
ވޭވަށު ކައުންސިލް ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފި

މުޙައްމަދު ފަޟްލޫން - 03 ޖޫން 2026 - 09:01
މ. ވޭވަށު ކައުންސިލް އިންތިހާބާއި ގުޅޭގޮތުން ހައިކޯޓުން ނިންމި ނިންމުން އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ ބަލައިގަތުމަށް އެ ކޯޓުން ވަނީ ނިންމާފައެވެ.
މިއަހަރުގެ އޭޕްރީލް މަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި ވޭވަށު ކައުންސިލްގެ ގޮނޑިއަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމަށް 121 ވޯޓު ލިބިވަޑައިގެންނެވިއިރު، ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހަށް ލިބިވަޑައިގަތީ 119 ވޯޓެވެ.
ދެ ވޯޓުގެ ތަފާތުން އަހްސަން އިންހާބު ކާމިޔާބު ކުރެއްވި ނަމަވެސް، ވޯޓުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހިގެން ޕީއެންސީގެ ކެންޑިޑޭޓުގެ ފަރާތުން ވަނީ ބައެއް ވޯޓުތައް ބާތިލުކުރުމަށް އެދި ހައިކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.
މައްސަލަ ބެލުމަށްފަހު ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ އަހްސަން ނައީމަށް ލިބުނު ވޯޓުތަކުގެ ތެރެއިން ތިން ވޯޓެއް ބާތިލު ކަމަށެވެ.
މި ނިންމުމާއެކު އަހްސަންގެ ވޯޓުގެ އަދަދު 118 އަށް ދަށްވެ، 119 ވޯޓާއެކު އެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓަށް ލިބޭ ގޮތަށް އިންތިހާބުގެ ނަތީޖާ ވަނީ ބަދަލުވެފައެވެ.
މި މައްސަލައިގައި ބެންޗުގެ ދެ ފަނޑިޔާރުން އެގޮތަށް ރައުޔު ނެރުއްވި ނަމަވެސް، ފަނޑިޔާރު އިބްރާހީމް މާހިރު ވަނީ އިންތިހާބުގެ ނަތީޖާ ބަދަލުކުރަން ޖެހޭ ފަދަ ގާނޫނީ ސަބަބެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ، ތަފާތު ރައުޔެއް ނެރުއްވާފައެވެ.
ހައިކޯޓުގެ މި ހުކުމް ބާތިލުކުރުމަށް އެދި އެމްޑީޕީ އާއި އެ ޕާޓީގެ ކެންޑިޑޭޓް އަހްސަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލަ، އެ ކޯޓުގެ ރެޖިސްޓްރާ މިހާރު ވަނީ ބަލައިގަނެފައެވެ.
މި މައްސަލައިގެ މައިގަނޑު އަސާސަކީ ބާތިލުކުރި ތިން ވޯޓު ކަރުދާހުގައިވާ ފާހަގަތަކާ ގުޅޭގޮތުން އުފެދިފައިވާ ހިޔާލުތަފާތުވުމެވެ.
މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ކޯޓުގައި ވަކާލާތުކޮށްފައިވަނީ، އެ ފާހަގަތަކަކީ ވޯޓުލީ ފަރާތުން ގަސްތުގައި ޖަހާފައިވާ ނިޝާންތަކެއް ނޫން ކަމަށާއި، އެއީ ކަރުދާސް ޗާޕުކުރުމުގެ ތެރޭގައި ދެލި ފޭދުމުގެ ސަބަބުން އުފެދިފައިވާ ކުދި ތިކިތަކެއް ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް
ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
4 ގަޑިއިރު ކުރިން

ޕީއެންސީ ކޮންގްރެސް އަވަސްކުރަން ފާސްކޮށްފި
4 ގަޑިއިރު ކުރިން

ލ ގަމުގައި ކުޑަކުއްޖަކު ކަރަންޓުގައި ޖެހުނު މައްސަލަ ތަހުގީގުކުރަނީ
4 ގަޑިއިރު ކުރިން

ހައްޖުވެރިން އަންނާތީ އާންމު ދަތުރުފަތުރު ބޭނުންކުރުމަށް އެމްއޭސީއެލް އިން އެދިއްޖެ
5 ގަޑިއިރު ކުރިން


.gif&w=3840&q=75)