވަނީ ހަމަޖައްސާފަ އެވެ. ރަށްރަށުގައި މި މަސައްކަތްކުރާނީ އެ ކައުންސިލްތަކުންނެވެ. އެހެންވެ، ރަށްރަށުގައި މަސައްކަތްކުރާ ބިދޭސީން އަޕްޑޭޓްކުރުމަކީ މީގެ ފަހުން އެ ކައުންސިލެއްގެ ޒިންމާއެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި ކުރާނެ މަސައްކަތަކީ ހުރިހާ ބިދޭސިންގެ އިނގިލީގެ ނިޝާނާއި ފޮޓޯއާ އެކު އެމީހުންގެ ބަޔޯމެޓްރިކް ޑޭޓާ ސަރުކާރުގެ ސެންޓްރަލް ސިސްޓަމަށް ނެގުން. އެއާ އެކު ސައްހަ ލިޔެކިޔުމެއް ނެތަސް، އެމީހާ އަކީ ކާކުކަން ދެނެގަނެވި ރާއްޖެ އެތެރެވި އިރު އިމިގްރޭޝަނަށް ދީފައިވާ މައުލޫމާތުތަކާ ކްރޮސް މެޗް ކުރުމެވެ. އެކި ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން ވެސް އެކި ކަހަލަ މަސައްކަތްތަކަށް ރާއްޖެ އެތެރެކުރާ ބިދޭސީން، ފިލައިގެން ވިސާއެއް އަދި ލިޔެކިޔުމެއް ނެތި އެކި ނަންނަމުގައި ރާއްޖޭގައި އުޅޭ އިރު، މިގޮތަށް މައުލޫމާތު އެއްކުރުމުން އެ މީހުންނަށް އެ ފުރުސަތު ބަންދުވެގެންދާނެ އެވެ.

މި މަސައްކަތުގެ ދެވަނަ މަރުހަލާގައި ރަސްމީ ލިޔެކިޔުން ނެތް މީހުންނަކީ ކާކުކަން ދެނެގަނެ ބަޔޮމެޓްރިކްސް އައިޑެންޓިފިކޭޝަނެއް ހަދާ، ފޮޓޯ އައިޑެންޓިޓީ ހަދާނެ. އަދި ސަރުކާރުގެ ނިޒާމުގެ ތެރޭގައި އޭނާގެ އެއްވެސް މައުލޫމާތެއް ނެތް ނަމަ އޭނާ ބުނާ ބަހަށް، އޭނާގެ ގައުމުގެ އެމްބަސީއާ ގުޅިގެން އަސްލު ލިޔެކިޔުންތައް ހޯދާ އޭނާއަކީ ކާކުކަން ދެނެގަނެ ރާއްޖޭން އެމީހަކު ފޮނުވާލާނެ އެވެ. އެފަދަ މީހުންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ފެތި ރާއްޖޭގައި ދިރިއުޅޭ މީހަކަށް ވާން ބޭނުން ނަމަ، ހަމަ އުސޫލުގެ ތެރެއިން އެމީހުންނަށް އެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފަ އެވެ. އަދި ކޮންމެ ރަށެއްގައި ތިބޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމަށް ފަހު އެ މައުލޫމާތު ކައުންސިިލާ ވެސް ހިއްސާ ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

މި އޮޕަރޭޝަންގެ މުޅި މަސައްކަތް އެކީ އެކައްޗަކަށް ނިންމާލައި، ކުރިއަށް އޮތް 3 އަހަރު ތެރޭގައި ބިދޭސީންގެ މައްސަލަ ހައްލުވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

https://wamco.com.mv/
tel:+9607331319