
މިއަހަރު ރާއްޖެއަށް އެންމެ ހޫނުގަދަވާނީ އަންނަ އޭޕްރީލް މަހު: މެޓް އޮފީސް

މުހައްމަދު މުޝްރިފް - 28 މާރިޗު 2026 - 11:21
އަންނަ އެޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަވާނެ މަސްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މި ދުވަސްވަރު ރާއްޖެއަށް އާދަޔާ ޚިލާފަށް ހޫނުވަމުންދާތީ، ސިއްޙީ ގޮތުން ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދެއްވާފައެވެ.
އެގޮތުން ، ކޮންމެ އަހަރެއްގެވެސް މާރިޗު އަދި އެޕްރީލް މަހަކީ ރާއްޖޭގެ ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރު ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. މެޓު އޮފީހުން ހާމަކުރި ގޮތުގައި އެއީ މިދުވަސްވަރު ވިލާ މަދުވެފައި، ވައިމަޑުވުމުގެ އިތުރުން ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފަހައްޓާތީ، އާންމު ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވާ ކަމަށެވެ.
ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުވެސް، ޚާއްސަކޮށް ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވަރަށް ބޮޑަށް އަވިގަދަވާނެ ކަމަށް ލަފާކުރެވެ އެވެ. އެހެންނަމަވެސް ދެކުނުގެ ރަށްތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވެ އެވެ.
މޫސުމާބެހޭ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ފެބްރުވަރީ މަހުގެ މެދަކާ ހިސާބުން ފެށިގެން މިހާތަނަށް ރާއްޖޭގެ އެއްވެސް ހިސާބަކަށް ބޯކޮށް ވާރޭވެހިފައެއް ނުވެއެވެ. އަދި ރާއްޖޭގެ އެހެން ހުރިހާ ސަރަހައްދަކަށްވުރެ މާލެ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން ގަދަކަންވެސް އެ އިދާރާއިން ފާހަގަކުރެއެވެ. މި ހޫނުގަދަވުން އެޕްރީލް މަހުގެ މެދުތެރެއާ ހަމައަށް ދެމިގެންދާނެ ކަމަށް ލަފާކުރެވެއެވެ.
ހޫނުގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްޙީ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ. މިދުވަސްވަރު ބޮލުގައި ރިއްސުމާއި، ވަރުބަލިވުމާއި، ލޮލަށް ގެއްލުން ލިބުމުގެ އިތުރުން ހަންގަނޑު އެނދުން ފަދަ މައްސަލަތައް ދިމާވެދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އެޗްޕީއޭ އިން ވަނީ ގޮވާލާފައެވެ.
މިކަންކަމުން ރައްކާތެރިވުމުގެ ގޮތުން، ހޫނުގަދަ ގަޑިތަކުގައި ބޭރަށް ނުދިއުމަށާއި، ގިނައިން ފެން ބުއިމަށާއި، ބޭރަށްދާން ޖެހިއްޖެ ހާލަތެއްގައި ކުޑަ ނުވަތަ އަވިން ރައްކާތެރިވުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމަށް ވެސް އެޗްޕީއޭއިން ވަނީ ބާރުއަޅާފަ އެވެ.






.gif&w=3840&q=75)