
ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމުގެ ހުއްދައަށް އެދެން ހުޅުވާލައިފި

ޝުރުފާ މުހައްމަދު - 18 އޭޕްރީލު 2025 - 08:00
ރާއްޖޭގައި ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމަށް ނަގަން ޖެހޭ ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނުގެ ދަށުން އާންމުކޮށްފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ޤަވާޢިދުގައިވާ ގޮތުން ދުންފަތުގެ ވިޔަފާރީގެ މުޢާމަލާތްކުރާ ފަރާތްތަކުން އެކަމަށް ޚާއްސަ ހުއްދައެއް ނަގަން ޖެހެއެވެ.
އެގޮތުން އެެ ގަވާއިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުއްދައަށް އެދުމަށް ހެލްތު މިނިސްޓްރީން ހުޅުވާލީ އިއްޔެގައެވެ. މިހާރު ދުންފަތުގެ ވިޔަފާރި ކުރައްވަމުން ގެންދަވާ ފަރާތްތަކަށް ލައިސަންސަށް އެދުމަށް ދީފައިވަނީ 3 ދުވަހުގެ މުއްދަތެކެވެ.
މީގެއިތުރަށް ޤަވާޢިދުގެ 26 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިނ،ް ރާއްޖެއަށް އަލަށް އެތެރެކުރާ ދުންފަތުގެ ބާވަތްތައް ރެޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވެއެވެ. މި އެޕްލިކޭޝަންތައް ހުށަހަޅަން ޖެހެނީ ވަން ގަވް ޕޯރޓަލް މެދުވެރިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށެވެ.
ދުންފަތުގެ ވިޔަފާރިތަކަށް ހުއްދަނަގަން ޖެހެނީ:
- ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސް
- ދުންފަތުގެ ބާވަތްތައް އިމްޕޯރޓުކުރުމުގެ ލައިސަންސް
- ދުންފަތުގެ ބާވަތްތައް ރިއެކްސްޕޯރޓުކުރުމުގެ ލައިސަންސް
- ދުންފަތުގެ އައު ބާވަތެއް ރެޖިސްޓްރީ ކުރުން
މި ލައިސަންސް ހޯދުމަށް ފީއެއް ދައްކަން ޖެހޭއިރު ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސް އަށް ދައްކަން ޖެހެނީ 5،000ރ ގެ ފީއެކެވެ. އަދި އެ ލައިސަންސްގެ މުއްދަތު ހަމަވެއްޖެ ނަމަ އާ ކުރުމަށް ވެސް ދައްކަން ޖެހެނީ 5،000ރ އެވެ. އެހެން ހުރިހާ ލައިސަންސަކަށް 10،000ރ ގެ ފީއެއް ދައްކަން ޖެހޭ އިރު ލައިސަންސްގެ މުއްދަތު ހަމަވެއްޖެ ނަމަ އާ ކުރުމަށް ވެސް 10،000ރ ދައްކަން ޖެހެއެވެ.
ލައިސަންސްތައް ދޫކުރެވޭނީ ކަނޑައެޅިފައިވާ ފީ ދެއްކުމުން 5 އަހަރު ދުވަހުގެ މުއްދަތަށް ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ. އަދި ލައިސަންސް އައު ކުރައްވަން އެދޭ ފަރާތްތަކުން މުއްދަތު ހަމަވުމުގެ 60 ދުވަހުގެ ކުރިން އެކަމަށް އެދި ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ހޫނު ގަދަވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
2 ދުވަސް ކުރިން

މިދިޔަ މަހު 412 މީހަކަށް ވަނީ ޑެންގީ ހުން ޖެހިފައި: އެޗްޕީއޭ
10 ދުވަސް ކުރިން

ނެޝަނަލް ހެލްތު ލެބޯޓަރީ އިމާރާތް ކުރުމަށްޓަކައި އަންނަ ޖުލައި މަސްތެރޭގައި ބީލަމަކަށް ހުޅުވާލެވޭނެ - ހެލްތު މިނިސްޓަރ
17 ދުވަސް ކުރިން

މެލޭޝިޔާގައި ޓީބީ ފެތުރޭ މިންވަރު އިތުރުވާތީ ރާއްޖޭގައި ރިސްކް އެސެސްމެންޓް ހަދަނީ
23 ދުވަސް ކުރިން


.gif&w=3840&q=75)