
ފެނަކައިގެ ރިޑަންޑެންސީން 20 މިލިޔަން ރުފިޔާ ސަލާމަތްވާނެ: ފެނަކަ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު

އާމިނަތު ޝަޒްލާ - 23 ޖޫން 2026 - 06:11
ފެނަކަ ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކޮށް، މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންގަނޑަކަށް ތިރިކުރެވުމުން، މަހެއްގެ މައްޗަށް ކުންފުނީގެ ޚަރަދުން ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ޙުސައިން ވިދާޅުވެއްޖެއެވެ.
މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އަފީފު ފާހަގަކުރެއްވި ގޮތުގައި، ކުންފުނީގެ ބައެއް ގޮފިތަކުގައި މަސައްކަތުގެ ނިސްބަތަށްވުރެ އިތުރަށް މުވައްޒަފުން އެބަތިއްބެވިކަމަށައި، މިހާރު 8,000 އެއްހާ މުވައްޒަފުން ވަޒީފާ އަދާކުރާ މި ކުންފުނީގައި، މުސާރައިގެ ގޮތުގައި މަހަކު 90 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވާކަން އޭނާ ހާމަކުރެއްވިއެވެ. އެހެންކަމުން، ފެނަކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ ވިޔަފާރި ކުންފުންޏަކަށް ހެދުމަށްޓަކައި، މުވައްޒަފުންގެ އަދަދު އިސްލާޙުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، މި ފިޔަވަޅަކީ ކުންފުނީގެ ކުރިމަގާއި މުޅި ޤައުމުގެ މަސްލަޙަތަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި އަފީފު ވިދާޅުވީ، މުވައްޒަފުން އިންތިހާއަށް އިތުރުވުމުގެ ސަބަބުން ޚަރަދުތައް ބޮޑުވެ، މަސައްކަތުގެ ފެންވަރު ދަށްވެ، ޚިދުމަތްތައް ލަސްވުމުގެ މައްސަލަތައް ކުރިމަތިވާ ކަމަށެވެ. އަދި ކުންފުނި ހިންގުމުގައި ހުރި ނުރަނގަޅު އުޞޫލުތަކުގެ ސަބަބުން ރަށްރަށުގެ އިޖުތިމާޢީ މާޙައުލަށްވެސް އޭގެ ނޭދެވޭ އަސަރު ފޯރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުންފުނީގެ މުވައްޒަފުންގެ އަދަދު ހަމަޔަކަށް އެޅުވުމަށްޓަކައި، މާލީ އިނާޔަތްތަކާއެކު އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުޞަތުގައި 97 މުވައްޒަފަކު ވަނީ ކުރިމަތިލާފައެވެ. މިހާރު ކުރިއަށްދަނީ އެ މުވައްޒަފުން ވަޒީފާއިން ވަކިވުމުގެ އިދާރީ މަރުޙަލާތައް ފުރިހަމަކުރުމުގެ މަސައްކަތެވެ.
ގުޅުން ހުރި ޙަބަރުތައް

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން އަފީފު ވަކިކޮށްފި
7 ގަޑިއިރު ކުރިން
.webp&w=3840&q=75)
އިސްރާއީލުން ހަލާކުކޮށްލި ދަނޑުތަކުން ޒައިތޫނި ހޮވަނީ: ޣައްޒާގެ ރައްޔިތުންގެ ސާބިތުކަން!
10 ގަޑިއިރު ކުރިން

ރާއްޖޭގެ ސަރަޙައްދާއި ސިޔާދަތު ބެލެހެއްޓުމަކީ ދިވެހިން އަބަދުވެސް ފަޚުރުވެރިކަމާއެކު ކުރާ ކަމެއް: ސަރުކާރު
12 ގަޑިއިރު ކުރިން

އިސްރާއީލުގެ އައު ގަވާއިދަށް އަމަލުކުރަން އެއާ ފްރާންސުން ނިންމައިފި
ދުވަހެއް ކުރިން


