
ލޯނު ދެއްކުމަށް 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފި

އާމިނަތު މޫސާ - 23 އޭޕްރީލު 2025 - 05:18
ދައުލަތުގެ ބަޖެޓުން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހޭދަކުރި 12.7 ބިލިއަން ރުފިޔާގެ ތެރެއިން 2.5 ބިލިއަން ރުފިޔާ އަކީ ލޯނުތައް ދެއްކުމަށް ހޭދަކުރި ފައިސާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓަރީން އާންމުކުރި 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓުގައިވާ ގޮތުން، މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދަރަނި އަދާކުރުމަށް 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. އެގޮތުން، ލޯނު އަނބުރާ ދެއްކުމަށް މިއަހަރުގެ ތެރޭގައި ސަރުކާރުން މިހާތަނަށް ކުރި ހޭދަވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 175.9 އިންސައްތަ އިތުރުވެފައެވެ.
މިއަހަރު ލޯނު ދެއްކުމަށް ހިނގި ހަރަދުތަކުގެ ތެރޭގައި މިއަހަރުގެ މާރިޗު މަހު ކާގިލް ފައިނޭންޝަލް ސާވިސަސްއަށް ދައުލަތުން ދައްކާފައިވާ 100 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
މީގެ އިތުރުން، 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ދައުލަތުގެ ޖުމުލަ ރިކަރަންޓް އަދި ކެޕިޓަލް ހަރަދު ވަނީ 25.3 އިންސައްތައިން ދަށްކުރެވިފައެވެ. އެގޮތުން 2025 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި މިއަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ހަރަދުގެ ތެރެއިން، 17 އެޕްރީލްގެ ނިޔަލަށް ހިނގާފައިވަނީ 19.3 އިންސައްތައެވެ.
މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދުގެ 92.2 އިންސައްތަ ރިކަރަންޓް ޚަރަދުގެ ގޮތުގައި ރިކޯޑުކޮށްފައިވާއިރު، 7.8 އިންސައްތައަކީ ކެޕިޓަލް ހަރަދެވެ.
މިއަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށް، މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ހިމަނާފައިވާ ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ 29.3 އިންސައްތަ، މިމަހުގެ 17 ވަނަ ދުވަހުގެނިޔަލަށް ދައުލަތަށް ވަނީ ލިބިފައެވެ.
އެގޮތުން، މިހާތަނަށް ލިބިފައިވާ އާމްދަނީ އާއި ހިލޭ އެހީގެ 77.1 އިންސައްތަ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީން ހިއްސާކުރާއިރު، ޓެކްސް ނޫން އާމްދަނީގެ ޙިއްސާއަކީ 22.3 އިންސައްތައެވެ.
އެގޮތުން، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދައުލަތުގެ ޖުމުލަ އާމްދަނީ އާއި ހިލޭ އެހީ މިވަނީ 5.4 އިންސައްތައިން އިތުރުވެފަ އެވެ.
އާމްދަނީގެ ވަކިވަކި ބައިތަކުގެ ތެރެއިން، މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ މިވަނީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 6.7 އިންސައްތައިން އިތުރުވެފައެވެ. ޓި.ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ 8.0 އިންސައްތައިން އިތުރުވެފައިވާއިރު، ޖީ.ޖީ.އެސް.ޓީގެ އާމްދަނީ މިވަނީ 3.4 އިންސައްތައިން އިތުރުވެފައެވެ.
މީގެއިތުރުން، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެއަރޕޯޓު ޓެކުހާއި ފީގެ ރޭޓުތައް ބޮޑުކޮށްފައިވުމުގެ ސަބަބުންނާއި ފަތުރުވެރިކަމަށް އައިސްފައިވާ ކުރިއެރުމާއެކު ޑިޕާޗާ ޓެކުހާއި އެއަރޕޯޓު ތަރައްގީކުރުމަށް ނެގޭ ފީގެ ގޮތުގައި ލިބޭ އާމްދަނީވެސް މިވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު އިތުރުވެފައެވެ.
އާމްދަނީން ނަގާ ޓެކުހުގެ ތެރެއިން ވިޔަފާރި އާމްދަނީން ނަގާ ޓެކުހާއި ފަރުދުންގެ އާމްދަނީން ނަގާ ޓެކްސް އިތުރުވެފައިވީ ނަމަވެސް، ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ތެރޭގައި އެޑްވާންސްކޮށް ބޭންކް ޕްރޮފިޓް ޓެކުހުގެ ގޮތުގައި 426.0 މިލިއަން ރުފިޔާ ބަލައިގަނެ ޖުމުލަ 946.9 މިލިއަން ރުފިޔާ އެހެނިހެން ބިޒްނަސް އަދި ޕްރޮޕަރޓީ ޓެކްސްގެ ގޮތުގައި ލިބިފައިވާތީ، މިއަހަރުގެ މިހާތަނަށް މި ދާއިރާއިން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީ ދަށެވެ.
މި މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މިއީ ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް މި އަހަރުގެ ބަޖެޓުގައި އަންދާޒާކޮށްފައިވާ ޢަދަދުގެ 32.7 އިންސައްތަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ފިނޭންސްގެ ހުއްދަ ނެތި އާ މަގާމުތައް ނުއުފެއްދުމަށް އަންގައިފި
2 އަހަރު ކުރިން

މިއަހަރުގެ ޖެނުއަރީ 26 އާއި ހަމައަށް ސަރުކާރުގެ ދަތުރުތަކަށް 60 މިލިއަން ރުފިޔާ
2 އަހަރު ކުރިން

ހަރަދު ކުޑަ ކުރަން ނެރޭ ސާރކިއުލާ އަބަދުވެސް ނެރޭ - ސަރުކާރު
2 އަހަރު ކުރިން

ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޫކުރަން ކަނޑައެޅި ބަޖެޓުން ބޮޑުބައި ދޫކޮށްފި
2 އަހަރު ކުރިން