logo

ކުރިއެރުން ލިބެން އޮތީ ގައުމުތަކާ ގުޅިގެން: ރައީސް

profile

ޒިދާން މުޙައްމަދު - 20 ސެޕްޓެމްބަރު 2024 - 19:15

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެއަރޕޯޓްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ:

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެއަރޕޯޓްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ:

ދިވެހިރާއްޖެއަށް ކުރިއެރުން ލިބެން އޮތީ ގައުމުތަކާ ގުޅިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އދގެ 79 ވަނަ އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަތުމުގެ ކުރިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މީޑިއާއަށް ދެއްވި ހާއްސަ ބަސްދީގަތުމެއް ގައެވެ.

ރައީސް ވިދާޅުވީ، ރާއްޖެއަށް އެންމެ މަންފާވާނެ ގޮތަކީ ދުނިޔޭގެ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުން ކަމަށާއި އެމަގުން މުހިންމު ގިނަ މަސައްކަތްތަކެއް އދގެ މަޖިލީހުގެ ބައްދަލުވުންތަކުގެ ތެރެއިން ކުރައްވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އދގެ 79 ވަނަ އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ މިދަތުރުފުޅުގެ އެންމެ މުހިންމު ބޭނުމަކަށްވަނީ ރާއްޖޭގެ ވާހަކަތައް ކިޔައިދީ، ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ދާއިރާތަކާމެދު ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ސަމާލްކަމަށް ގެނައުން ކަމަށެވެ.

އދގެ އާއްމު މަޖިލީހުގައި ފުރަތަމަ ފަހަރަށް ތަޤުރީރު ކުރެއްވުންވެސް ހަމަޖެހިފައިވާ ދަތުރުފުޅު ފެށްޓެވުމުގެ ކުރިން، ރާއްޖޭ ކަންކަމުގެ އިތުރުން، ބޭރުގެ މަސްރަހުގައި ހިނގާ ކަންކަމާ ގުޅޭގޮތުންވެސް ރާއްޖޭގެ ބަސް އިއްވަންޖެހޭ ކަންކަމުގައި ބަސް އިއްވާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އެމަނިކުފާނު ދެއްވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާއި ރާއްޖޭގައި ހުރި މައްސަލަތަކަށް ޙައްލު ހޯދުމަށް ބޭނުންވާ ޒަމާނީ ބަދަލުތަކާއި ގުޅޭގޮތުންވެސް ކަމާ ގުޅުންހުރި ބައްދަލުވުންތަކުގައި މަޢުލޫމާތު ހިއްސާކުރަައްވާނެ ކަމަށެވެ.

މިދަތުރުފުޅުގައި ދުނިޔޭގެ ބޮޑެތި ޤައުމުތަކާއެކު ގުޅުން ބަދަހިކުރައްވާ، ރާއްޖެއަށް މުހިންމު ދާއިރާތަކުން އެހީތެރިކަން ހޯއްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ މިދަތުރުފުުގައި އދގެ ސެކިއުރިޓީ ކައުންސިލްގެ އާންމު ބަހުސެއްގައި ބައިވެރިވެވަޑައިގެން، ވާހަކަފުޅު ދައްކަވަން ވަނީ ހަމަޖެހިފައެވެ. މިއީ ތާރީޚުގައި އދގެ ސަލާމަތީ މަޖީލީހުގެ ބަހުސެއްގައި ދިވެހިރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލަމެވެ.

މި ދަތުރުފުގައި ރާއްޖެއިން މުހިންމު 14 ބައްދަލުވުމެއްގައި ބައިވެރިވާނެއެވެ.

tel:+9607331319