logo

އިންޑިއާ އާއި ރާއްޖޭގެ ގުޅުން ރަނގަޅުވަމުންދާތީ އަދީބުގެ ތައުރީފް ސަރުކާރަށް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 31 އޯގަސްޓު 2024 - 16:28

ކުރީގެ ނައިބު ރަީސް އަހުމަދު އަދީބު

ކުރީގެ ނައިބު ރަީސް އަހުމަދު އަދީބު

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބަދަހިވަމުންދާތީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސަރުކާރަށް ތައުރީފް ކުރައްވައިފި އެވެ.

ބޭރުގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އަދީބު ވަނީ، ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ޒަމާންވީ ގުޅުމާ ގުޅިގެން ވާހަކަދައްކަވާފަ އެވެ.

އިންޑިއާއަކީ ރާއްޖެއާއި އެންމެ ގާތް އަވަށްޓެރި ގައުމުކަން ފާހަގަކުރައްވަމުން އަދީބު ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގައި އަބަދުވެސް އިސްކަން ދިނީ އިންޑިއާ އަށް ކަމަށެވެ.

"ރާއްޖެއިން އަބަދުވެސް ގެންގުޅުނީ އިންޑިއާ ފަސްޓް ޕޮލިސީ. އެއީ އަޅުގަނޑުމެންގެ އެއްބަނޑު އެއްބަފާ އަހެއް ކަހަލަ ގައުމެއް" ދެ ގައުމުގެ ގުޅުން ސިފަކޮށްދެއްވަމުން އަދީބު ވިދާޅުވި އެވެ.

ދެ ގައުމުގެ ގުޅުން ހީނަރުވާން ފެށީ އަދީބު ނައިބު ރައީސްކަން ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ޔާމީން އިސްވެ ހުންނަވައިގެން ފެއްޓެވި 'އިންޑިއާ އައުޓް' ކެމްޕޭން ބޭނުންކުރައްވައިގެން ނަމަވެސް މިހާރު އެކަން ބަދަލުވެފައިވާ ކަމަށެވެ.

ކުރީ ސަރުކާރަށް އިންޑިއާގެ ނުފޫޒު އޮތް މިންވަރު ހާމަކޮށްދީ، އެކަމާ ދެކޮޅު ހެދުމަށް ކަމަށް ބުނެ އޭރުގެ އިދިކޮޅުގައި އޮތް ޕީޕީއެމް- ޕީއެންސީ ކޯލިޝަނުން 'އިންޑިއާ އައުޓް' ކެމްޕޭނެއް ފެށިީ ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ނެވެ.

" ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތް އެބަކުރައްވާ. އެ ގައުމުގެ ބޮޑު ވަޒީރު މޯދީގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތައް އެމަނިކުފާނު ވަޑައިގެންނެވިއިރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ވެސް ދާދިފަހުން ރާއްޖެ ވަޑައިގެންނެވި" އަދީބު ވިދާޅުވި އެވެ.

އެކަންކަން ފާހަގަކުރައްވަމުން އަދީބު ވިދާޅުވީ އެއީ ދެ ގައުމުގެ ގުޅުން ބަދަހިވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ. އަދި އޭނާ ވަނީ ރައީސަށާއި ސަރުކާރަށް މަރުހަބާ ވިދާޅުވެފަ އެވެ.

https://wamco.com.mv/
tel:+9607331319