
"ހަފުތާ 52- ރައްޔިތުންނާއެކު ކުރިއަށް" - ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ އަޅާލުން، ވަގުތު ފާއިތުނުވަނީސް ދިނުން: ރައީސް

އައިޝަތު އިނާޝާ - 18 ނޮވެމްބަރު 2024 - 06:51
ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ އަޅާލުން، ވަގުތު ފާއިތުނުވަނީސް ދިނުން ކަމަށާއި އިރާދަކުރެއްވިޔާ މި ސަރުކާރަކީ ނަތީޖާ ނެރޭނޭ ސަރުކާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ހަފުތާ 52- ރައްޔިތުންނާއެކު ކުރިއަށް" މިނަމުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސަރުކާރުން ބޭނުންވާ ނަތީޖާތައް ނެރުމަށް ދަތިތަކެއް ހުރިކަމުގައިވިޔަސް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ގިނަ ކަންތައްތަކެއް ރައްޔިތު މީހާއާ ހަމައަށް ގެނެސްދެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެގޮތުން، އެއަރ އެމްބިއުލްނާސްގެ ޚިދުމަތް ތަޢާރަފުކޮށް، 540 ބަލި މީހުން ފަރުވާއަށް ގެންގޮސްދީފައިވާކަމާއި، އައި.ވީ.އެފް އާއި ދަރިމައިވުމުގެ ސިއްޙަތާ ގުޅުންހުރި މުހިންމު ޚިދުމަތްތަކެއް އާސަންދައިގެ ދަށުން ފަހިކޮށްދެވިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދެއްވުމުގެ އަމާޒުގައި މެންޓަލް ހެލްތު ހެލްޕްލައިން ޤާއިމުކުރައްވައި، އެ ވަޞީލަތް މެދުވެރިކޮށް، ޒުވާނުންނަށް ތަސައްލީ ދެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ކުއްލި ޙާލަތްތަކުގައި އެހީ ހޯދުމަށް ގިނަ ނަންބަރުތަކަށް ގުޅުމުގެ ބަދަލުގައި އެއް ނަންބަރުން ޚިދުމަތް ލިބޭނޭ އެމަރޖެންސީ ސަރވިސް ނަންބަރު، 911 ވެސް ވަނީ މިދިޔަ 52 ހަފުތާގެ ތެރޭގައި ތަޢާރަފުކޮށްފައެވެ.
ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ އަޅާލުން، ވަގުތު ފާއިތުނުވަނީސް ދިނުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގައި ބޮޑު މައްސަލައެއް ކަމުގައިވާ ތެލެސީމިއާ ބަލީގެ މައްސަލައިގައި އަޅުއްވާފައިވާ ފިޔަވަޅުތައް ހިއްސާކުރައްވާފައެވެ. އެގޮތުން، ވޭތުވެ ދިޔަ 52 ހަފުތާގެ ތެރޭގައި ދައުލަތުގެ ޚަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށް 14 ކުދިން ފޮނުވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ސަރުކާރުން ބޭނުންވަނީ ނަތީޖާ ނެރުންކަން ތަކުރާރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބޯހިޔާވަހިކަމުގައި ހޯއްދަވައިދެއްވާފައިވާ ލުއިފަސޭހަތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އަސާސީ ބޯހިޔާވަހިކަން އަތްފޯރާ ފަށަށް ގެނައުމަށްޓަކައި، އިޖުތިމާޢީ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގައި ގެދޮރު ލިބި، އެއަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި ގޮންޖެހުންތައް ކުރިމަތިވެފައިވާ މީހުންނަށް ލުއިތައް ހަމަޖައްސައިދެއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން 2025 ގެ ބަޖެޓަކީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ބަޖެޓުކަން ފާހަގަކުރައްވައި، ނުފޯރާ ފަށުން ލޯނު ނަގައިގެން ގެއަޅަން ޖެހޭ ޖެހުމަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވަމުންގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ވަޢުދު ވެ ވަޑައިގެންފައިވާގޮތަށް، ފަސް އިންސައްތައަށް ވުރެ އިތުރު ނޫން ސަރވިސް ޗާޖަކާއެކު، އިސްލާމީ އުޞޫލުން ފައިސާ ދޫކުރާ ލޯން ސްކީމެއް ތަޢާރަފުކޮށްފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެ މަނިކުފާނު މި ލޯން ސްކީމް ސިފަކުރެއްވީ، ޙަޤީޤި މާނައިގައި އަތްފޯރާފަށުގެ، އިޖުތިމާޢީ ލޯން ސްކީމެއްގެ ގޮތުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ލޯން ސްކީމާއި މަސްވެރިންގެ ދަފުތަރު އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން، ބޭންކްތަކުން ދުވަހަކުވެސް މިފަދަ ފުރުޞަތު ނުލިބޭ، މަސްވެރިން ފަދަ އެތައް ޢާންމު ދިވެހި އާއިލާތަކަށް ފުރުޞަތު ލިބޭނެކަމަށެވެ.
ބަންކަރިން މަސައްކަތާއި، ސީ ޓު އެއަރ ކާގޯ ޚިދުމަތާއި، ޑިވެލޮޕްމެންޓް ބޭންކް ޤާއިމުކުރުންފަދަ އިޤްތިޞާދީ މަސައްކަތްތައްވެސް ފައްޓަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހިންގުމާއި ޚިދުމަތްތައް ލާމަރުކަޒުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކައުންސިލްތަކަށް ފަޅުރަށްތައް ޚާއްޞަކޮށް، އައި.ޑީ.ކާޑާއި ޕާސްޕޯޓު ހެއްދުން ފަދަ އިދާރީ އަސާސީ ޚިދުމަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުން ލިބޭނޭ ގޮތް އިންތިޒާމުކޮށް، ރަށްރަށުގެ ބިނާރު ތަރައްޤީކުރުމުގެ މަސައްކަތް ފެށުން ބަޖެޓުކޮށް، ދައުރު ނިމެންވާއިރަށް މަސައްކަތް ނިންމަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ވިދާޅުވެފައިވާ ފަދައިން، ޢުމްރާނީ ތަރައްޤީގެ އިތުރުން، ފިކުރީ، ދީނީ ތަރައްޤީއަށްވެސް އަހައްމިއްޔަތުކަން ދެއްވައި ޒުވާނުން ބިނާކުރުމަށް މި 52 ހަފުތާތެރޭ ކުރެވުނު ބައެއް މުހިންމު މަސައްކަތްތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން 270 ޒުވާން ޚަޠީބުންނަށް ތަމްރީނުދީ، ދީނީ އެކި ކަންކަމުގައި ޒުވާނުންނަށް ފުރުޞަތުތަކެއް ފަހިކޮށްދެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ތަޢުލީމީ ދާއިރާއަށް ބައްލަވައިލައްވަމުން، ފާއިތުވެ ދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ފުރުޞަތު ނުދޭ މިންވަރަށް، މުދައްރިސުން ތަމްރީނުކުރަން ފުރުޞަތު ދެވިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މިއަދު ބާއްވާ ހުރިހާ އިންތިހާބެއްގެ ނަތީޖާ އިއުލާންކުރާނީ ވަކިވަކިން، ފުރަތަމަ އިއުލާން ކުރާނީ ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ
3 ގަޑިއިރު ކުރިން
ވޯޓެއްގައި ބައިވެރިވާން ބޭނުން ނުވާނަމަ އެ ފުރުސަތު އޮންނާނެ: އީސީ
3 ގަޑިއިރު ކުރިން
ވީއައިއޭގެ ޓެކްސީވޭ-ޗާލީ ތަރައްގީ ކުރުމުގެ 3 ވަނަ ފިޔަވަހި މަސައްކަތް ފަށައިފި
10 ގަޑިއިރު ކުރިން

އުތީމުގައި ގުރްއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވައިފި
15 ގަޑިއިރު ކުރިން


.gif&w=3840&q=75)