logo

އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި

profile

ޝުރުފާ މުހައްމަދު - 14 އޮކްޓޯބަރު 2024 - 12:40

އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކުރުން--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކުރުން--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމީ މަރުކަޒުގެ މުންނާރުގެ ތިރީގައި ހަދާފައި ހުންނަ މަސްފެންގަނޑު މަރާމާތުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.

އިސްލާމީ މަރުކަޒުގެ މުންނާރު އިތުރަށް ފުރިހަމަ ކުރުމަށް، މުންނާރު ވަށައިގެންވާ ގޮތަށް ތިރީގައި ހަދާފައިވާ މަސްފެންގަނޑު ހަލާކުވެ ގިނަ ދުވަސްވެފައިވާތީ، އެތަން މަރާމާތުކުރުމުގެ މަސައްކަތް ކުރަނީ ސްޓެލްކޯގެ ސީއެސްއާރުގެ ދަށުންނެވެ.

މި މަސައްކަތް ސްޓެލްކޯގެ ސީއެސްއާރުގެ ދަށުން ކޮށްދެއްވުމަށް އެ ކުންފުނިން ޝައުޤުވެރިކަން ފާޅުކުރީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަޙުމީ، ވަޒީރު ޑރ. ޝަހީމްއާއި ބައްދަލުކުރެއްވުމަށްފަހުއެވެ.

އެކަމުގެ މަޝްވަރާއަށް ފަހު ރަސްމީ އެކްސް އެކައުންޓުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އެ މަރުކަޒުގެ ހައިބަތު ފުރިހަމަ ކުރުމަށްޓަކައި މުންނާރުގެ ތިރީގައި އޮންނަ ފެންގަނޑު މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ކުރާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ މަސައްކަތްތަކަށް ސްޓެލްކޯގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.

އިސްލާމީ މަރުކަޒުގެ މުންނާރާއި، އިސްލާމީ މަރުކަޒުގެ ސަރަޙައްދު މިހާރަށްވުރެ ޒީނަތްތެރިކޮށް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް ވުޒާރާއިން ކުރަމުން އަންނަނީ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމުގެ މުނާސަބާތާ ގުޅިގެންނެވެ.

އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ކުލަ ގަދަކޮށް ފާހަގަކުރެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

https://int.etukuri.mv/
tel:+9607331319