.jpeg&w=3840&q=75)
ދުންފަތުގެ ވިޔަފާރިކުރުމަށް 400 އަށްވުރެ ގިނަ ފަރާތުން ލައިސަންސް ނަގައިފި

ޝަހްޒާ މުޙައްމަދު - 13 ޖެނުއަރީ 2026 - 06:26
ދުންފަތް ކޮންޓްރޯލު ކުރުމާބެހޭ ޤާނޫނުން ލާޒިމް ކުރާ ވެންޑަރ ލައިސަންސް 400 އަށްވުރެ ގިނަ ވިޔަފާރިތަކުން ނަގާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
ދުންފަތުގެ އެކި ބާވަތްތައް ވިއްކުމަށް ޚާއްޞަ ލައިސަންސެއް ނަގަންޖެހޭ ގޮތަށް ޤާނޫނަށް ގެނައި ބަދަލަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
އެޗްޕީއޭއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ދުންފަތް ކޮންޓްރޯލު ކުރުމާބެހޭ ޤާނޫނުގެ ދަށުން މިހާތަނަށް 437 ވިރަފާރިއަކަށް ، ވެންޑަރސް ލައިސަންސް ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން 31 ފަރާތަކަށް ޓޮބޭކޯ އިމްޕޯޓް ލައިސަންސް އަދި 2 ފަރާތަކަށް ޓޮބޭކޯ ރީ-އެކްސްޕޯޓް ލައިސަންސް ދޫކޮށްފައިވާ ކަމަށް އެ އެޖެންސީން ވިދާޅުވިއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ދުންފަތުގެ ވިޔަފާރިކުރާ ކޮންމެ ފަރާތަކުންވެސް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ހުއްދައިގެ އިތުރުން، ޞިއްޙީ ވުޒާރާއިން ދޫކުރާ ޚާއްޞަ ލައިސަންސެއް ނެގުން މިހާރު ވަނީ މަޖުބޫރުކޮށްފައެވެ. އަދި ރާއްޖޭގައި ވިއްކާ ދުންފަތުގެ ކޮންމެ ބާވަތެއް ރަޖިސްޓްރީ ކުރަންޖެހޭއިރު، މިދިޔަ މަހުގެ ނިޔަލަށް 312 ބާވަތެއް ވަނީ ރަޖިސްޓްރީކޮށްފައެވެ.
ރާއްޖޭގައި ދުންފަތުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ވަރުގަދަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ. އެގޮތުން 15 ނޮވެމްބަރު 2024 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކޮށްފައިވާއިރު، ދުންފަތުގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީވެސް ވަނީ ބޮޑުކޮށްފައެވެ. އަދި ސަރުކާރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ނިންމުމަކީ 1 ޖަނަވަރީ 2007 ގެ ފަހުން އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ގަނެވިއްކުން މަނާކުރާ 'ޖެނެރޭޝަނަލް ބޭން' ތަންފީޒްކުރުމެވެ.
ގުޅުން ހުރި ޙަބަރުތައް

އަސްލު ޓީވީ "އަހަރީ ބޮޑު އިނާމު" ގެ އަށްވަނަ ހަފްތާގެ ނަސީބުވެރިޔާ ހޮވައިފި
7 ގަޑިއިރު ކުރިން

ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ ޖަގަހަ މެޑަމް ސާޖިދާ ހުޅުއްވައިދެއްވައިފި
7 ގަޑިއިރު ކުރިން

ތެޔޮ ލިބުމުގައި ދަތިކަމެއް ނާންނާނެ: ވަޒީރު ޒަމީރު
12 ގަޑިއިރު ކުރިން

އަންހެން ކުދިންނަށް ހިމާޔަތް ދިނުމާއެކު ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަކީ މުހިއްމު ކަމެއް: ރައީސް
12 ގަޑިއިރު ކުރިން


.gif&w=3840&q=75)