logo

އީ ސިނގިރެޓެއް ފެނިއްޖެ ނަމަ، އެ ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް

profile

ޝުރުފާ މުހައްމަދު - 12 ފެބްރުއަރީ 2025 - 11:10

ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނުގެ ދަށުން މަނާކޮށްފައިވާ އީ ސިނގިރެޓު ފެނިއްޖެ ނަމަ އެ ތަކެތި އަތުލައި ނައްތާލުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ އާންމު ގަވާއިދު ގެޒެޓްކޮށްފި އެވެ.

https://wamco.com.mv/

ދުންފަތުން ރައްކާތެރި މުޖުތަމައުއެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ސިޔާސަތުގެ ދަށުން، އުފެއްދި ގާނޫނުގައި އެ ތަކެތި މަނާކޮށްފައިވީ ނަމަވެސް، އެތަކެތި ނެގުމާއިނައްތާލުމުގެ ބާރެއް ފުލުހުންނަށް ދީފައެއް ނުވެއެވެ. އެ ގާނޫނުގެ ދަށުން އެކުލަވާލި ގަވާއިދު މިއަދު ގެޒެޓުކުރި އިރު، ގަވާއިދުގައި ވަނީ ފުލުހުންނަށް އެފަދަ އެއްޗެއް ފެނިއްޖެ ނަމަ ފުލުހުންނަށް އެ އަތުލެވޭނެ އެވެ.

އެގޮތުން އެފަދަ ތަކެތި އަތުލުމަށް ފަހު އަނބުރާ ނުދެވޭނެ ކަމަށާއި އަދި އެ ތަކެތި ނައްތާލާނެ ކަމަށް ގަވާއިދުގައި ވެއެވެ. ގަވާއިދުގައިވާގޮތުން ފުލުހުންނަށް ލިބިދޭ މި ބާރުގެ ދަށުން ހިފަހައްޓައި އަދި ނައްތާލާ ތަކެތީގެ ރިޕޯޓު ކޮންމެ ހަ މަހަކުން މިނިސްޓްރީ އޮފް ހެލްތަށް ފޮނުވަން ޖެހޭނެއެވެ.

މީހެއްގެ އަތުން އެފަދަ އެއްޗެއް ފެނިއްޖެ ނަމަ އެ އަތުލުމުގެ އިތުރުން އެމީހަކު ޖޫރިމަނާވެސް ކުރެވޭނެއެވެ. އެގޮތުން 2،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައިވެއެވެ. އަދި އެ އެއްޗެހި ފުލުހުންނަށް ދޭން ދެކޮޅު ހަދައިފިނަމަ 50،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ.

ފުލުހުންގެ އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު، މިދިޔަ މަހުގެ ނިޔަލަށް ވޭޕް ބޭނުން ކުރުމުގެ 14 މައްސަލައެއްގައި 11 މީހަކު ޖޫރިމަނާކޮށްފައި ވެއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު ހިލޭ ވޭޕެއް މީހަކަށް ދިނަސް 10،000 ރުފިޔާގެ ޖޫރިމަނާއެއް އަދި ބޭނުންކުރާ ކޮންމެ މީހަކު 5،000ރ. އިން ޖޫރިމަނާ ކުރާނެއެވެ.

މީގެއިތުރުން ވޭޕް ވިއްކައިފި ނަމަ 20،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެއެވެ.

ދުންފަތުން އާންމުން ސަލާމަތްކުރުމަށް މިހާރު އާންމު ތަންތަނުގައި ސިނގިރެޓު ބުއިން ވެސް މަނާކޮށްފައިވާއިރު، މި ގަވާއިދުގައި ވަނީ އާންމުން އުޅޭ ތަންތަނުގެ ތެރެއިން ދުންފަތަށް ޚާއްސަ ކޮޓަރި ގާއިމްކޮށްގެން އެ ބޭނުންކުރެވޭނެ ފަސް ތަނެއްވެސް ބަޔާންކޮށްފައެވެ. އެއީ އެއާޕޯޓްތަކާއި ބަނދަރުތަކުގެ ތެރެއިން ޓްރާންސިޓް ދަތުރުގެ އިންތިޒާމު ހަމަޖައްސާފައިވާ ތަންތަން، ކެފޭ ރެސްޓޯރަންޓު، މޯލްތައް، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަންދުގައި ބައިތިއްބާ ތަންތަން އަދި ރިސޯޓްތައް ހިމެނޭ ގޮތަށް ސިނާއީ މަސައްކަތްކުރާ ތަންތަނެވެ.

މީގެ އިތުރުން ދައުލަތުގެ އިދާރާތަކާއި ސަރުކާރު ކުންފުނިތަކާއި ސަރުކާރުގެ ރަސްމީ ޒިންމާ އަދާކުރާ ކޮންމެ އިދާރާއެއްގައި ހުންނަ ހާމަ ބިންތަކުގައި ވެސް ދުންފަތުގެ ބޭނުން ކުރެވޭނޭ އެވެ.

މިފަދަ ކޮޓަރިތައް ނުވަތަ ސްމޯކިންގ ސަރަހައްދުތައް ގާއިމްކުރެވޭނީ އެކަމަށްޓަކާ ހެލްތު މިނިސްޓްރީގައި އެދިގެން މިނިސްޓްރީން ދޫކުރާ ވަކި ހުއްދައެއްގެ ދަށުންނެވެ.

https://wamco.com.mv/
https://www.aslu.com.mv