
ދެވަނަ ކުއާޓަރުގައި ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީ ދަށަށްގޮސްފި

މުޙައްމަދު ފަޟްލޫން - 18 ސެޕްޓެމްބަރު 2026 - 12:38
މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ، ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 6 އިންސައްތަ ދަށްވެފައިވާ ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން އާންމުކޮށްފައިވާ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން، އޭޕްރީލް އަދި މެއި މަހު ވެސް ޑޮލަރުން ލިބުނު އާމްދަނީ ވަނީ ފާހަގަކުރެވޭ މިންވަރަކަށް ދަށްވެފައެވެ.
އޭޕްރީލް މަހު ޑޮލަރުގެ އާމްދަނީ ފަސް އިންސައްތަ ދަށްވި ނަމަވެސް، މެއި މަހު މި އަދަދު ވަނީ 15 އިންސައްތައަށް ދަށަށް ގޮސްފައެވެ.
މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި 350 މިލިއަން ޑޮލަރު ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 328 މިލިއަން ޑޮލަރެވެ.
ޑޮލަރުގެ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މަދުވެ، ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީ ދަށްވުމެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 3.9 އިންސައްތަ ދަށްވެފައެވެ. ނަމަވެސް، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ޖުމްލަ 868 މިލިއަން ޑޮލަރު ދައުލަތަށް ލިބިފައިވެއެވެ.
ޑޮލަރުން ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓީޖީއެސްޓީއެވެ.
ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ރިސޯޓު ކުލިން ލިބުނުއިރު، ތިންވަނައަށް އެންމެ ގިނައިން ޑޮލަރު ލިބިފައިވަނީ އާމްދަނީން ނަގާ ޓެކްސް (އިންކަމް ޓެކްސް) ގެ ގޮތުގައެވެ.
މީގެއިތުރުން ގްރީން ޓެކްސް އަދި އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ވެސް ފާހަގަކޮށްލެވޭ އަދަދެއް ޑޮލަރުން ލިބިފައިވެއެވެ.
ދެވަނަ ކުއާޓަރުގައި މީރާއަށް ބަލައިގަތް ޖުމްލަ އާމްދަނީގެ 66 އިންސައްތަ ހިއްސާކުރަނީ ޑޮލަރުން ލިބުނު ފައިސާއެވެ.
ދިވެހި ރުފިޔާއިން ބަލައިގަނެފައިވަނީ 2.5 ބިލިއަން ރުފިޔާއެވެ.
ގުޅުން ހުރި ޙަބަރުތައް

މެއިންޓެނެންސް މަސައްކަތެއް ކުރާތީ މިރެއާ މާދަމާ ކާޑުގެ ހިދުމަތްތަކަށް ބުރޫ އަރާނެ: ބީއެމްއެލް
3 ގަޑިއިރު ކުރިން

ޤައުމީ ޤުރްއާން މުބާރާތުގެ އެއްވަނައަށް ޚާއްޞަ ޕީއެޗްޑީ ސްކޮލަރޝިޕް އުސޫލު ނެރެފި
4 ގަޑިއިރު ކުރިން

ރޯގާ އާއި ހުން ފެތުރޭ މިންވަރު އިތުރުވާތީ ސަމާލުވާން އެދިއްޖެ
4 ގަޑިއިރު ކުރިން

ތިލަފުށީ ޕޯޓުގައި ކާގޯ ކްލިއަރެންސްގެ ޚިދުމަތް އަންނަ އޮކްޓޯބަރު މަހު ފަށަނީ
4 ގަޑިއިރު ކުރިން


