
އިސްލާމްދީނުގައި ނަމާދަށް ދީފައިވާ މަޤާމް!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 01 ޖުލައި 2025 - 20:13
ނަމާދަކީ، އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އީމާންކަމުގައި ނަމާދުގެ މަޤާމަކީ، ހަށިގަނޑުގައި ބޮލުގެ މަޤާމެވެ. ކީރިތި ޤުރުއާނާއި ޠާހިރު ސުންނަތުގައި ވަނީ، ނަމާދަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާފައެވެ. ނަމާދު ކުރުމަށް އަންގަވައި އަމުރުކުރައްވާފައިވަނީ، ވަރަށް ވެސް ގަދަ އަމުރުންނެވެ. މާތްﷲ އަންގަވާފައިވެއެވެ.
إنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَوْقُوتًا (އައްނިސާ: 103)
މާނައީ، “ހަމަކަށަވަރުން ނަމާދަކީ، މުއުމިންތަކުންގެ މައްޗަށް ވަގުތު ކަނޑައެޅިގެން އޮތް ފަރުޟެއް ކަމުގައި ވެއެވެ.”
ޝައްކެތް ވެސް ނެތް ގޮތުގައި، އެއްވެސް އަޅުކަމަކަށް ދީފައިނުވާ މަޤާމެއް އިސްލާމްދީނުގައި ނަމާދަށް ދީފައިވެއެވެ. ކީރިތި ރަސޫލާ މުޙައްމަދު صَلَّى ٱللّٰهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
”ދީނުގެ އަޞްލަކީ ނަމާދެވެ. އަދި އޭގެ ތަނބުތަކަކީ ނަމާދެވެ. އަދި އޭގެ ކުރިބޯއްޓަކީ ﷲގެ މަގުގައި ޖިހާދު ކުރުމެވެ.” (ރަވާޙު އައްތިރްމިޒީ)
ނަމާދަކީ އަޅުކަންތަކުގެ ތެރެއިން އެންމެ ފުރަތަމަ ﷲ ވާޖިބު ކުރެއްވި އަޅުކަމެވެ. ކީރިތި ރަސޫލާ މުޙައްމަދު صَلَّى ٱللّٰهُ عَلَيْهِ وَسَلَّمَ މިޢުރާޖަށް އަރައިވަޑައިގެންނެވި ރޭގައި އެއްވެސް ވާހިޠާއެއްނެތި އެކަލޭގެފާނުގެ މައްޗަށް މާތްﷲ އެނަމާދު ފަރުޟު ކުރެއްވިއެވެ.
މާތްﷲ ރުއްސުންލެއްވި އަނަސްގެފާނު ވިދާޅުވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
”ކީރިތި ރަސޫލާ މިޢުރާޖަށް އަރައިވަޑައިގަތް ރޭގައި އެކަލޭގެފާނުގެ މައްޗަށް ފަންސާސް ނަމާދު ފަރުޟު ކުރެއްވުނެވެ. ދެން މަދު ކުރެވެމުންގޮސް ފަސް ނަމާދަށް ހެދުނެވެ. ދެން ނިދާ އިއްވެވުނެވެ. އޭ މިޙައްމަދެވެ! ހަމަ ކަށަވަރުން ތިމަން ﷲގެ ޙަޟްރަތުގައި އިއްވިއްޖެ ބަސްފުޅެއް ބަދަލެއް ނުވާނެއެވެ. އަދި ކަލޭގެފާނަށް މި ފަސް ނަމާދު ފަންސާސް ނަމާދު ފަސް ނަމާދު ފަދައެވެ. (އެބަހީ: ފަސް ނަމާދުން ފަންސާސް ނަމާދުގެ ޘަވާބު ލިބޭނެއެވެ.)” (ރަވާޙު އަޙްމަދު، ވައްނަސާއީ)
އަދި ނަމާދަކީ ﷲ ގެ ޙައްޤުތަކުގެ ތެރެއިން ޤިޔާމަތްދުވަހު އެންމެ ފުރަތަމަ އަޅާގެ ޙިސާބު ބެއްލެވޭނެ ޢަމަލެވެ. މާތްﷲ ރުއްސުންލެއްވި އަނަސްގެފާނު ކިބައިން ރިވާވެގެން ވެއެވެ. ކިރިތި ރަސޫލާ މުޙައްމަދު صَلَّى ٱللّٰهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިވެއެވެ.
”ޤިޔާމަތް ދުވަހުން އެކަމުން އަޅާގެ އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނެ ޢަމަލަކީ ނަމާދެވެ. ފަހެ ނަމާދު ރަނގަޅު ވެއްޖެނަމަ އޭނާގެ އެހެން ހުރިހާ ޢަމަލެއް ރަނގަޅުވާ ހުއްޓެވެ. އަދި ނަމާދު ފާސިދު ވެއްޖެނަމަ އޭނާގެ އެހެން ހުރިހާ ޢަމަލެއް ފާސިދުވާ ހުއްޓެވެ.“
އަދި ނަމާދަކީ ކީރިތި ރަސޫލާ މުޙައްމަދު صَلَّى ٱللّٰهُ عَلَيْهِ وَسَلَّمَ ދުނިޔެ ދޫކުރައްވައި ވަޑައިގަންނަވަމުން އެކަމަށް ވަޞިއްޔަތްކުރެއްވި އެންމެ ފަހުގެ ވަޞިއްޔަތްޕުޅެވެ. އެކަލޭގެފާނުގެ އެންމެ ފަހުގެ ނޭވާފުޅުގައި ހާދީޘްފުޅު ކުރައްވަމުން ގެންދެވި ބަސްފުޅުގެ މާނައިގައިވެއެވެ.
”ތިޔަބައިމީހުން ނަމާދަށް ރައްކާތެރިވާށެވެ. ތިޔަ ބައިމީހުން ނަމާދަށް ރައްކާތެރިވާށެވެ. އަދި ތިޔަބައިމީހުންގެ އަޅުމީހުންނަށްވެސް ރައްކާތެރިވާށެވެ. ” (ރަވާހު އަބޫ ދާއޫދު ވަ އަޙްމަދު)
ކީރިތި ޤުރުއާނުގައި ނަމާދާ ބެހޭގޮތުން އައިސްފައިވާ އާޔަތްތަކަށް ބެލި ކަމުގައިވީނަމަވެސް ނަމާދުގެ މަޤާމާއި ނަމާދުގެ އަހައްމިއްޔަތުކަން ވަރަށް ސާފުކޮށް ބަޔާންވެގެންދެއެވެ.
މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.
إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ ۗ ﴿٤٥﴾ سورة العنكبوت
މާނައީ: ” ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، منكرات ތައް ނަހީކުރާ ކަމެކެވެ. “
إِنَّنِي أَنَا اللَّـهُ لَا إِلَـٰهَ إِلَّا أَنَا فَاعْبُدْنِي وَأَقِمِ الصَّلَاةَ لِذِكْرِي ﴿١٤﴾ سورة طه
މާނައީ: ”ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ اللَّه އެވެ. ތިމަންރަސްކަލާނގެ މެނުވީ، إله އަކު ނުވެއެވެ. ފަހެ، ތިމަންރަސްކަލާނގެއަށް ކަލޭގެފާނު އަޅުކަން ކުރައްވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރެއްވުމަށްޓަކައި، ނަމާދު قائم ކުރައްވާށެވެ!“
އަދި ބައެއްފަހަރު ޒަކާތާ ގުޅިގެން ނަމާދުގެ ވާހަކަ އައިސްފައިވެއެވެ. މާތްﷲ ވަޙީ ކުރައްވާފައި ވަނީ،
وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ ۚ ﴿١١٠﴾ سورة البقرة
މާނައީ: ” އަދި ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި ތިޔަބައިމީހުން زكاة ދޭށެވެ! “
އަދި ބައެއްފަހަރު ކެތްތެރިކަމާއި ގުޅިގެން ނަމާދުގެ ވާހަކަ އައިސްފައިވެއެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވަނީ
وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى الْخَاشِعِينَ ﴿٤٥﴾ سورة البقرة
މާނައީ: ” އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ). “
އިސްލާމްދީނުގައި ޝަރިޢުކުރެވިގެންވާ އަޅުކަންތަކަށް ބަލާއިރު އެދީން ނަމާދަށް ދީފައިވާ އަހައްމިއްޔަތުކަން އެހެން ހުރިހާ އަޅުކަމަކަށް ދީފައިވާ އަހައްމިއްޔަތުކަމަކަށްވުރެ ބޮޑެވެ. ރަށުގައި ޤާއިމުވެ ހުންނަ މީހާ ނަމާދު ކުރަން ޖެހެއެވެ. ކޮއްޅަށް ހުންނަން ނުކުޅެދިގެންވާމީހާ އިށީނގެ އިނދެގެން ނަމާދުކުރަން ޖެހެއެވެ. އިށީނދެ އިނުމަށް ނުކުޅެދިގެންވަމީހާ އޮށޯވެ އޮވެގެން ނަމާދު ކުރަންޖެހެއެވެ. އަދި ކިއެއްތަ! އެންމެ ނުރައްކާތެރި ވަގުތު ކަމުގައިވާ ހަނގުރާމައިގެ ވަގުތުގައިވެސް ނަމާދު ދޫކޮށްލުން ހުއްދަ ވެގެނެއްނުވެއެވެ.
ނަމާދަށް ފަރުވާކުޑަ ކުރުމުގެ މައްޗަށް މާތްﷲ ޥައީދުގެ ބަސްފުޅުތައްވަޙީ ކުރައްވާފައިވެއެވެ.
فَخَلَفَ مِن بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ ۖ فَسَوْفَ يَلْقَوْنَ غَيًّا ﴿٥٩﴾ سورة مريم
މާނައީ: ” ފަހެ، އެބޭކަލުންނަށްފަހު، އެހެންބަޔަކު އައޫއެވެ. އެއުރެން ނަމާދު ދޫކޮށްލޫއެވެ. އަދި هوى نفس ގެ އެދުންތަކަށް تبع ވޫއެވެ. ފަހެ، ނިކަންހުރެ އެއުރެން ހަލާކާ ކުރިމަތިލާހުށްޓެވެ. “
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
3 އަހަރު ކުރިން