
ޤައުމީ ޤުރްއާން މުބާރާތުގެ އެއްވަނައަށް ޚާއްޞަ ޕީއެޗްޑީ ސްކޮލަރޝިޕް އުސޫލު ނެރެފި

އާމިނަތު ޝަޒްލާ - 18 ސެޕްޓެމްބަރު 2026 - 13:04
ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުން އެންމެ މަތީ ވަނަ ހާސިލުކުރާ ދަރިވަރުންނަށް، އެ ދަރިވަރަކު ބޭނުންވާ ދާއިރާއަކުން ޕީއެޗްޑީއާ ހަމައަށް ހިލޭ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ދޫކުރާ ޚާއްޞަ ސްކޮލަރޝިޕްގެ އުސޫލު އެކުލަވާލައި މިއަދު އާންމުކޮށްފިއެވެ.
މިއީ ކީރިތި ޤުރްއާނަށް ލޯބިޖެއްސުމާއި، ޤުރްއާން ހިތުދަސް އަދި ބަލައިގެން ކިޔެވުމުގެ ރޮނގުން ފާހަގަކޮށްލެވޭ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު އިޢުލާންކުރައްވާފައިވާ ޚާއްޞަ ފުރުޞަތެކެވެ.
އާންމުކުރެވުނު އުސޫލުގައިވާ ގޮތުން، ޤައުމީ ޤުރްއާން މުބާރާތުގައި ހިމެނޭ ތިން ގޮފީގެ ތެރެއިން ކޮންމެ ގޮތްޕަކުން އެއްވަނަ ހޯދާ ފަރާތަކަށް ވެސް މި ސްކޮލަރޝިޕް ލިބޭނެއެވެ. އެހެންނަމަވެސް، އެކި އަހަރުތަކުގެ މަތިން ނުވަތަ އެއްފަހަރާ އެއް މުބާރާތެއްގެ ގިނަ ބައިތަކަކުން އެއްވަނަ ހޯދި ކަމުގައިވިޔަސް، ކޮންމެ ބައިވެރިއަކަށް ވެސް މި އިނާޔަތް ލިބިގެންދާނީ އެއް ފަހަރުއެވެ. މި ސްކީމުގެ ދަށުން ފުރަތަމަ ޑިގްރީން ފެށިގެން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ)އާ ހަމައަށް ފުލްޓައިމްކޮށް ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ކުރިން މަތީ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތެއްނަމަ، ފުރުޞަތު ދެވޭނީ އެއަށްވުރެ މަތީ ލެވެލްއަކަށް ކިޔެވުމަށެވެ.
މި ސްކޮލަރޝިޕްގެ އެހީގައި ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގެ ޤައުމެއްގައި ވެސް މަތީ ތަޢުލީމު ހާސިލުކުރެވިދާނެއެވެ. ރާއްޖެއިން ބޭރުން ކިޔަވާނަމަ ޝަރުތަކީ، އެ ޤައުމަކީ ރާއްޖެއާ ޑިޕްލޮމެޓިކް ގުޅުން އޮންނަ، ދަރިވަރުންނަށް އަމާން އަދި ރައްކާތެރި މާހައުލެއް އޮތް ތަނަކަށް ވުމެވެ. މީގެ އިތުރުން ކިޔަވާ މަރުކަޒަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން ޤަބޫލުކުރާ ތަނަކަށް ވާންޖެހޭނެއެވެ. އަދި "ޓްވިނިންގ" ޕްރޮގްރާމްތައް މެދުވެރިކޮށް ގިނަ ޤައުމުތަކެއްގައި ކިޔެވުމުގެ މަގު ވެސް ވަނީ ފަހިކޮށްދީފައެވެ.
މާލީ އިނާޔަތްތަކާ ގުޅޭގޮތުން އުސޫލުގައި ބަޔާންކޮށްފައިވަނީ، ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އާންމު ސްޓައިޕެންޑްގެ އިތުރުން މަހަކު 6,000 (ހަހާސް) ރުފިޔާގެ ޚާއްޞަ އެލަވަންސެއް ދިނުމަށެވެ. ފައިސާ ދޫކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަ މަހަކުން އެއްފަހަރު ކަމަށް ވިޔަސް، އެކޮމޮޑޭޝަން ފަދަ ކަންކަމަށް އެޑްވާންސްކޮށް ބޮޑު އަދަދެއް ދައްކަންޖެހޭ ޙާލަތްތަކުގައި އެކަން ހަމަޖެއްސޭނެ އިންތިޒާމުތައް ވެސް ވަނީ ހަމަޖައްސައިދީފައެވެ.
މުބާރާތުގެ ނަތީޖާ ފާޅުކުރާ ދުވަހު ސްކޮލަރޝިޕް ލިބުނުކަމުގެ ލިޔުން ޙަވާލުކުރެވޭނެއެވެ. އަދި އެ ލިޔުން ލިބޭތާ އެއްމަސް ދުވަހުގެ ތެރޭގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޕޯޓަލް މެދުވެރިކޮށް، ކިޔަވަން ބޭނުންވާ ދާއިރާއާއި ކޯހުގެ ތަފްސީލުތައް ހުށަހަޅަންޖެހޭނެ ކަމަށް ވެސް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މެއިންޓެނެންސް މަސައްކަތެއް ކުރާތީ މިރެއާ މާދަމާ ކާޑުގެ ހިދުމަތްތަކަށް ބުރޫ އަރާނެ: ބީއެމްއެލް
2 ގަޑިއިރު ކުރިން

ރޯގާ އާއި ހުން ފެތުރޭ މިންވަރު އިތުރުވާތީ ސަމާލުވާން އެދިއްޖެ
3 ގަޑިއިރު ކުރިން

ތިލަފުށީ ޕޯޓުގައި ކާގޯ ކްލިއަރެންސްގެ ޚިދުމަތް އަންނަ އޮކްޓޯބަރު މަހު ފަށަނީ
3 ގަޑިއިރު ކުރިން

ދެވަނަ ކުއާޓަރުގައި ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީ ދަށަށްގޮސްފި
3 ގަޑިއިރު ކުރިން


