ފައިދާއެއް ނެތް ގެއްލުންހުރި ކަމަކަށް ޚަރަދުކުރާއިރު ވިސްނާލުމެއްވެސް ނެތް!
![profile](/_next/image?url=%2Fpanel-content%2Fuploads%2F2024%2F12%2Fphoto_2024-12-16_11-59-06.jpg&w=3840&q=75)
މުޙައްމަދު ހަފީޒް - 04 ޖެނުއަރީ 2025 - 13:38
![](/_next/image?url=%2Fpanel-content%2Fuploads%2F2025%2F1%2F360_F_326581614_9g9PXcgoIxqmFGSSzLo6df3vVVnTErsD.jpg&w=3840&q=75)
އިންސާނާއަށް އެކަމުން ގެއްލުމާއި ހަލާކު ހުރި ކޮންމެ ކަމަކުން ދުރުވެގަތުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭ ކަމެކެވެ. އެކަން ހުއްޓާލަންޖެހެނީ މީހަކު ބުނެގެން ނުވަތަ މަޖުބޫރުކޮށްގެނެއް ނޫނެވެ. އެކަން ހުއްޓާލަންޖެހެނީ އަމިއްލަ ނަފްސަށް އެކަމުން ލިބޭ ގެއްލުމާއި ހަލާކު ވިސްނިގެންނެވެ. ދުނިޔޭގައި އުޅެން ލިބިފައިވާ މަދު ދުވަސްކޮޅު ފުރިހަމަ ސިއްހަތެއްގައި ހިތްހަމަޖެހިގެން އުޅުމަށެވެ. އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ދުންފަތާ، ދުމުން ލިބޭ ގެއްލުން އެނގޭއިރުވެސް އެކަމުން ދުރުނުވެވިގެން މިއުޅޭ ސަބަބާ މެދު ވިސްނާލިން ހެއްޔެވެ؟ ތިމާއަށް ލިބޭ ކުޑަ ވަގުތުކޮޅެއްގެ ހިތްހަމަޖެހުމަށްޓަކައި، ރައްޓެހިންގެ ތެރޭގައި ބާކީ ނުވުމަށްޓަކައި، އަމިއްލައަށް 'ގަޓު' ވުމަށްޓަކައި، ފޫހިފިލުވާލުމަށްޓަކައި ކުރެވޭ މިކަމަކީ އޭގެ ގެއްލުމާއި ހަލާކު އިންތިހާއަށް ބޮޑު އަމަލެއްކަން ޔަގީނެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމަކީ އޭގެ ސަބަބުން އިންސާނާއަށް އެތައް ނުރައްކަލަކަށް ހުށަހެޅިގެންދާ ކަމެއް ކަމަށް ސިއްހީ ދާއިރާގެ ތަޖްރިބާކާރުން ދަނީ ކެނޑިނޭޅި އިރުޝާދު ދެމުންނެވެ. އަދި މި ކަމާއި ގުޅޭ އެތައް ދިރާސާއެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހަދާފައެވެ. އެގޮތުން ޒުވާން އުމުރުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލާ މީހުންގެ އުމުރު، ދުވަހަކު ވެސް ދުންފަތުގެ އިސްތިއުމާލުނުކުރާ މީހުންނާ ގާތްގަނޑަކަށް އެއްވަރު. ނަމަވެސް، އުމުރުން ކިތަންމެ ގިނަ ދުވަސްވެފައި ހުއްޓާ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލި ނަމަވެސް ދިގު އުމުރެއް ލިބި މުސްތަގްބަލް ރަނގަޅުވެގެންދާ ކަމަށް ދިރާސަތަކުން ދައްކައެވެ.
ކުރިން 1960 ގެ އަހަރުތަކުން ފެށިގެން ދުންފަތުގެ އިސްތިއުމާލުކުރާ ނިސްބަތް ދަށްވަމުން ދިޔައެވެ. އުމުރުން 40 އަހަރުގެ ކުރިން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަކީ ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅުންހުރި ބަލިތަކުން މަރުވުމުގެ ފުރުސަތު ގާތްގަނޑަކަށް 90 އިންސައްތައަށް ދަށްކޮށްދޭ ކަމެއް ކަމަށް ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން ސީޑީސީން ބުނެއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމަކީ މީހެއްގެ ދިފާއީ ނިޒާމަށް ކުރު މުއްދަތާއި ދިގު މުއްދަތުގެ އަސަރުތަކެއް ކޮށް، އިންފެކްޝަން، ކެންސަރު ނުވަތަ އޮޓޯއިމިއުން ބަލިތައް ޖެހުމުގެ ނުރައްކާ ބޮޑުވާ ކަމެއް ކަމަށް ގިނަ ސިއްޙީ ތަޖުރިބާކާރުން ބުނެއެވެ. މީހަކު ދުންފަތުގެ އިސްތިއުމާލުކުރި ވަރަކަށް ދިފާއީ ނިޒާމަށް ވެސް ގެއްލުންވާނެ ކަމަށް ގިނަ ދިރާސާތަކުން ދައްކައެވެ.
ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުން ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް ނުވަތަ ހުއްޓުވުމަށް ގިނަ ގައުމުތަކުގައި މަސައްކަތްކުރަމުން އަންނައިރު ރާއްޖޭގައި ވެސް އަންނަނީ އެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ވޭޕް އެތެރެކުރުމާއި ބޭނުން ކުރުން މަނާކުރުމާއި، ސިނގިރެޓް އިމްޕޯޓު ޑިއުޓީ ބޮޑުކުރުން އަދި ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ ތަކެއްޗާއި އާާލާތްތައް އެތެރެކުރުން މަނާކުރުން ފަދަ ގިނަ ފިޔަޅުތަކެއް ރާއްޖެއިންވެސް ވަނީ އަޅަން ފަށާފައެވެ.
މި އެޅުނު ފިޔަވަޅުތަކާއި އެކު ދެން އޮތީ ދުންފަތުގެ ވަބާއިން ދިވެހި ޖީލު ސަލާމަތް ކުރުމަށްޓަކައި ތަންފީޒީ ކަންކަން ހަރުދަނާ ކުރުމެވެ.އެގޮތުން ސަރުކާރުން އެންމެ ފުރަތަމަ އެޅި ފިޔަވަޅަކީ ވޭޕް މަނާކުރުމެވެ.
މިހާ ހިސާބުން ދުންފަތުގެ އިސްތުއުމާކުރުން ހުއްޓާލުމުން ލިބޭ ސިއްހީ ބައެއް ފައިދާތަކަށް ބަލާލާނަން:
- ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމުން ކެންސަރުބަލީގެ ނުރައްކާ ކުޑަވެގެންދާއިރު، އޭގެ ތެރޭގައި ގުހުރާއި ފުރަމޭއާއި ރަހިމާއި ބޮޑު ގޮހޮރާއި ފުރަގަސްފަރާތުގެ - ކެންސަރުގެ އިތުރުން އެކިއުޓް މައިލޯއިޑް ލޫކެމިއާ (އޭއެމްއެލް) ހިމެނޭ.
- ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމުން ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް (ސީއޯޕީޑީ) އާއި ފުއްޕާމޭގެ އިންފެކްޝަންތަކާއި ހިތާއި ހަށިގަނޑުގެ އެހެން ބައިތަކުގެ ވަށައިގެން ލޭދައުރުވުން މަދުކޮށް ހިތާއި ފުއްޕާމޭގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ކުޑަވެގެންދޭ
ކަނޑައެޅިގެން ދެބަސްވެވެން ނެތް ހަގީގަތަކީ ދުންފަތަކީ އެ ބޭނުންކުރުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ނުރައްކާތެރި އެއްޗެއް ކަމެވެ. އެއާއި ދުރުހެލިވުމަކީ ތިމާގެ ހަށިގަނޑަށް ދެވޭ އަގުނުކުރެވޭ ފަދަ ބޮޑު ހަދިޔާއެއް ކަމެވެ. ތިމާ ބުރަ މަސައްކަތް ކޮށްފައި ހޯދާ ލާރިކޮޅު އަންދާ އަޅިއަށް ހަދާލުމުގެ ބަދަލުގައި، އެ ފާއިސާ ހަށިގަނޑަށް ފާއިދާހުރި ކަމަކަށް ޚަރަދުކުރުން ބުއްދިވެރިއެެވެ. މި ނުރައްކާތެރި ވަބާއިން އަދުގެ ޖީލު ސަލާމަތް ކުރުމަށްޓަކައި، ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ހުރިހާ ރައްޔިތުން އެއްބާރުލުންދީގެން ދުންފަތުގެ ވަބާއިން މި ގައުމުގެ ދަރިން ސަލާމަތް ކުރަން އެންމެން އަތުރުކުރި އޮޅާލަމާ ހިގާށެއެވެ.