logo

އޮންލައިން ވިޔަފާރިތަކަށް ބަދަލު ގެނައީ ރައްޔިތުންގެ މެދުގައި ހަމަހަމަ ކުރުމުގެ ގޮތުން: ބީއެމްއެލް

profile

ރިޟްވާން މޫސާ - 07 މޭ 2026 - 13:14

ރާއްޖެއިން ބޭރުގެ އީކޮމާސް އަދި އޮންލައިން ރީޓެއިލް ސައިޓްތަކުން މުއާމަލާތްކުރެވޭ ގޮތަށް ބެންކް އޮފް މޯލްޑިވްސް ބީއެމްއެލް އިން ގެނައި ބަދަލަކީ ވަރަށް ގިނަ ރައްޔިތުންގެ ޝަކުވާ އާއި ގުޅިގެން އެޅި ހަރުދަނާ ފިޔަވަޅެއް ކަމަށް ބެންކް އޮފް މޯލްޑިވްސް އިން ބުނެފި އެވެ.

https://wamco.com.mv/

ބީއެމްއެލް އިން ވަނީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި އެ ބޭންކުން ގެންގުޅޭ ނިޒާމު އިތުރަށް ހަރުދަނާކޮށް ބައެއް ފިޔަވަޅުތަކެއް އަޅާފަ އެވެ.

ބީއެމްއެލްއިން ވިދާޅުވީ، ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީކޮމާސް އަދި އޮންލައިން ރީޓެއިލް ސައިޓްތަކުން މުއާމަލާތްކުރުމަށް ބަދަލު ގެންނަން ޖެހުނީ މެދު އިރުމަތީގެ މަސްރަހާ ގުޅިގެން ފަތުރުވެރިން ރާއްޖެ އަންނަ އަދަދު ދަށްވެ، ބޭންކް އޮފް މޯލްޑިވްސްއަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދަށްވުރެ ނިސްބަތުން ވަރަށް ބޮޑު އަދަދެއްގެ ޑޮލަރު މިފަދަ މުއާމަލާތްތައް ފުރިހަމަކުރުމަށް ބޭންކުން ވިއްކަން ޖެހިފައިވާތީކަމަށެވެ.

ދިވެހި ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް މިހާރުވެސް ދުވާލަކަށް 1.33 މިލިޔަން ޑޮލަރު ބެންކުން ވިއްކަމުން ގޮސްފައިވާއިރު ޑޮލަރު ގަންނަން ލިބުމުގައި ހުރި ދަތިތަކަށް ބަލައި، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް އިތުރަށް ހަރުދަނާކޮށްފައިވާކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

މީގެ އިތުރުން އީކޮމާސް އަދި އޮންލައިން ރީޓެއިލް ސައިޓްތަކުން ވިޔަފާރި ކުރުމަށް ބޭންކުން ދުވާލަކަށް ވިއްކާ އަދަދު ކޮންމެ ދުވަހަކަށް ކަނޑައެޅޭ ވަކި ބަޖެޓެއްގެ ތެރެއިން ވިއްކަމުންދާކަމަށެވެ. އެބަޖެޓް ހަމަވުމުން އެ ދުވަހަކު ރާއްޖެއިން އެ ވެބްސައިޓްތަކުން (ބައެއް ރީޓެއިލް ސައިޓް ތަކުން) ވިޔަފާރި ނުކުރެވޭނެކަމަށެވެ. އެހެނިހެން ސައިޓްތަކުން ޚިދުމަތް ހޯދުމަށް ބުރޫނާރާނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

މިކަން ބީއެމްއެލް އެޕް މެދުވެރިކޮށް ފޮނުވާ ނޮޓިފިކޭޝަނަކުން ކަސްޓަމަރަށް މިހާރު ދަނީ އަންގަމުންނެވެ. ނަމަވެސް ޑޮލަރު އެކައުންޓް ތަކަށް ދޫކުރެވިފައިވާ ކާޑުތަކުން އެއްވެސް ލިމިޓަކާއި ނުލައި މުއާމަލާތް ކުރެވޭނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

ކަސްޓަމަރުން މިފަދަ އީކޮމާސްގެ ގިނަ މުއާމަލާތްތަކެއް ހިންގުމަކީ އެ ބޭންކުގެ އާމްދަނީ އިތުރުވާނެ ކަމަށްވީ ނަމަވެސް މި ވަގުތު ބޭރު ފައިސާގެ އާމްދަނީ ލިބޭ މިންވަރާއި ކަސްޓަމަރުންގެ ބޭނުންތަކަށް ބޭންކުން ޑޮލަރު ވިއްކަންޖެހޭ މިންވަރަށް ބަލައި، ޒަރޫރީ ބޭނުންތަކަށް ބޭރު ފައިސާ އިގްތިސާދު ކުރުމަށް މި ފިޔަވަޅުތައް އަޅަން ބޭންކަށް މަޖުބޫރުވާކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

ބޭންކަށް ޑޮލަރު ގަންނަން ލިބޭ މިންވަރަށް ބަލައި، ރުފިޔާ ކާޑުން ބޭރު ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތަށް ހަމަޖެހިފައިވާ ލިމިޓަށް ބަދަލުތައް ގެންނަމުންދާނެކަމަށްވެސް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk