logo

"ތަރައްގީގެ ސިޔާސަތުތައް ކަނޑައަޅަން ޗައިނާ އާއެކު މަސައްކަތް ކުރަން ބޭނުންވޭ"

profile

މަރްޔަމް އުމްނާ އިސްމާޢީލް - 21 އޯގަސްޓު 2024 - 14:47

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

އެންމެންނަށް ފައިދާ ލިބޭ ފަދަ އިގްތިސާދީ ގޮތުން ބަވަނަވެފައިވާ ދުނިޔެއަކަށް ތަރައްގީގެ ސްޓްރެޓެޖީތައް އެކުލަވާލުމަށް ޗައިނާ އަދި އެހެނިގެން ގައުމުތަކާ އެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް, އޮނަރަބަލް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް މިގޮތަށް ވިދާޅުވީ، ޗައިނާގެ ބެއިޖިންގައި މިހާރު ކުރިއަށްދާ 2024 އިންޓަރ-ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯރ ޑިވެލޮޕިންގ ކަންޓްރީސްގައި ތަގުރީރުކުރައްވަމުން ނެވެ.

އިގްތިސާދީ ގޮތުން ބަވަނަވެފައިވާ ދުނިޔެއަކަށް ވާސިލުވުމަށްޓަކައި ތަރައްގީގެ ސްޓްރެޓެޖީތައް އެކުލަވާލުމާ ގުޅިގެން ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކޮންމެ ގައުމަކުންވެސް އެ ގައުމެއްގެ ވަކި ހާއްސަ ހާލަތްތަކަށާއި ވަސީލަތްތަކަށް ރިއާޔަތްކުރަންޖެހޭކަން ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ބަވަނަވެފައިވާ ދުނިޔޭގައި ކުޑަ ޖަޒީރާ ގައުމެއްގެ ގޮތުގައި އޮތް ރާއްޖެއަށްވެސް ވަކި ހާއްސަ ގޮންޖެހުންތަކަކާއި ފުރުސަތުތަކެއް އެބަހުރިކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދީ ތަރައްގީގެ ސްޓްރެޓެޖީތައް ރާއްޖޭގެ ޑިމޮކްރެޓިކް އޮނިގަނޑާއި ތިމާވެށީގެ ދެމެހެއްޓެނިވިކަމާ ވަރަށް ގާތުން ގުޅިފައިވާކަން ފާހަގަކުރައްވަމުން، މިދިޔަ މެއި މަހު އެންޓިގުއާ އެންޑް ބާބިއުޑާގައި ބޭއްވުނު ސިޑްސްގެ 4 ވަނަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅާ ހަވާލާދެއްވައި، އެމަނިކުފާނު ވިދާޅުވީ ދެމެހެއްޓެނިވިކަމަކީ ދިވެހިންގެ އަސާސްކަމާއި، ވިލުންތެރިކަމަކީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިކަމަށެވެ.

މީގެއިތުރުން، އެންމެންނަށް ފައިދާ ލިބޭފަދަ އިގްތިސާދީ ގޮތުން ބަވަނަވެފައިވާ ދުނިޔެއަކަށް ތަރައްގީގެ ސްޓްރެޓެޖީތައް އެކުލަވާލުމަށްޓަކައި، ދެމެހެއްޓެނިވި އުސޫލުތަކަށާއި، ޑިމޮކްރެޓިކް އުސޫލުތަކަށާއި، ބައިނަލްއަގްވާމީ އެއްބާރުލުމަށް އަހަންމިއްޔަތުކަން ދިނުމަކީ މުހިންމުކަމެއްކަމާއި، ރާއްޖެއިން މި މަގަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށާއި، އަދި މިކަމުގައި ޗައިނާއާއި އަދި އެހެނިހެން ގައުމުތަކާއެކު ގުޅިގެން މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

2024 އިންޓަރ-ރީޖަނަލް ސެމިނާ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯ ޑިވެލޮޕިން ކަންޓްރީސް ކުރިއަށްދާނީ 18 އިން 23 އޯގަސްޓްގެ ނިޔަލަށެވެ.

މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުއާއި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލްގެ އިތުރުން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ބައިވެރިވެވަޑައިގަންވައެވެ.

tel:+9607331319