ކަނޑު އަޑީގައި މަރުވި އިޓަލީގެ ދެމައިންގެ ޖަނާޒާ ބާއްވައިފި

މުޙައްމަދު ފަޟްލޫން - 31 މޭ 2026 - 10:30
ވ. އަތޮޅު ދެކުނު ކަނޑުގެ ހޮހަޅައެއްގެ ތެރޭގައި ހިނގި ހިތާމަވެރި ހާދިސާގައި މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން، މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލްގެ ޖަނާޒާ އިއްޔެ ބާއްވައިފިއެވެ.
އިޓަލީގެ ޖެނޯއާގައި ހުންނަ ސަން ފްރެންޗެސްކޯ ޑި ޕެގްލީ ފައްޅީގައި ބޭއްވި މި ޖަނާޒާގައި ގާތްގަނޑަކަށް 2،000 އެއްހާ މީހުން ބައިވެރިވެފައިވެއެވެ.
މި ހާދިސާގައި ގެއްލުނު ޑައިވަރުން ހޯދުމަށްޓަކައި، ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) ޔޫރަޕްގެ ފަރާތުން ބައިނަލްއަގުވާމީ ފެންވަރުގެ ސާޗް އެންޑް ރިކަވަރީ މިޝަނެއް މެއި މަހުގެ 18 އިން 21 އަށް، ޖުމުލަ ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންގޮސްފައިވެއެވެ.
މޮނިކާއަކީ ކަނޑުއަޑީގެ ދިރާސާތައް ކުރުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ، އާދަޔާ ހިލާފު ތަޖުރިބާކާރެކެވެ. އޭނާގެ ފިރިމީހާ ކާލޯ ސޮމަކަލް ފާހަގަކުރި ގޮތުގައި، މޮނިކާއަކީ އެ ދާއިރާގައި ނުހަނު ގާބިލު މީހެކެވެ. އިޓަލީގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، 2003 ވަނަ އަހަރުން ފެށިގެން މޮނިކާ ވަނީ ރާއްޖޭގެ ކަނޑުތަކުގެ 210 ފޫޓާއި 270 ފޫޓާ ދެމެދުގެ ފުން ސަރަހައްދުތަކުން ސާމްޕަލް ނަގައިގެން ގިނަ ތަހުލީލުތަކެއްކޮށް، އެ މަސައްކަތްތައް ބައިނަލްއަގުވާމީ މަޖައްލާތަކުގައި ޝާއިއުކޮށްފައެވެ. މިއީ މި ހާދިސާ ހިނގި އަލިމަތާ ހޮހަޅައަށް ވުރެ ވެސް މާ ފުން ސަރަހައްދުތަކެކެވެ.
2006 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ކަނޑުތަކާ ގުޅޭ 34 ދިރާސާއެއް ކޮށްފައިވާ، އިލްމީ ގޮތުން މިހާ ގާބިލު މީހަކަށް މިފަދަ ނުރައްކާތެރި ހާދިސާއަކާ ކުރިމަތިލާންޖެހުނު ސަބަބާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ވަކިން ހާއްސަކޮށް، ކަނޑުގެ ދިރާސާތަކުގެ އެފަދަ ތަޖުރިބާކާރަކު، އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތަކެއް ނެތި އެހާ ފުން ސަރަހައްދަކަށް ފީނަން ދިޔަ ސަބަބު ދެނެގަތުމަށް ގިނަ ފަރާތްތަކަކުން ދަނީ ބާރުއަޅަމުންނެވެ.






.gif&w=3840&q=75)