
މަޖިލީހުގެ ނައިބު ރައީސަކު ހޮވަން ބާއްވާ ޖަލްސާ މާދަމާއަށް ތާވަލްކޮށްފި

މުޙައްމަދު ފަޟްލޫން - 31 މޭ 2026 - 06:36
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަކު ހޮވަން ބާއްވާ ޖަލްސާ މާދަމާއަށް ތާވަލްކޮށްފިއެވެ.
މަޖިލީހުގެ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ހާއްސަ ޖަލްސާ އެންމެ ފުރަތަމަ ތާވަލުކުރީ މިއަދު މެންދުރުފަހު 1:00 އަށެވެ.
މި ބަދަލު އައިސްފައިވަނީ، މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަޙްމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ މިއަދުގެ ހެނދުނުގެ ޖަލްސާއަށް ތާވަލުކޮށްފައި ވަނިކޮށް، ޖަލްސާ ފެށުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އޭނާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ނާޒިމް އިސްތިއުފާ ދެއްވުމުން، ހެނދުނަށް ތާވަލުކުރި ޖަލްސާ ވަނީ ނިންމާލާފައެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވިކަން މިއަދުގެ ޖަލްސާގައި ރަސްމީކޮށް އިޢުލާނު ކުރެއްވުމަށްފަހު، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ އައު ނައިބު ރައީސަކު އިންތިހާބު ކުރުމަށް މިއަދު މެންދުރުފަހު ޖަލްސާއެއް ބާއްވާނެ ކަމަށެވެ. ނަމަވެސް ފަހުން މަޖިލީހުގެ ނައިބު ރައީސް ހޮވަން ބާއްވާ ޖަލްސާ މާދަމާއަށް ވަނީ ފަސްކޮށްފައެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ނާޒިމް ނެރުއްވި ބަޔާނެއްގައި، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ވަނީ ދޮގުކުރައްވާފައެވެ.
ޕީއެންސީގެ މެންބަރުން ސޮއިކޮށް އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.





.gif&w=3840&q=75)