logo

ފައިސާގެ އަވައިގައި ޖެހި ހަލާކުވަނީ!

profile

އައިޝަތު އިބްރާހިމް - 06 ނޮވެމްބަރު 2025 - 07:03

ދުނިޔޭގެ ދިރިއުޅުމަށް ފައިސާއަކީ ވަރަށް މުހިންމު އެއްޗެކެވެ.

https://wamco.com.mv/

ފައިސާއަކީ އަހަރެމެން ކޮންމެ ދުވަހަކު ކުރަންޖެހޭ ޒަރޫރީ ބޭނުންތަށް ކުރުމަށް ކޮންމެހެން ހޯދަންޖެހޭ އެއްޗަކަށް މިވަނީ ވެފައެވެ. ކުޑަ ފައިސާ ފޮއްޗެއް ދީގެން މެނުވީ ފެންފޮދެއްވެސް ނުލިބޭނެ ހާލަތަށް މިއަދު އަހަރެމެން މިތިބީ ގޮސްފައެވެ.

ކޮންމެ ދިމާލަކުން ކޮންމެ ކަމެއް ކުރަން ބޭނުންވިޔަސް ފައިސާ ނުދީ ވާކަށް ނޯވެއެވެ. އާއިލާ އާއި ރަހުމަތްތެރިން ދޫކޮށް ރިސޯޓްތަކުގައާއި އެހެނިހެން ދުރުހިސާބުތަކަށް ގޮސް މަސައްކަތް ކުރަނީ ހަމަ ފައިސާއަށްޓަކައެވެ. އެއާނުލާ އުޅެވެން ނެތުމުންނެވެ. ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށާއި، ތަރައްޤީއަށް ވާސިލުވުމަށް ފައިސާގެ ދައުރަކީ އިންކާރު ނުކުރެވޭނެ ދައުރެކެވެ.

ފައިސާގެ އަވައިގައި ޖެހި ފައިސާއަށް ދެވިހިފާ، އެއަށްޓަކައި ހުރިހާ ހައްދެއް ފަހަނަޅައިދާން މަސައްކަތްކުރުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ދަހިވެތިކަމާއި، ޤަނާޢަތްތެރިކަން ނެތުމުން ދުނިޔޭގެ މުދަލަށް ދަހިވެތިވެ، ކިތަންމެ ގިނަ ފައިސާއެއް ލިބުނަސް ހިތް ހަމަޖެހުމެއް ނެތުމަކީ ފައިސާގެ އަވާގައި ޖެހޭ މައިގަނޑު ސަބަބެކެވެ. ފޭޝަންއާއި، މުޖުތަމަޢުގެ ނުފޫޒުގެ ތެރޭގައި މުޖުތަމަޢުގައި އެހެން މީހުންނާ ވާދަވެރިކޮށް، އެމީހުންނެކޭ އެއްގޮތަށް ދިރިއުޅުމުގެ ފެންވަރު މަތިކުރަން ބޭނުންވުމަކީ، ފައިސާއަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން މަޖުބޫރުވާ ކަމެކެވެ.

އޮޅުވާލުމެއްގައި ޖެހި ފައިސާއަކީ ހުރިހާ ހިތްހަމަޖެހުމެއް ގެނެސްދޭނެ އެއްޗެއް ކަމަށް ދެކި، ދުނިޔެވީ ކަންކަމަށް މާބޮޑަށް އިސްކަންދިނުން.އާޚިރަތް ހަނދާން ނައްތާލާ ދުނިޔެއަކީ ވަގުތީ ތަނެއްކަން ހަނދާން ނައްތާލައި، އާޚިރަތަށް ތައްޔާރުވުން ދޫކޮށްލާފައި، ހަމައެކަނި ދުނިޔޭގެ ދިރިއުޅުން ރަނގަޅުކުރުމަށްޓަކައި މަސައްކަތްކުރެވެއެވެ.

ފައިސާގެ އަވައިގައި ޖެހުމުގެ ނުރައްކާތެރި ނަތީޖާތައް ނުހަނު ގިނައެވެ. ފައިސާއަށް މާބޮޑަށް ދެވިހިފުމުގެ ސަބަބުން ވަރަށް ގިނަ ނޭދެވޭ ނަތީޖާތަކާ ކުރިމަތިލާން ޖެހެއެވެ. މިކަމުގެ ސަބަބުން އަމިއްލަ ނަފްސަށް ކުރާ އަސަރުތައްވެސް ނުހަނު ގިނައެވެ. އެގޮތުން ނަފްސާނީ މައްސަލަތަކާއި ކުރިމަތިލާން ޖެހޭ ފަހަރުވެސް އާދެއެވެ. އެގޮތުން ފައިސާ ހޯދުމުގެ ދަހިވެތިކަމާއި، އެކަމާ ކުރާ ފިކުރުގެ ސަބަބުން ނަފްސާނީ ބަލިތައް (ސްޓްރެސް، ހާސްކަން، ނުތަނަވަސްކަން) ކުރިމަތިވެ، ދިރިއުޅުމުގެ ހަމަޖެހުން ގެއްލިދެއެވެ.

އަޚްލާޤީ ގޯސްކަން އިންތިހާއަށް އިތުރުވެއެވެ. ފައިސާ ހޯދުމަށްޓަކައި ދޮގުހެދުމާއި، އޮޅުވާލުމާއި، ރިޝްވަތު ދިނުމާއި ނެގުންފަދަ ނުބައި އަމަލުތަކަށް އަރައިގަނެ، އަމިއްލަ އަޚްލާޤާއި ހެޔޮކަން ގެއްލިދެއެވެ. ދީނީ ކަންކަމަށް ފަރުވާކުޑަކުރެވެއެވެ. ފައިސާ ހޯދުމުގެ ބުރަ މަސައްކަތުގެ ސަބަބުން ނަމާދުކުރުމާއި، ޤުރުއާން ކިޔެވުންފަދަ ދީނީ އަޅުކަންތަކަށް ފަރުވާކުޑަވެ، ހިތް އެނބުރިދެއެވެ.

ތިމާ މީހާގެ ސިއްހަތަށް މިކަމުގެ ސަބަބުން ނުރަނގަޅު އަސަރުކޮށް ސިއްހަތު ގޯސްވެއެވެ. ފައިސާ ހޯދުމަށްޓަކައި މާގިނައިން މަސައްކަތްކޮށް، ނިދި ނުލިބުމާއި، ކެއުންބުއިމަށް ރަނގަޅަށް ސަމާލުކަން ނުދެވުމުގެ ސަބަބުން ޞިއްޙަތަށް ދާއިމީގޮތެއްގައި ނޭދެވޭ އަސަރުތަކެއް ކުރެއެވެ.

ފައިސާގެ އަވައިގައި ޖެހުމުގެ ސަބަބުން އާއިލާއަށްވެސް ނުހަނު ބޮޑެތި އަދި ގެއްލުންތައް ކުރިމަތިކުރުވައެވެ. އާއިލީ ގުޅުންތައް ގޯސްވެއެވެ. ފައިސާއަށްޓަކައި މަސައްކަތްކުރާ މިންވަރު ގިނަވެ، އާއިލާއަށް ދޭ ވަގުތު މަދުވުމުގެ ސަބަބުން ދަރިންނާއި، އަނބިމީހާއާއި، ފިރިމީހާއާ ދެމެދުގައި ހުންނަ ގުޅުންތަކަށް ބުރުއަރާ، ނަފްރަތާއި ދެބަސްވުން އިތުރުވެއެވެ.

މާލީ ދަތިތަކުގެ ސަބަބުން ނުވަތަ ފައިސާއަށް ދެވިހިފުމުގެ ސަބަބުން އާއިލާގެ ކަންކަމަށް ސަމާލުކަންނުދެވި ކައިވެނީގެ މައްސަލަތަކުގެ ތެރެއިންވެސް ވަރި އިތުރުވެއެވެ. މައިންބަފައިންގެ ފަރާތުން ރަނގަޅު ތަރުބިއްޔަތެއް ނުލިބުމުގެ ސަބަބުން ދަރިންނަކީ މުޖުތަމަޢަށް ނުކުޅަދާނަ، އަޚްލާޤީ ގޮތުން ފަސާދަވެފައިވާ ބަޔަކަށް ވެދެއެވެ.

ފައިސާގެ އަވައިގައި މާބޮޑަށް ޖެހުމުގެ ސަބަބުން މުޖުތަމަޢަށްވެސް ނުރަނގަޅު އަސަރުކުރެއެވެ. ފައިސާ ހޯދުމަށްޓަކައި ނުވަތަ މާލީ ދަތިކަމުގެ ސަބަބުން ނުވަތަ ބޮޑު މުއްސަނދިކަމެއް ބޭނުންވުމުގެ ސަބަބުން ވައްކަންކުރުމާއި، މަކަރާއި ހީލަތްހެދުމާއި، އަނިޔާވެރިވުންފަދަ ކުށްތައް އިތުރުވެ، މުޖުތަމަޢުގެ އަމަންއަމާންކަން ގެއްލިދެއެވެ.

މުއްސަނދިންނާއި ފަގީރުންގެ މެދުގައި ހުންނަ ފަރަގު ބޮޑުވެ، މުޖުތަމަޢުގައި ދެބަސްވުންތައް އިތުރުވެ، ސުލްހަ މަސަލަސްކަން ގެއްލިދެއެވެ. އިޖުތިމާޢީ ގުޅުންތައް ބަލިކަށިވެއެވެ. މީހުން އަމިއްލަ ނަފްސަށް އެކަނި އިސްކަންދޭ ބަޔަކަށްވެ، އެހެން މީހުންނަށް އެހީތެރިވުމުގެ ރޫހު ކެނޑި، އިޖުތިމާޢީ ގުޅުންތައް ބަލިކުރެއެވެ.

ފައިސާއަކީ ދިރިއުޅުމަށް ބޭނުންތެރި ވަސީލަތެއް ކަމުގައިވީ ނަމަވެސް، އެއަށް މާބޮޑަށް ދެވިހިފުމަކީ އިންސާނާގެ ދިރިއުޅުމާއި، އާއިލާގެ ގުޅުންތަކާއި، އަދި މުޖުތަމަޢަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. ދުނިޔޭގެ މުދަލަށްވުރެ، އީމާންކަމާއި، އަޚްލާޤާއި، އާއިލީ ގުޅުންތަކާއި، އާޚިރަތަށް ތައްޔާރުވުމަށް އިސްކަންދިނުމަކީ ހިތްހަމަޖެހޭ އަދި ކާމިޔާބު ދިރިއުޅުމެއް އުޅެވޭނެ ހަމައެކަނި ގޮތެވެ. ފައިސާގެ އަވާގައި ޖެހި ހަލާކުވުމުގެ ބަދަލުގައި، އިސްލާމީ އުޞޫލުތަކުގެ ތެރެއިން، ޤަނާޢަތްތެރިކަމާއެކު ދިރިއުޅުން ބައްޓަންކުރުމަކީ ހަމަޖެހުމާއި ކާމިޔާބީގެ މަގެވެ.

ވިސްނަންވީ ކަމަކީ ލިބޭ މިންވަރަށް ޝުކުރު ކުރުމެއެވެ. އާހިރަތަށް އީމާންވުމެއެވެ. އަހަރެމެން އެންމެންވެސް މަރުވެގެން ދުނިޔޭގައި ކުރި ހުރިހާ އަމަލުތަކާއި ކުރިމަތިލާންޖެހޭ ދުވަހެއް އަންނާނެކަމެއެވެ. ފައިސާ އަށްޓަކައި މި ދުނިޔޭގައި މީހުނަށް ކިތަންމެ ސިއްރުން ކަމެއްކުރިޔަސް އެދުވަހަކުން ފިލަން ވަންނާނެ ތަނެއް ނޯންނާނެ ކަމެވެ.

އެދުވަހަކުން އެންމެން ކުރިމަތީ ފަޟީހަތް ވާނެއެވެ. ދުނިޔެމަތީގައި ތިމާ ގަންނާނެ ލަދަށްވުރެ އެދުވަހުގައި ގަންނާނެ ލަދު މާ ބޮޑެއެވެ. އިލާހީ ހުކުމާ ކުރިމަތި ނުލާ ވާނެ ގޮތެއް ނޯންނާނެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay