
ތުރުކީއިން ހަދިޔާކުރި މަނަވަރުގެ ސަބަބުން ގާބިލްކަން އިތުރުވެގެންދާނެ: ދިފާއީ ވުޒާރާ

މުޙައްމަދު ފަޟްލޫން - 12 އޭޕްރީލު 2025 - 18:26
ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރާ މަނަވަރުގެ ސަބަބުން ދިފާއީ ވުޒާރާގެ ގާބިލްކަން އިތުރުވެގެންދާނެ ކަމަށް އެވުޒާރާއިން ބުނެފިއެވެ.
ދިފާއީ ވުޒާރާއިން އާއްމުކުރި ބަޔާނެއްގައި ބުނީ ސިފައިންގެ އިސްވެރިޔާގެ ހައިސިއްޔަތުން މަގާމާއި ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަން ދިފާއުކޮށް ހިމާޔަތް ކުރެއްވުމަށް ރައީސް މުހިއްމު މަސައްކަތް ކުރަމުންގެންދަވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރާއި ކޯސްޓްގާޑު ދެގުނަކޮށް، ގާބިލްކަން އިތުރުކުރުމަށް ރައީސް އާއި ސިފައިންގެ އެންމެ މަތީގެ ވެރިޔާގެ ހައިސިއްޔަތުން ރައީސް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށްޓަކައި ރަހްމަތްތެރި ގައުމުތަކާއެކު ބަދަހިކުރައްވަމުން ގެންދަވާ ގުޅުންތަކުގެ ނަތީޖާއެއްގެ ގޮތުން ތުރުކީވިލާތުންވަނީ ހިލޭ އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް ޑޯގަން ކްލާސްގެ މަނަވަރެއް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި މި މަނަވަރު ދިވެހިރާއްޖެ ގެނެސް ދިވެހިރާއްޖޭގެ ގައުމީ ދިފާއީބާރުގެ ހިދުމަތަށް ނެރެ، ދިވެހި ސިފައިން އެ އުޅަނދު އޮޕަރޭޓްކުރުމަށް ތައްޔާރުވުމުގެ ގޮތުން، ތުރުކީވިލާތުގައި ދިވެހި ސިފައިން ތަމްރީނުވަމުންދާ ކަމަށް ދިފާއީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ތުރުކީވިލާތުން ހަދިޔާކުރާ މަނަވަރު، ސިފައިންގެ ހިދުމަތުގައި ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަގްވާމީ މުޖުތަމައުގެ ޒިންމާދާރު މެމްބަރެއްގެ ގޮތުގައި ރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ގާބިލްކަން ހުރި ބަޔަކަށް ދިވެހި ސިފައިން ހެދުމަށް ރައީސް ކަނޑައެޅުއްވި ލަނޑުދަނޑިއަށް ވާސިލްވުމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ގާނޫނު އަސާސީގެ 243 ވަނަ މާއްދާގައި ސިފައިންގެ ހިދުމަތުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ އާއި ދިވެހިރާއްޖޭގެ ސަރަހައްދާއި ދިވެހިރާއްޖޭގޭ ހާއްސަ އިގްތިސާދީ ސަރަހައްދާއި ރައްޔިތުން ރައްކާތެރިކޮށް ހިމާޔަތްކުރުން ކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވީ ހިނދު ސިފައިންގެ ހިދުމަތަށް އިތުރުކުރެވިގެންދިޔަ ގާބިލްކަމުގެ ސަބަބުން ގާނޫނުގައި ބަޔާންކޮށްފައިވާ ސިފައިންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގައި އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން