logo

ސަގާފީ، ދީނީ ތަންތަން ހިމާޔަތްކުރުމަށް އެހީވުމަކީ ލިބޭ ޝަރަފެއް: ފަހުމީ

profile

ޝާމާ ޝުޢައިބު - 07 އޮކްޓޯބަރު 2024 - 21:52

ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން ފަހުމީ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދާ ބައްދަލުކުރެއްވުން

ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން ފަހުމީ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދާ ބައްދަލުކުރެއްވުން

ރާއްޖޭގެ ސަގާފީ އަދި ދީނީ ތަންތަން ހިމާޔަތްކުރުމަށް އެހީތެރިވުމުގެ ފުރުސަތުތައް ހޯދުމަކީ އެ ކުންފުންޏަށް ލިބޭ ޝަރަފެއް ކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

އިސްލާމީ މަރުކަޒުގެ މުންނާރު ދަށުގައި ހުންނަ މަސްފެންގަނޑު މަރާމާތު ކުރަން ސްޓެލްކޯއިން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު އެކަމާ ގުޅިގެން ފަހުމީ ވިދާޅުވެފައިވަނީ އިސްލާމީ މަރުކަޒުގެ މުންނާރުގެ ތިރީގައި ވާ ފެންގަނޑަކީ ތާރީހީ އަދި މުހިއްމު ތަނެއް ކަމަށެވެ. އަދި އެ ތަނަކީ ހިތްގައިމު ތަނެއްގެ ގޮތުގައި ދެމިއޮތުމަށް މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށާ އެތަން ރީތިކޮށް، ތަރައްގީކޮށް އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ސްޓެލްކޯއިން މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު ސްޓެލްކޯގެ އެމްޑީ ފަހުމީ ވަނީ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދާ ބައްދަލުކުރައްވާ، އެ މަސްފެންގަނޑު މަރާމާތު ކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށެވެ. އެގޮތުން މިއީ ސްޓެލްކޯގެ ސީއެސްއާރްގެ ދަށުން ކުރަން ބޭނުންވާ މަސައްކަތެއް ކަން އެ ކުންފުނިން ފާހަގަކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް، އެ ތަނުގައި މަސްފެންގަނޑެއް ހަދަން ބީލަން ހުށަހެޅުމަށް ހުޅުވައިލައި ކުރި އިޢުލާން ބާތިލުކުރީ އެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމުމުންނެވެ. އެކަން ހާމަކޮށް މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު މިވަގުތު އޮތް ގޮތުން މަސްފެންގަނޑު ހަދަން ކުރި އިއުލާން ބާތިލުކުރަން ނިންމާފައިވާ ކަމަށެެވެ. ޝަހީމް ވަނީ އިޤްތިޞާދު މިވަގުތު އޮތް ގޮތުން، މި ބާވަތުގެ ކަންކަން ކުރުމަކީ އެންމެ މުނާސަބު ކަމަކަށް ނުވާތީ އެ އިއުލާން ބާތިލުކުރަން އަންގާފައިވާ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި، އެއީ އިސްލާމީ މަރުކަޒު އިމާރާތް ކުރީއްސުރެ މުންނާރުގެ ތިރީގައި ހަދާފައިވާ ފެންގަނޑެކެވެ. މިނިސްޓްރީން އިއުލާންކުރީ އެތަން މަރާމާތު ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

https://int.etukuri.mv/
tel:+9607331319