logo

އުމްރާވެރިން އެނބުރި ރާއްޖެ އަންނައިރު، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ސަމާލުވާން އެޗްޕީއޭ އިން އިލްތިމާސްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 02 އޯގަސްޓު 2026 - 11:55

އުމްރާވެރިން އެނބުރި ރާއްޖެ އަންނައިރު، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ސަމާލުވާން އެޗްޕީއޭ އިން އިލްތިމާސްކޮށްފިއެވެ.

https://wamco.com.mv/

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ ޖުލައި މަހުގެ ތެރޭގައި އެކަނިވެސް 5،565 އަށް ވުރެ ގިނަ މީހުން އުމްރާގެ އަޅުކަމަށް ފުރާފައިވެއެވެ.

މިއީ ފަހުގެ ތާރީޚެއްގައި އެއް މަސްދުވަހުގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ ބަޔަކު އުމްރާއަށް ދިޔަ ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ.

ހައްޖާއި އުމްރާގެ އަޅުކަމަށްފަހު އެނބުރި އަންނަ ފަރާތްތަކުގެ މެދުގައި އާންމު ރޯގާ ފެތުރުމުގެ ފުރުސަތު ބޮޑުވުމާއެކު، އެޗްޕީއޭއިން ވަނީ ސިއްހީ ރައްކާތެރިކަމުގެ މުހިންމު އިރުޝާދުތަކެއް ނެރެފައެވެ.

އުމްރާއިން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް ވަނީ އަންގާފައެވެ.

ޑޮކްޓަރަށް ދައްކާއިރު، އުމްރާއިން އެނބުރި އައި މީހެއްކަން ހާމަކުރުމަށާއި، ސިއްހީ މާހިރުންގެ ލަފައާ ނުލައި އަމިއްލައަށް އެންޓިބަޔޮޓިކް ބޭނުން ނުކުރުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.

ރޯގާގެ އަލާމާތްތައް ފެންނަނަމަ އަމަލުކުރުމަށް އެޗްޕީއޭއިން ބާރުއަޅާ ކަންތައްތަކުގެ ތެރޭގައި:

ބަލީގެ އަލާމާތްތައް ހުރިނަމަ ގޭގައި މަޑުކުރުމާއި، އެހެން މީހުންނާ ގައިގޯޅިވެ އުޅުމުން ދުރުހެލިވުން.

ކެއްސައި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާކުރުމާއި، ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުން.

ކޮންމެހެން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މާސްކު އެޅުން.

ގިނައިން ދިޔާތަކެތި ބޭނުންކުރުމާއި، އެކަށީގެންވާ ވަރަށް އަރާމުކުރުން ހިމެނެއެވެ.

މީގެ އިތުރުން، ރޯގާގެ އަލާމާތްތައް ފެންނަ ނަމަ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން އަދި ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކާ ގާތްވެ ނޫޅުމަށް ހެ އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި މިހާރު ފެތުރެމުންދާ އާންމު ރޯގާތައް ކޮންޓްރޯލް ކުރުމަށްޓަކައި، ކަމާބެހޭ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަކީ ބަލި ފެތުރުން ހުއްޓުވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.

https://wamco.com.mv/
tel:+9607331319