
އިންޑިއާއިން ރާއްޖެއަށް ހިމަބިހި ވެކްސިން ހަދިޔާކޮށްފި

މުޙައްމަދު ފަޟްލޫން - 12 ޖޫން 2026 - 08:34
އިންޑިއާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް 20،000 (ވިހި ހާސް) ޑޯޒުގެ ހިމަބިހި ވެކްސިނާއި، ތިން ޓަނުގެ މެޑިކަލް ސަޕްލައި ހަދިޔާކޮށްފިއެވެ.
މި ތަކެތި ހަވާލުކުރުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެހީއާ ރަމްޒީގޮތުން ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރ ގީލާ އަލީއެވެ.
އިންޑިއާ ސަރުކާރުގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ ބަލަސުބްރަމާނިއަމްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ގީލާ ވަނީ، ރާއްޖޭގައި ހިމަބިހި ފެތުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކުގައި އިންޑިއާއިން ފޯރުކޮށްދެމުންދާ އެކްސެލެންޓް އެހީތެރިކަމަށްޓަކައި އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި މިއީ މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި މިވަގުތަށް ނުހަނު ބޭނުންތެރި އެހީއެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި، އިންޑިއާއިން ފޯރުކޮށްދިން މި ސާމާނުގެ ސަބަބުން ބަލި ފެތުރުން ހުއްޓުވުމަށާއި، ބަލި ދެނެގަތުމުގެ ނިޒާމާއި ސަވައިލަންސް ހަރުދަނާކުރުމުގެ އިތުރުން، ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަކުރުމާއި އާންމު ސިއްހަތު ކުރިއެރުވުމުގައި އިންޑިއާއިން އަދާކުރަނީ މުހިންމު ދައުރެއް ކަމަށެވެ.
ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި 2017 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވީ ނަމަވެސް، ފަހަކަށް އައިސް ދޭތެރެދޭތެރެއިން މި ބަލީގެ ކޭސްތައް ދަނީ ފެންނަމުންނެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއިން 15 މީހަކަށް މި ބަލި ޖެހިފައިވާކަމަށް ރިކޯޑުކުރެވިފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މެއިންޓެނެންސް މަސައްކަތެއް ކުރާތީ މިރެއާ މާދަމާ ކާޑުގެ ހިދުމަތްތަކަށް ބުރޫ އަރާނެ: ބީއެމްއެލް
12 ގަޑިއިރު ކުރިން

ޤައުމީ ޤުރްއާން މުބާރާތުގެ އެއްވަނައަށް ޚާއްޞަ ޕީއެޗްޑީ ސްކޮލަރޝިޕް އުސޫލު ނެރެފި
13 ގަޑިއިރު ކުރިން

ރޯގާ އާއި ހުން ފެތުރޭ މިންވަރު އިތުރުވާތީ ސަމާލުވާން އެދިއްޖެ
13 ގަޑިއިރު ކުރިން

ތިލަފުށީ ޕޯޓުގައި ކާގޯ ކްލިއަރެންސްގެ ޚިދުމަތް އަންނަ އޮކްޓޯބަރު މަހު ފަށަނީ
13 ގަޑިއިރު ކުރިން


