
ވޯޓު ފޮށިތަކާއި ލިޔެކިޔުންތައް ރަށްރަށަށް ފޮނުވަން ފަށައިފި

މުހައްމަދު މުޝްރިފް - 28 މާރިޗު 2026 - 11:51
އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކަށް ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) މިއަދު ފަށައިފިއެވެ.
މި މަސައްކަތުގެ ދަށުން އަތޮޅުތަކުގައި ގާއިމުކުރާ 347 ވޯޓުލާ މަރުކަޒަކަށް ބޭނުންވާ ތަކެތި ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވި ގޮތުގައި، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓަށް ބޭނުންވާ ވޯޓު ފޮށިތަކާއި، ވޯޓު ކަރުދާހާއި، އޮފިޝަލުންނަށް ބޭނުންވާ އެހެނިހެން ތަކެތި ފޮނުވަމުންދަނީ ކަނޑުމަގުންނާއި ވައިގެމަގުންނެވެ. މި މަސައްކަތް ކުރިއަށްދަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމާއެކުގައެވެ.
މިއަދު ވައިގެމަގުން ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ ހއ، ރ، ތ، ލ، ގއ، ގދ، އަދި ސ. އަތޮޅުގެ އިތުރުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށެވެ. ކަނޑުމަގުން ތަކެތި ފޮނުވަނީ ހދ، ށ، ނ، ބ، ޅ، އއ، އދ، ވ، މ، ފ އަދި ދ. އަތޮޅަށެވެ. އިލެކްޝަނުން މައުލޫމާތު ދެއްވި ގޮތުގައި މި އަތޮޅުތަކަށް ތަކެތި ފޮނުވުމުގެ މަސައްކަތް މިރޭގެ ނިޔަލަށް ނިންމާލެވޭނެއެވެ. ނަމަވެސް ކ. އަތޮޅުގެ ރަށްރަށަށް ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 އަދި 31 ވަނަ ދުވަހުއެވެ.






.gif&w=3840&q=75)