logo

ޔޫކްރެއިން ސިފައިން ރަޝިޔާއަށް ދެމުންގެންދާ ޑްރޯން ހަމަލާތައް ވަރުގަދަ ކޮށްފި

profile

ސައިފް އަޒުހަރު - 10 ސެޕްޓެމްބަރު 2024 - 14:31

ޔޫކްރެއިން ސިފައިންގެ ޑްރޯން ހަމަލާއެއް އަމާޒުވި، މޮސްކޯގެ އެޕާޓްމަންޓް ބިލްޑިންގއެއް:

ޔޫކްރެއިން ސިފައިންގެ ޑްރޯން ހަމަލާއެއް އަމާޒުވި، މޮސްކޯގެ އެޕާޓްމަންޓް ބިލްޑިންގއެއް:

ޔޫކްރެއިން ސިފައިން ރަޝިޔާއަށް ދެމުންގެންދާ ހަމަލާތަކުގެ ތެރޭގައި، ރަޝިޔާގެ ވެރިރަށް މޮސްކޯއަށްދޭ ހަމަލާތައް އިތުރުވެ ވަރުގަދަ ކޮށްފިއެވެ.

ރޭގެ ދަންވަރުގެ ވަގުތުގައި އެތައް ޑްރޯންއެއް ފޮނުވައި މޮސްކޯއަށް ވަރުގަދަ ހަމަލާތަކެއް ދީފައި ވެއެވެ.

ޔޫކްރެއިން ސިފައިން ފޮނުވި ޑްރޯންތަކުގެ ތެރެއިން ޑްރޯންއަކުން ދިން ހަމަލާއެއް އާންމުން ދިރިއުޅޭ އިމާރާތަކަށް އަމާޒުވެ އަންހެނަކު މަރުވެފައިވާ ކަމަށް ރަޝިޔާގެ ދިފާއީ ވުޒާރާއިން ހާމަކޮށްފައި ވެއެވެ. ޑްރޯން ހަމަލާގެ ސަބަބުން އެ އިމާރާތުގައި އަލިފާން ރޯވިކަމަށްވެސް ބުނެފައި ވެއެވެ.

މޮސްކޯ ސަރަހައްދުގެ ގަވަރްނަރ އެންޑްރީ ވޮރޮބިއޯވް ވިދާޅުވީ، ޑްރޯން ހަމަލާތައް ދެ އެޕާޓްމަންޓަކަށް އަމާޒުވެ އެތައް ފްލެޓެއްގައި އަލިފާން ރޯވި ކަމަށެވެ.

އަލިފާން ރޯވުމުގެ ސަބަބުން 46 އަހަރުގެ އަންހެނަކު މަރުވެ އިތުރު 3 މީހުން ޒަޚަމްވި ކަމަށްވެސް ގަވަރްނަރ ވިދާޅުވިއެވެ.

އަދި 43 މީހަކު އެހެން ތާކަށް ބަދަލުކުރަން ޖެހުނު ކަމަށްވެސް ވިދާޅުވިއެވެ.

ޑްރޯން ހަމަލާތަކުގެ ނުރައްކަލާހެދި މޮސްކޯ ސަރަހައްދުން ޒުކޯވޯ އެއަރޕޯޓް ބަންދުކޮށް ތިރީހަކަށް ފްލައިޓްވެސް ސަސްޕެންޑް ކުރަން ޖެހުނު ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ، ރަޝިޔާގެ އެކި ސަރަހައްދުތަކަށް ޔޫކްރެއިން ސިފައިން ފޮނުވާލި 144 ޑްރޯންއެއް، ރަޝިޔާގެ އެއަރ ޑިފެންސުން ހަމަލާދީ ވައްޓާލި ކަމަށެވެ. ވެރިރަށް މޮސްކޯ ސަރަހައްދުން އެކަނިވެސް 20 ޑްރޯން ވައްޓާލިކަމަށް ބުނެފައި ވެއެވެ.

ރަޝިޔާގެ އެކި ރަށްތަކަށް ޔޫކްރެއިން ސިފައިންގެ ޑްރޯން ހަމަލާތައް އަމާޒުވަމުން އެބަދެއެވެ.

ޔޫކްރެއިންގެ އިމާ ގާތުގައި އޮންނަ ބްރިޔަންސްކްއިން ރަޝިޔާ ސިފައިންވަނީ 72 ޑްރޯން ވައްޓާލާފައެވެ. ކާރސްކްއިން 14 ޑްރޯން، ތޫލާއިން 13 ޑްރޯން، އަދި އެހެން ހިސާބުތަކުން 25 ޑްރޯން ވައްޓާލާފައިވާ ކަމަށް ރަޝިޔާގެ ދިފާއީ ވުޒާރާއިން ހާމަކޮށްފައި ވެއެވެ.

ޔޫކްރެއިން ސިފައިން ރަޝިޔާއަށް ދެމުންގެންދާ ހަމަލާތައް ފުޅާކުރަމުންދާއިރު، ޔޫކްރެއިންގެ އިރުމަތީ ފަޅީގެ އިތުރު ސަރަހައްދުތައް ހިފަމުންދާ ކަމަށް ރަޝިޔާއިން ވަނީ ހާމަކޮށްފައެވެ.

tel:+9607331319